ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިސްލާހީ ފިޔަވަޅު ފެށެނީ ތިމާގެ ނަފުސުން

އިޞްލާޙީ ކޮންމެ ފިޔަވަޅެއް ފެށިގެންދަނީ ތިމާގެ އަމިއްލަ ނަފްސުންކަން، މާތް ނަބިއްޔާ ޢަމަލީ ގޮތުން ސާބިތުކޮށްދެއްވައިފައިވާ ކަމަށާއި ކޮންމެ ކަމަކަށް ގޮވައިލެއްވި ކަމުގައިވިޔަސް، އެކަމެއްގެ އެންމެ ފުރިހަމަ ގޮތް، އެކަލޭގެފާނު ޢަމަލީ ގޮތުން، މުޅި އުންމަތަށް ދެއްކެވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޢީދު މީލާދުގެ މުނާސަބާގައި ފޮނުއްވި ތަހުނިޔާގެ މެސެޖްގައެވެ.

މާތް ނަބިއްޔާގެ ޢީދު މީލާދުގެ މަތިވެރި ހަނދާންތައް އައުކުރާ މިއުފާވެރި މުނާސަބަތުގައި، އަޅުގަނޑުމެންގެ ވިސްނުމަކަށް ހަދަންވީ، އެ މަތިވެރި ޒިކުރާއިން މިއަދުގެ މުޖްތަމަޢަށް ބޭނުންވާ ފިލާވަޅުތައް ލިބިގަތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ނަބިއްޔާގެ ރިސާލަތުން މަތިވެރި ކާމިޔާބު އުންމަތެއް ބިނާވެގެން ދިޔައީ، ފަރުދީ އިޞްލާޙީ ފިޔަވަޅުތަކުން، އުފެދުނު އިޖްތިމާޢީ ބަދަހި ގުޅުންތަކެއްގެ ސަބަބުން ކަމަށާއި މުޅި އިސްލާމީ އުންމަތް މިއަދު ބޭނުންވަނީ އެފަދަ އިޞްލާޙީ ފިޔަވަޅުތަކަކަށް ކަމުގައި ވިދާޅުވިއެވެ.

ނަބަވީ ރިސާލަތުން ލިބިދޭ އެންމެ މަތިވެރި ފިލާވަޅަކީ، ޤައުމުގެ ކުރިއެރުމާއި ތަރައްޤީގެ އަޞްލެއްގެ ގޮތުގައި، މުޖްތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އޮންނަ މިންވަރު ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އިޞްލާޙީ ކޮންމެ ފިޔަވަޅެއް ފެށިގެންދަނީ ތިމާގެ އަމިއްލަ ނަފްސުންކަން، މާތް ނަބިއްޔާ ޢަމަލީ ގޮތުން ސާބިތުކޮށްދެއްވައިފައިވާ ކަމަށާއި ކޮންމެ ކަމަކަށް ގޮވައިލެއްވި ކަމުގައިވިޔަސް، އެކަމެއްގެ އެންމެ ފުރިހަމަ ގޮތް، އެކަލޭގެފާނު ޢަމަލީ ގޮތުން، މުޅި އުންމަތަށް ދެއްކެވި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

އެގޮތުން ތިމާގެ އަތުން އަނެކާއަށް އަނިޔާއެއް ގޯނާއެއް ނުކުރުމާއި ދުލުން އަނެކާގެ އަބުރާ ނުބެހުމާއި އަނެކާގެ މުދަލަކަށް ގެއްލުމެއް ނުދިނުމާއި ތިމާގެ ހިތުގައި އަނެކާއާ މެދު ޙަސަދަވެރިކަމެއް ނުބޭއްވުން ފަދަ ރިވެތި ސިފަތައް ޢަމަލުން ދައްކަވާފައިވާ ކަމަށް ވިދާޅުވިއެވެ.