އަހުމަދު ޝިޔާމް

ޝިޔާމް ހައްޔަރު ކުރުމަށްފަހު ދޫކޮށްލައިފި

ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހައްޔަރު ކުރުމަށްފަހު ދޫކޮށްލައިފި އެވެ.

ޝިޔާމް ހައްޔަރުކުރީ މިރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި އެއްވުމުގެ ތެރެއިންނެވެ. މިދިޔަ ދެތިން ދުވަހު ދުވާލާއި ރޭގަނޑުގެ އެކި ވަގުތުތަކުގައި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ދަނީ މަގުތަކަށް ނިކުމެ އިހުތިޖާޖު ކުރަމުންނެވެ. އިންތިހާބު އަވަސް ކުރުމާއި ކޮވިޑް ބަލިން ދިފާއުވުމަށް ރާއްޖޭގައި ޖަހާ ވެކްސިންގެ ޔަގީންކަން ދިނުމަށް އެމީހުން ގޮވާލައެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ މެންބަރު ޝިޔާމް ހައްޔަރު ކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. މުޒާހަރާގެ ތެރެއިން އިދިކޮޅު ސަޕޯޓަރަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށްވެސް ބުންޏެވެ. އެއީ އުމުރުން ދުވަސްވީ އަންހެނެކެވެ. އެ މީހާއަށް އޭޑީކޭގައި ފަރުވާ ދެމުންދާއިރު އޭނާ ހާލު ސީރިއަސް ކަމަށްވެސް ބުންޏެވެ.

މިއަދު މެންދުރުގެ އެއްވުމުގެ ތެރެއިން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބު ރައީސް އިބްރާހިމް ޝުޖާ ވަނީ ހައްޔަރުކޮށްފައެވެ. އެ ދެ ބޭފުޅުން ދޫކޮށްނުލާ މިރޭ ދޫނިދޫއަށް ގެންގޮސް ޖަލުގައި ބަންދުކޮށްފައިވާ ކަމަަށްވެސް އިދިކޮޅުން ބުނެއެވެ.