ފުލުހުން މިދިޔަ ބުދަ ދުވަހު ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން 100 ކިލޯ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި 10 މީހުންގެ ތެރެއިން އަށް މީހެއްގެ މައުލޫމާތު ފުލުހުން ހާމަކޮށްފި އެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ 10 މީހުންނަކީ އުމުރުން 19 އަހަރާއި 61 އަހަރާ ދެމެދުގެ މީހުންނެވެ. މީގެތެރޭގައި ދެ ބިދޭސީން ވެސް ހިމެނެ އެވެ.
މައުލޫމާތު ހާމަކުރި އަށް މީހުން
- ނ. ވެލިދޫ، ބީޗްހެވެން، ޖުމާން މުސްޠަފާ (19އ)
- ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒައިދު ހަބީބު (25އ)
- ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހްމަދު (34އ)
- ހދ. ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާނު (24އ)
- ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސައިން (61އ)
- ގއ. ދެއްވަދޫ، ދޭލިޔާގެ މިދުހަތު އިބްރާހީމް (26އ)
- ބަނގްލަދޭޝް، އެމްޑީ ރަފީގުލް އިސްލާމް (35އ)
- ބަނގްލަދޭޝް، ޑީއެމް މޮބިން (24އ)
ޑްރަގް އޮޕަރޭޝަންގައި ހައްޔަރުކުރި 10 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ދެ މީހުން ދޫކޮށްލާފަ އެވެ. އެހެންވެ އެ ދެ މީހުންގެ މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ފުލުހުން ބުނީ ކޯޓުން ދޫކޮށްލި ދެ މީހުންނަކީ 100 ކިލޯ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް އުޅުނު ދެ މީހުން ކަމަށެވެ. އެހެންވެ އެ ދެ މީހުންގެ ބަންދުގެ މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށެވެ.
ކޯޓުން މުއްދަތު ޖެހި މީހުންގެ ތެރެއިން ޖުމާންއާއި، ޒައިދާއި މުހައްމަދު އަހްމަދުގެ ބަންދަށް ކޯޓުން ދިނީ 10 ދުވަހެވެ. ސިނާނާއި، މުހައްމަދު ހުސައިނާއި ރަފީގުލް އިސްލާމާއި ޑީއެމް މޮބިންގެ ބަންދަށް ކޯޓުން ދިނީ 15 ދުވަހެވެ. އަދި މިދުހަތުގެ ބަންދަށް ދީފައިވަނީ ފަސް ދުވަހެވެ.
މި މީހުން ހައްޔަރުކުރީ ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލެ އާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކުރުމަށްފަހު އެވެ.
ފުލުހުން ބުނީ 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާ ގައި ފޮރުވާފައި ހުއްޓާ ކަމަށެވެ.
މި އޮޕަރޭޝަނާ ދާދި އެކު އެކީގަހެން ހިންގުނު އިތުރު އޮޕަރޭޝަނެއްގައި ވެސް ފުލުހުން ވަނީ 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެކަމަކު އެ ދެ މީހުންގެ މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.