ސްޓާ ވޯޒްގެ ފިލްމެއްގެ މަންޒަރުތަކެއް ރާއްޖޭގައި ނަގާ ޚަބަރުތަކެއް މިދިޔަ ހަފުތާގައި ފެތުރިގެން ދިއުމުން މި ފިލްމުތަކެއްގެ އަޑު މިއީ ތަނަށް ނާހައި ތިބި ހުރިހައި ދިވެހިން ވެސް އެންމެފަހުން ސްޓާ ވޯޒްގެ ފޭނުންނަށް ބަދަލުކޮށްލައިފި އެވެ. އަނެއްކޮޅުން މި ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ޕްރިމިއާކުރަން ހަމަޖެހިފައިވާ މި ސިލްސިލާގެ އާ ފިލްމު "ދަ ފޯސް އެވޭކެންސް" އާއެކު ފިލްމުގެ ފޯރި އޮތީ އަދި ވަކިން ބޮޑުވެފަ އެވެ.
އެހެންވީމަ މި އޮތީ "ސްޓާ ވޯޒް" ގެ ވަފާތެރި އަދި އަލަށް މި ފިލްމު ސިލްސިލާއެއްގެ ފޭނުންނަށް ބަދަލުވި ދިވެހިންނަށް ވެސް ނިކަން ވަރުގަދަ ހަދިޔާއެކެވެ.
ސްޓާ ވޯޒްގެ ސިލްސިލާގައި މިހާތަނަށް ނެރުނު ހުރިހާ ފިލްމެއް އެންމެ ތިން މިނެޓް ތެރޭގައި ބަލައިލުމުގެ ފުރުސަތެކެވެ.
ކުރިއަށް އޮތީ މި ސިލްސިލާގެ ހަތް ވަނަ ފިލްމެވެ. މިއީ މި ފިލްމު ސީރީޒްއެއް އުފެއްދި ޑައިރެކްޓަރު ޖޯޖް ލޫކަސްގެ ލޫކަސްފިލްމް 2012 ވަނަ އަހަރު ޑިޒްނީ އަށް ވިއްކާލުމަށް ފަހު އިއުލާނުކުރި "ސްޓާ ވޯޒް ޓްރިލޮޖީ" ގެ ދަށުން ގެނެސްދޭ ފުރަތަމަ ފިލްމެވެ.
މި ޓްރިލޮޖީގެ ދަށުން އުފައްދާ ދެ ވަނަ ފިލްމު "ރޯގް ވަން" ގެ ޝޫޓިން މިހާރު އެ ދަނީ ލ. އަތޮޅުގައި ކުރިއަށެވެ. އެ ފިލްމު ނެރޭނީ 2017 ވަނަ އަހަރު އެވެ.
މި ސިލްސިލާގެ ފުރަތަމަ ފިލްމަކީ 1977 ވަނަ އަހަރު ޖޯޖް ލޫކަސް ލިޔެ ޑައިރެކްޓްކުރި "ސްޓާ ވޯޒް" އެވެ. އެއަށް ފަހު ނެރުނީ "ދަ އެމްޕަޔާ ސްޓްރައިކްސް ބެކް" އެވެ. އެއަށް ފަހު "ރިޓާން އޮފް ދަ ޖެޑާއި" އެވެ.
މި ތިން ފިލްމަކީ އޮރިޖިނަލް ސްޓާ ވޯޒްގެ ޓްރިލޮޖީ އެވެ.
އެއަށް ފަހު ދެން ނެރެފައި ވަނީ ޕްރިކްއެލް ޓްރިލޮޖީ އެކެވެ. އޮރިޖިނަލް ތިން ފިލްމަށް ލިބުނު ވަރުގެ ތަރުހީބެއް ފަހުން ނެރުނު މި ތިން ފިލްމަކަށް ނުލިބެ އެވެ.
އެންމެ ފަހު ފިލްމު "ރިވެންޖު އޮފް ދަ ސިތު" ނެރެފައި ވަނީ 2005 ވަނަ އަހަރު އެވެ.
އަލަށް ނެރޭ ފިލްމު "ދަ ފޯސް އެވޭކެންސް" އަކީ އޮރިޖިނަލް ތިން ފިލްމުގެ ވާހަކަ ނިމުނުތާ 30 އަހަރު ފަހުން ހިނގާ ކަންތައްތަކެއް ދައްކުވައިދޭނެ ފިލްމެކެވެ.
ސްޓާ ވޯޒްގައި ދައްކުވައި ދެނީ ގެލެކްޓިކް ރިޕަބްލިކްއޭ ކިޔުނު ދައުލަތެއްގެ ދަށަށް ނިސްބަތްވާ ޕްލެނެޓްތަކެއްގައި ހިނގާ ހަނގުރާމަތަކެކެވެ. މި ދުނިޔޭގައި ހުރިހާ ކަމެއް ވެސް ބިނާވެގެން ދަނީ އާދަޔާހިލާފު ބާރެއް ކަމުގައިވާ "ފޯސް" ގެ ބޭނުން ހިފާ ގޮތަކަށެވެ. އެގޮތުން ޖެޑާއިއޭ ކިޔުނު ބަޔަކީ މި "ފޯސް" ގެ ބޭނުން ރަނގަޅު މަގުސަދެއްގައި ހިފާ މީހުންނެވެ.
އެމީހުންނާ ކުރިމަތިލާ "ސިތު" އޭ ކިޔުނު ބައިގަނޑަކީ "ފޯސް" ގެ ބޭނުން ނުބައި މަގުސަދުތަކަށް ހިފާ މީހުންނެވެ. ސިތު ލިޝްކަރުގެ ބޭނުމަކީ ޖެޑާއިގެ ބާރު ކަނޑުވާލުމަށް ފަހު ގެލެކްސީގެ ކޮންޓްރޯލް އަތުލުމެވެ.