ލައިފްސްޓައިލް

މީރުވަސް ދުވާ ސެންޓަކަށް ވުރެ ތިމާއާ ގުޅޭ ސެންޓެއް މާ މުހިންމު

Dec 3, 2015
1

އަހަރުމެންގެ ތެރެއިން ގިނަ މީހުން ސެންޓް ގަންނަން ފިހާރަ އަށް ގޮސް އެންމެފުރަތަމަވެސް ބަލަނީ އެންމެފަހުން ނިކުތީ ކޮން ބްރޭންޑެއްގެ ކޮން ސެންޓެއްތޯ އެވެ؟ ނުވަތަ ކޮންމެވެސް އެކުވެރިއެއް ނުވަތަ އާއިލާގެ މީހަކު ޖަހާ ސެންޓަކުން މާ މީރުވަސް ދުވާތީ ހަމައެވައްތަރުގެ ސެންޓް ޖަހަން ބޭނުންވެގެން އޭގެ ފުޅިއެއް ގަނެލަނީ އެވެ.

ގިނަ އަންހެނުންނަކީ ވީހާވެސް ފޮނިވަސް ނުވަތަ ވަސްގަނޑު ގަދަ ސެންޓަށް ލޯބިކުރާ މީހުންނެނެވެ. ހަމައެގޮތަށް ފިރިހެނުންނަކީ ވެސް ވީހާވެސް ވަސްގަދަ ސެންޓް ޖަހާ މީހުންނެވެ.

ކިތަންމެ ވަސްގަދަ ސެންޓް ފުޅިއެއް ގަނެގެން ތިމާ އެ ފުޅިއަކުން ސެންޓް ޖެހުމުން ވަސްމަޑުވެ، އެހެންމީހުން ޖެހުމުން އެސެންޓްގެ ވަސްގަދަވެ، މާމީރު ވަހެއް ދުވާކަމަށް ފާހަގަކުރެވޭ ހެއްޔެވެ؟ މިހެން ދިމާވާ ފަހަރުގައި ގިނަފަހަރަށް ހީކުރެވެނީ ތިމާގެ އަތުގައި އޮންނަނީ ފޭކް ސެންޓް ފުޅިއެއް ހެންނެވެ.

ނަމަވެސް ހަގީގަތަކީ އެ އެއް ނޫނެވެ. މީހާގެ ޕާސަނަލިޓީއިން ވެސް ސެންޓެއްގައި ދުވާ ވަހަށް ބަދަލު އައިސްދާނެ އެވެ.

އެހެންކަމުން ތަނަކުން މީރުވަސް ދުވާ ސެންޓް ފުޅިއެއް ގަތުމުގެ ބަދަލުގައި ތިމާއާއި ގުޅޭ ސެންޓެއް ހޯދަން އިހްތިޔާރުކުރާށެވެ.

ތިރީގައި މިވަނީ ސެންޓް ފުޅިއެއް ގަތުމުގެ ކުރިން ވިސްނާލަންވީ ބައެއް ކަންތައްތެކެވެ.

ގަޔާވާ ސެންޓް ދެނެގަތުން

ސެންޓް ވިއްކާ ފިހާރައަކަށް ސެންޓް ގަންނަ ގޮސް އެތަނުގައި ވިއްކަން ހުންނަ ހުރިހާ ފުޅިއެއްގެ ވަސް ބެލުމުގެ ބަދަލުގައި ތިމާ ގަޔާވަނީ ކޮން ކަހަލަ ވަސްތަކެއް ކަން ފުރަތަމަ ދެނެގަންނާށެވެ. ތިމާއަށް ކަމުދަނީ މާމެލާމެލީގެ ވަސްތޯ ނުވަތަ ފޮނި ވަސް ގަދަ މޭވާތަކުގެ ވަސްތޯ ދެނެގަތުން މުހިންމެވެ. އެންމެ ގަޔާވާ ވަހެއް ހޯދުމުން މާބޮޑު އުނދަގުލެއް އެވަހުގެ އެކި ރޭންޖްތަކުގެ ސެންޓް ހޯދަން ވަރަށް ފަސޭހަވާނެ އެވެ.

ސެންޓް ގަންނަ މީހާ ދެނެގަތުން

އުފަންދުވަހުގެ ހަދިޔާތަކަށާއި އެނިވާސަރީ ފާހަގަކުރުމަށް ހަދިޔާ ބަދަލުކުރުމުގެ ސަގާފަތުގެ ތެރެއިން ސެންޓް ފުޅި ދިނުމަކީ މިހާރު ގިނަމީހުންގެ ތެރޭގައި އޮންނަ އާދައެކެވެ. އެގޮތުން ލިބެން ހުންނަ އެންމެ ލޭޓެސްޓް ސެންޓް ފުޅި ގަތުމުގެ ބަދަލުގައި ހަދިޔާ ދޭ މީހާގެ ޝަހުސިއްޔަތާއި ސެންޓް ފުޅި ގުޅޭތޯ ބަލަން އެބަޖެހެ އެވެ.

އެގޮތުން ސެންޓް ފުޅިއެއް ގަންނަނީ މަންމަ އަށް ކަމަށްވާނަމަ، ވެނީލާ އާއި ވައިޓް މަސްކްގެ ވަސް ދުވާ ސެންޓް ގަތުމަށް އިސްކަންދޭށެވެ. މިފަދަ މަޑުމީރު ވަސްތަކުން މީހާގެ ކޮންފިޑެންސް އިތުރުކޮށްދޭނެ އެވެ.

އެކުވެރިޔަކަށް ނުވަަތަ އަންހެން ބައިވެރިޔާއަށް ސެންޓް ގަންނަ ނަމަ އޭނާ އަކީ ވަރަށް ސަކަ މިޒާޖެއްގެ މީހެއްނަމަ މާމެލާމެލީގެ ވަސްތަކާއި އެކި ވައްތަރުގެ ބެރީސްތަކުގެ ވަސްދުވާ ސެންޓް ގަންނާށެވެ. މިފަދަ ފޮނި ވަސް ގަދަ ސެންޓަކުން މަޖާ އެކުވެރިޔާގެ ސަކަކަން އެލެގެންސާއި ގްރޭސް އާއެކު ފެނިގެންދާނެ އެވެ.

ކާފޫރު ތޮޅި އާއި ލެވެންޑާގެ އިތުރުން ފޮނިތޮށީގެ ވަސްއެކުލެވޭ ސެންޓު ބައްޕައަށް ގަންނަނަމަ ގަންނާށެވެ.

ލޯބިވެރިޔާ ނުވަތަ ފިރިމީހާ އަށް ސެންޓް ގަންނަ އަންހެންކުދިން އާންމުކޮށް ސެންޓްފުޅީގައި ފޮށިގަނޑުގެ ބޭރުގައި ހުންނަ ފިރިހެން މޮޑެލްގެ ރީތިކަމަށް ބަލާފައި ސެންޓް ގަންނަނަމަ ތިހެދެނީ ވަރަށް ބޮޑު ގޯހެކެވެ. ބައިވެރިޔާ އަށް ގަންނަ ސެންޓުގައި ލުނބޯ، ސެޑާ ނުވަތަ އޯކް މޮސް އައި މެންޑަރިންގެ ނޯޓްސް އެކުލެވޭ ސެންޓް ގަންނަނާށެވެ.

ހަންގަނޑާއި ގުޅޭ ސެންޓެއް ހޯދުން

ހިތަށް އަރާފާނެ އެވެ. ހަންގަނޑާއި ސެންޓުގައި ދުވާ ވަހާއި އޮންނަނީ ކޮން ގުޅުމެއް ހެއްޔެވެ؟ ސެންޓް ގަންނަ ފިހާރައަކަށް ގޮސް ޓެސްޓްކުރުމަށް އަތުގެ ހަންގަނޑަށް ޖަހާށެވެ. ޖަހާފައި އިރުކޮޅެއް ފަހުން ވަސްބަލައިލާށެވެ. އެގޮތުން އެންމެފުރަތަމަ ތިމާގެ ހަންގަނޑުގެ ވައްތަރު ދެނެގަންނާށެވެ. މާބޮޑަށް ޑްރައި ހަންގަނޑެއް ހުންނަ ނަމަ ހަންގަނޑަށް ޖަހާ ސެންޓުގެ ވަސް ވަރަށް އަވަހަށް ފިލާނެ އެވެ. އެހެންކަމުން ސެންޓުގެ ވަސް ގިނައިރު ބެހެއްޓުމަށް ސެންޓު ޖެހުމުގެ ކުރިން މޮއިސްޓަރައިޒާއެއް ގައިގަ އުނގުޅާށެވެ. އޭރުން މޮއިސްޓަރައިޒާއާ ސެންޓް އެކުވެ، ގިނައިރު ވަސް ހުންނާނެ އެވެ.

ސެންޓް ޖަހާނީ ގަވާއިދަކަށް

ހަށިގަނޑުގެ ފިނި ހޫނުމިނަށް އަންނަ ބަދަލުގެ ސަބަބުން ގަޔަށް ޖަހާ ސެންޓުގެ ވަހަށްވެސް ބަދަލުއާދެ އެވެ. އެގޮތުން ސެންޓުގެ ވަސް ވީހާވެސް ގިނައިރު އަދި ވަސް ދުވާގޮތަށް ބެހެއްޓުމަށް ގަޔަށް ސެންޓު ޖަހާއިރު ޕަލްސް ޕޮއިންޓްތަކަށް ޖެހުން މުހިންމެވެ. އެގޮތުން އަތުކުރީގައި އާއި ކަރުގަ ހުންނަ ޕަލްސް ޕޮއިންޓަޔާއި އަތުގެ އުޅަނބޮއްޓާއި ދިމާލުން އެތެރޭގައި ގިނައިރު ސެންޓްގެ ވަސް ބަހައްޓަން އުނގުޅިދާނެ އެވެ.