ދުނިޔެ

ތުރުކީން އެންޖެލާ މާކެލްއަށް އަލްވަދާއު ކިޔައިފި

އެންޖެލާ މާކެލް ޖަރުމަނުގެ ޗާންސެލަރުކަމުގައި ތުރުކިއަށް ކުރައްވާ ވަދާއީ ދަތުރުފުޅުގައި އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ ބައްދަލުކުރައްވައިފި އެވެ. ޔޫރަޕްގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ދެބޭފުޅުން ގޮތުގައި ތާރީޚް ލިޔެވޭއިރު އެންޖެލާ މާކެލް މިއަހަރު ވެރިކަމުން ދުރުވެ ވަޑައިގަންނަވާނެ އެވެ.

އެންޖެލާ މާކެލް ޖަރުމަނުގެ ޗާންސެލަރުކަމަށް 2005 ގައި ވަޑައިގެންނެވި އިރުވެސް ތުރުކީގައި އުރުދުޣާން ވެރިކަން ކުރައްވާތާ ދެއަހަރަށް ވުރެ ގިނަ ދުވަސް އޮތީ ވެފަ އެވެ. އެއަށް ފަހު ޖަރުނަމާ ތުރުކިއާ ދެމެދު ގުޅުން ތަންކޮޅެއް ލާހިކުވެ އަންނަނީ ދެމެހެއްޓިނި ނިޒާމަކުން މުއާމަލާތުކުރެވެމުންނެވެ.

ޖަރުމަނުން ތުރުކިއާ މެދު ދެކެނީ އެމެރިކާއާ ޔޫރަޕްގެ ގިނަ ގައުމުތަކުން ދެކޭ ގޮތަކަށް ނޫނެވެ. ޖަރުނަމާ ތުރުކީގެ ގުޅުން މިބައްޓަމަށް ފެތުނީ ވެސް މާކެލްގެ ވެރިކަމުގަ އެވެ.

މާކެލް ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން ތުރުކި އާއެކު މާބޮޑު ޒުވާބަކަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފައި ނުވެ އެވެ. އެހެން ނަމަވެސް ތުރުކީން ކުރާހާ ކަމެއް ރަނގަޅު ކަމަކަށް ވެސް މާކެލް ވިދާޅެއް ނުވެ އެވެ.

ޖަރުމަނުގެ ޗާންސެލަރުކަމުން މާކެލް ވަކިވެ ވަޑައިގަންނަނަވާއިރު ތުރުކީއަށް އޮތް ބިރަކީ ޖަރުމަނުގެ ސިޔާސަތު ބަދަލުވުމެވެ. މިކަމަށް މާކެލް ދެއްވި ޖަވާބަކީ ސަރުކާރު ބަދަލުވުމަކުން ތުރުކީއާ މެދު ޖަރުމަނު ދެކޭ ގޮތް ބަދަލުވުނާނެ ކަމެވެ.

މާކެލް ތުރުކީއަށް ކުރެއްވި ކުރު ދަތުރުފުޅުގައި އުރުދުޣާން ވަރަށް ބޮޑަށް މާކެލްއަށް ތައުރީފްކުރެއްވި އެވެ. ތުރުކީ އާއެކު ބާއްވަވާ ގާތްކަމަށާއި ޖަރުމަނުގައި ދިރިއުޅޭ ތިން މިލިއަން ތުރުކީ މީހުންނާ މެދު ޖަރުމަނުން ދެކޭ ގާތްކަމަށްޓަކަ އެވެ.

އުރުދުޣާން މާކެލްއަށް ތައުރީފްކުރެއްވި އަނެއް ސަބަބަކީ ތުރުކީއަށް ދަތިކުރަން ޔޫރަޕުން ފިޔަވަޅުއަޅަން ގޮވާލާ ކޮންމެ ފަހަރަކުހެން އައްޑަނައަކަށް ވެވަޑައިގެން ތުރުކީ ދިފާއުކުރައްވާތީ އެވެ. މާކެލް އަބަދު ވެސް ވިދާޅުވަނީ ތުރުކިއަކީ ގާތް ބައިވެެރިއެއް ކަމަށާއި އިހާނެތިކޮށް ހިތައިފި ނަމަ ހާލަތު މުޅިން ޚަރާބުވާނެ ކަމަށެވެ.

އޭޝިއާ ގައުމުތަކުން އަދި މެދުއިރުމަތީ ގައުމުތަކުން ތުރުކީ ތެރެއިން ލާފައި ޖަރުމަނަށް ވަގަށް ހިޖުރަކުރާ މީހުން ވަަރަށް ގިނަ އެވެ. މިމައްސަލަ ކޮންޓްރޯލް ކުރުމަށްޓަކައި ޖަރުމަނުން ތުރުކީއަށް ވަރަށް ބޮޑު އެހީތެރިކަމެއް ދެ އެވެ. ތުރުކީގައި މިހާރު ވެސް މިކަހަލަ ހަތަރު މިލިއަން ރެފިއުޖީން އެބަ ތިއްބެވެ. ޖަރުމަނުން ތުރުކިއާ މެދު ގާތް ގޮތަކަށް ނުދެކޭ ނަމަ މިއީ ޖަރުމަނަށް އޮތް ވަރަށް އުނދަގުލަކަށް އަދި ނުރައްކަލަކަށް ވެސް ވާނެ އެވެ.

ތުރުކީން މިއަދު އެންޖެލާ މާކެލްއަށް އަލްވަދާއު ކިޔާއިރު ޖަރުމަނަށް ދެން އިސްވެ ވަޑައިގަންވާ ވެރިއަކަށް ވެސް ތުރުކި އާއެކު ގާތް ގުޅުމެއް ބޭވުން މުހިންމު ކަމަކަށް ވާނެ އެވެ.