ހަބަރު

ހުޅުމާލޭގެ 45 ސަރަހައްދެއްގައި ސެކިއުރިޓީ ކެމެރާ ހަރުކުރަނީ

Jan 18, 2015

ހުޅުމާލޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ގޮތުން ހުޅުމާލޭގެ 54 ސަރަހައްދެއްގައި ސެކިއުރިޓީ ކެެމެރާ ހަރުކުރަން ނިންމާފައިވާ ކަމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، ސުހެއިލް އަހުމަދު އިއްޔެ ވިދާޅުވީ ހުޅުމާލެ ތަރައްގީވެގެން އައި މިންވަރަށް ބަލާއިރު ސަލާމަތީ މައްސަލަތައް ހައްލު ކުރެވިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ފުލުހުންގެ ކަމެއް ކަމަށާއި ނަމަވެސް ފުލުހުންގެ ބަޖެޓުގެ ދަތިކަމުގެ ސަބަބުން އެކަން ނުކުރެވިފައިވާ ކަމަށް ސުހެއިލް ވިދާޅުވި އެވެ.

ސުހެއިލް ވިދާޅުވީ އެޗްޑީސީގެ ހަރަދުގައި ހުޅުމާލޭގެ 54 ސަރަހައްދެއްގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އިތުރު ސަރަހައްދުތަކުގައި ވެސް ކެމެރާ ހަރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެޗްޑީސީން ކޮންޓްރިބިއުޓް ކޮށްގެން މިހާރު އެބައޮތް ސެކިއުރިޓީ ކެމެރާ ހަރުކުރަން ހުޅުމާލޭގެ 54 ލޮކޭޝަނެއް ކަނޑައަޅާފައި،" ސުހެއިލް ވިދާޅުވި އެވެ.

ސުހެއިލް ވިދާޅުވީ އެ ސަރަހައްދުތައް ކަނޑައެޅީ މިހާރު މީހުން ދިރިއުޅޭ ސަރަހައްދުތައް ބެލުމަށް ފަހު ފުލުހުން ކަމަށެވެ. އަދި އެ ފަރާތުގެ ވިސްނުން ހުރީ އަހަރުތަކަކަށް ބަހާލައިގެން ސެކިއުރިޓީ މައްސަލަ ހައްލުކުރުން ކަމަށް ވެސް ސުހެއިލް ވިދާޅުވި އެވެ.

މީގެ އިތުރުން ސުހެއިލް ވިދާޅުވީ ހުޅުމާލޭގެ ފުރަތަމަ ފިޔަަވަހީގެ ދަށުން މަގުމަތީ ލައިޓްތައް ހަރުކުރީ އޭރު މީހުން ދިރުއުޅޭ ސަރަހައްދުތަކުގައި އެކަނި ކަމަށެވެ. ނަމަވެސް މިހާރު އެއާޕޯޓާ ގުޅާލުމާއި އާބާދީ އިތުރުވުމުގެ ސަބަބުން މުޅި ރަށަކީ މިހާރު ބޭނުންކުރާ ތަނަކަށް ވެފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ހުޅުމާލޭގެ މަގުތަކުގައި އެލްއީޑީ ލައިޓްތައް ޖެހުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ސުހެއިލް ވިދާޅުވި އެވެ.

ސުހެއިލް ވިދާޅުވީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އެމްއެންޑީއެފަށް ބޭނުންވާ ސާމާނު މިހާރު އޯޑަރު ކޮށްފައިވާ ކަމަށާއި އަލިފާން ނިވުމުގެ ދިމާވާ މައްސަލަތައް ހައްލުކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.