ކަނޑުމަތީގެ ހާދިސާ

ކުއްޖާ ހޯދަން ވައިގެ އުޅަނދުތައް ބޭނުމެއް ނުކުރޭ!

Oct 17, 2021
3

މޫސުން ވަރަަށް ބޮޑަށް ގޯސްވެފައި ވަނިކޮށް މާލެއިން ފުރައިގެން ވ. ފުލިދޫއަށް ދަތުރު ކުރަނިކޮށް ބަންޑުން ޖަހާލި ލޯންޗުން ކަނޑު މައްޗަށް ގެއްލުނު ކުޑަ ކުއްޖާ ހޯދުމުގައި ސިފައިންގެ ވައިގެ ފްލީޓްގައި ހިމެނޭ އެއްވެސް އުޅަނދެއް އަދި ބޭނުން ނުކުރާކަން އަވަސް އެނގިއްޖެ އެވެ.

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ކަމަށް ބުނާ ޑޯނިއާ މަތިންދާ ބޯޓަކާއި ދެ ހެލިކޮޕްޓަރު ސިފައިންގެ ވައިގެ ފްލީޓްގައި އޮވެ އެވެ.

ކުޑަ ކުއްޖަކު ގެއްލިގެން އުޅޭއިރު ވައިގެ އުޅަނދުތައް ބޭނުން ނުކުރަނީ ކީއްވެގެންތޯ އަވަސް އިން ދެންނެވުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ އޮޕަރޭޝަންގައި ވައިގެ އުޅަނދުތައް ބޭނުންކުރުމާއި އަދި ނުކުރުމާ ގުޅޭގޮތުން ވެސް މިވަގުތު ސިފައިން ވަކި އެއްޗެއް ދަންނަވަން ބޭނުން ނުވާ ކަމަށެވެ.

އެކަމަކު ޑޯނިއާ މަތިންދާ ބޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެ އެ ބޯޓު މިވަގުތު ބޭނުން ނުކުރެވޭކަން ޔަގީންކޮށްދެއްވި އެވެ. އޮފިސަރު އިތުރަށް ވިދާޅުވީ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާތީ ކުޑަކުއްޖާ ހޯދުމުގެ މަސައްކަތުގައި ބައެއް "ލިމިޓޭޝަން" އެބަހުރި ކަމަށެވެ.

ކުއްޖާ ހޯދުމުގެ އޮޕަރޭޝަންގައި އެމްއެންޑީއެފްގެ ވައިގެ ފްލީޓް ބޭނުން ނުކުރި ނަމަވެސް ކޯސްޓްގާޑުގެ އުޅަނދުތައް ދަނީ ލޯންޗް ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ކަނޑުމައްޗަށް ގެއްލޭ މީހުން ހޯދުމަށް މީގެކުރިން މަދަނީ އެއާލައިންތަކުން ވެސް ހާއްސަ މަސައްކަތްތަކެއް ކުރެ އެވެ. އެކަމަކު އެފަދަ އޮޕަރޭޝަނެއް ވެސް ހިނގަމުންދާ ކަމަކަށް އަދި މިހާތަނަށް އެމްއެންޑީއެފުން ބުނެފައެއް ނުވެ އެވެ. ނަމަވެސް ގެއްލިގެން ހޯދަމުންދާ ކުއްޖާ ހޯދުމަށް ސިފައިން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.

ގެއްލިގެން ހޯދަމުންދާ ކުއްޖާގެ މަންމަ ވެސް ވަނީ އިއްޔެގެ އެކްސިޑެންޓްގައި މަރުވެފަ އެވެ. އަދި ގެއްލިގެން ހޯދާ ކުއްޖާގެ އެއްބަޑުއެއްބަފާ އިތުރު ކުއްޖަކު ވެސް ލޯންޗް ހާދިސާގައި ކަނޑުވި އެވެ. އެކަމަކު އެ ކުއްޖާ ވަނީ ސަލާމަތް ކޮށްފަ އެވެ.

އިއްޔެ ހަވީރު 5:00 ޖަހާ އެހާކަންހާއިރު އައި ކޮޅިގަނޑެއްގެ ތެރޭ ރާޅުގައި ޖެހި ލޯންޗު ބަންޑުން ޖެހީ ކ. އޮޅުވެލި ރިސޯޓުގެ އިރުދެކުނު ބޭރަށެވެ.