ދުނިޔެ

އެމެރިކާއާ ގުރީކުން އަސްކަރީ ގުޅުން ދަމަހައްޓަނީ

އެމެރިކާއާ ގުރީކާ ދެމެދު އޮންނަ "މިއުޗުއަލް ޑިފެންސް އެންޑް ކޯޕަރޭޝަން އެގްރީމަންޓް" ގެ މުއްދަތު އިތުރު ކޮށްފި އެވެ. މިކަމާ ގުޅޭ ގޮތުން ދެ ގައުމުން ވެސް ބުނީ އެއީ ސަރަހައްދީ ރައްކާތެރި ކަމަށްޓަކައި ކޮންމެހެން އަޅަންޖެހިފައި އޮތް ފިޔަވަޅެއް ކަމަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވި ގޮތުން އަސްކަރީ ގޮތުން އެއްބާރުލައިގެން ތިބުމަކީ ނުރައްކާ ކުޑަކޮށްދޭ ކަމެކެވެ. އަދި ވަކި މުއްދަތެއް ނެތް ގޮތަށް އަސްކަރީ ރަހުމަތްތެރިކަން ދެމެހެއްޓުމަކީ ގުރީކު އަސްކަރިއްޔާ ތަމްރީން ކުރުމަށް ފަސޭހަ މަގެކެވެ.

ގުރީކާ އެމެރިކާއާ ދެމެދު އަސްކަރީ އެއްބަސް ވުމުގައި ފުރަތަމަ ސޮއިކުރީ 1990 ވަނަ އަހަރު އެވެ. އެއަށް ފަހު ދޭތެރެ ދޭތެރެއިން މި އެއްބަސްވުމުގެ މުއްދަތު ވަނީ އިތުރު ކޮށްފަ އެވެ. މި އެއްބަސްވުން އެންމެ ފަހުން މުއްދަތު އިތުރުކުރީ 2019 ގައެވެ.

ތުރުކީއަށް ފެންނަ ހިސާބުގައި އެމެރިކާއިން ގުރީކާ އަތު ގުޅާލައިގެން އުޅުމުގެ ބޭނުމަކީ އެ ސަރަހައްދުގައި ތުރުކީ ދައުރު ހަނި ކުރުމެވެ. އެމެރިކާގެ ޖެޓްތައް ބޭނުން ވަގުތެއްގައި ގުރީކު އަސްކަރީ އެއާޕޯޓްތަކަށް ޖައްސައި ފުރައިގެން ދިއުމަކީ ވެސް ތުރުކީއަށް ދަތިކުރަން ކުރާ ކަމެކެވެ.

އެމެރިކާއިން އެ ސަރަހައްދުގައި ގާއިމުވުމަކީ ރަޝިއާއަށް ވެސް އޮތް ނުރައްކަލެކެވެ. ގުރީކަށާއި ޔުކްރޭނަށް އެހީތެރި ވުމަށް ކަމަށް ބުނެ އަސްކަރީ ފައުޖުތައް އެ ސަރަހައްދުގައި ގާއިމު ކުރުމަކީ ޖާސޫސް ކުރުން ފަދަ އަމަލެއް ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވެސް އޮތީ ވިދާޅުވެފަ އެވެ.

އިނގިރޭސިވިލާތުގެ އަސްކަރީ މަނަވަރެއް ކަޅުކަނޑު ތެރެއިން ޔުކުރޭން ކަނޑަށް ވަދެ ރަޝިއާއާށް ފެންނަ ހިސާބަށް ތިލަވި ދުވަހު ވެސް ގުރީކު އަސްކަރީ އެއާބޭސްތަކުގައި އެމެރިކާ ފައުޖުތައް ފޯރިމެރި އެވެ. އަދި އެމެރިކާގެ އަސްކަރީ ޖެޓްތައް އެ ސަރަހައްދުގައި ހަރަކާތްތެރިވާތަން ރަޝިއާގެ ރާޑަރަށް ވަނީ އަރާފަ އެވެ.