އިގްތިސޯދާ އެއްވަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގުޅިފައި ވަނީ ރާއްޖޭގެ މިނިވަންކަމާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިހެން ވިދާޅުވީ އިންޑިއާގެ ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަކީ ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް މިހާތަނަށް އެޅުނު އެންމެ ބޮޑު ހުރަސް ކަމަށް ވިދާޅުވެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވުމުން ދެއްވި ރައްދެއްގަ އެވެ.
ޖީއެމްއާރަށް އެއާޕޯޓް ދިނުމަކީ ބޮޑުތަނުން ދައުލަތް ދަރުވައި ފައިސާކޮޅެއް ހޯދުމުގެ ނަމުގައި އިންޑިއާގެ ކުންފުންޏަކަށް ދިވެހިން މައި ދޮރޯށި ދިނުމުގެ ނުބައި ވިސްނުމެއް ކަމަށް ޝިޔާމް ސިފަ ކުރެއްވި އެވެ. އަދި މިނިސްޓަރު އަމީރު ލައްވައި ޓްވީޓު ކުރުވަނީ ކޮން ކަމެއްގެ އަޖުމަ ބަލަންތޯވެސް ޝިޔާމް ވަނީ ރައީސް ސޯލިހަށް އަމާޒު ކުރައްވާ ސުވާލު ކުރައްވާފަ އެވެ.
ރޭ މިނިސްޓަރު އަމީރު ވިދާޅުވީ ޖީއެމްއާރް އަތުން އެއާޕޯޓު އަތުލުމާ ގުޅިގެން އާބިޓްރޭޝަނުން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށެވެ. އޭގެ ސަބަބުން އެއާޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާ ކުރަން ދިވެހި ސަރުކާރަށް ބަޖެޓުން މަޝްރޫއު ފައިނޭންސް ކުރަން ޖެހުނު ކަމަށެވެ.
ޖީއެމްއާރާއެކު ކުރިއަށް ދިޔަނަމަ 2014 ވަނަ އަހަރު ނިމެން އޮތް އެއާޕޯޓުގެ މަސައްކަތް އެހާތަނަށް ނިންމާނެ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް ހަތް އަހަރު ވެގެންދިޔައިރު އަދިވެސް އެއާޕޯޓުގެ ތަރައްގީގެ މަސައްކަތް ހިނގަމުންދާ ކަމަށާއި ޖީއެމްއާރާއެކު 2014 ގައި އެއާޕޯޓު ތަރައްގީ ކުރެވުނު ނަމަ ކޮވިޑް-19 އައުމާ ހަމައަށް ރާއްޖެއަށް އިތުރު 6.7 މިލިއަން ފަތުރުވެރިން ގެނެވުނީސް ކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ޖީއެމްއާރް ކުންފުންޏަށް ދިގު މުއްދަތަކަށް އެއާޕޯޓް ދިނުމަށް ނިންމީ ޖޫން 28، 2010 ގައެވެ. ޖީއެމްއާރްގެ އެއްބަސްވުން ދިވެހި ސަރުކާރުން ބާތިލްކުރީ ނޮވެމްބަރު 27، 2012 ގައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ.