އިދިކޮޅު ފަރާތްތައް

އިދިކޮޅުގެ "މިނިވަންކަމުގެ ހިނގާލުން" ހުކުރު ދުވަހު

އިިދިކޮޅު ކޯލިޝަނުން އިންތިޒާމު ކޮށްގެން ބާއްވާ ހިނގާލުމެއް ހުކުރު ދުވަހު އޮންނާނެ ކަމަށް އެ ކޯލިޝަނުން އިއުލާނު ކޮށްފި އެވެ.

އިދިކޮޅުގެ ހިނގާލުން ކުރިއަށް ގެންދަން ނިންމާފައިވަނީ "މިނިވަންކަމުގެ ހިނގާލުން" މި ނަމުގައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ހުކުރު ދުވަހުގެ ހިނގާލުމަކީ ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލަށް ބުރޫއަރާފަދަ އެތައް ކަމެއް ތަކުރާރުކޮށް ފެންނަމުންދާތީ އެކަންކަމާއި ދެކޮޅު ހެދުމުގެ ގޮތުން ކުރިއަށް ގެންދަނ ނިންމާފައިވާ ހިނގާލުމެއް ކަމަށެވެ. ރާއްޖޭގެ މިނިވަންކަން ގެއްލޭނެ ކަންކަމާއި ދެކޮޅަށް ދިވެހިން ތެދުވަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ހިނގާލުން ފެށޭނީ އެ ދުވަހުގެ ހަވީރު 4:00 ޖަހާއިރު ޕީޕީއެމްގެ އޮފީސް ކުރިމަތިންނެވެ.

އިދިކޮޅު ކޯލިޝަންގެ ހަރަކާތްތައް މެދުކަނޑާލާފައި އޮތީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް މާލޭގައި ބޭއްވި ސާމްޗެންޕިއަންޝިޕާއި ގުޅިގެންނެވެ. އޭގެ ކުރީން ބޮޑެތި އެއްވުންތަކާއި އިހުތިޖާޖުތައް ސިލްސިލާކޮށް ކުރިއަށް ގެންގޮސްފައިވެއެވެ.