ބައެއް ދަރިވަރުންނަށް އިލްމު އުނގެނުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މާގިނަ ތަކެތި އެނގޭ ކަމަށް ގަބޫލުކުރެވުން ކަމަށާއި އެއީ ދަރިވަރުން އިސްލާހުކުރަން ޖެހޭ ވަރަށް ބޮޑު މައްސަލައެއް ކަމުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުތަކުގެ މަތީ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް މިރޭ ތާޖުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ. އައިޝަތު އަލީ ވިދާޅުވީ ކިޔެވުމުގެ މަރުހަލާގައި ދަރިވަރުން އިލްމު ހޯދުމަށް މަަސައްކަތް ކުރަންވާނެ ކަމަށެވެ. އެކަމަކު އިލްމު އުނގެނުމުގެ ތެރޭގައި މާގިނަ ތަކެތި އެނގޭކަމަށް ބައެއް ދަރިވަރުންނަށް ހީވުން އެއީ އިލްމު ހޯދުމުގައި އޮތް ހުރަހެއް ކަމަށެވެ. އެކަން ރަނގަޅު ކުރުމަށް ދަރިވަރުންގެ ކިބައިން މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
މިނިސްޓަރު ވިދާޅުވީ އިލްމު ހޯދުމަށް ބޭނުންވާ ދަރިވަރުންނަކީ ތިމާ އަށް އެނގޭ މިންވަރު މަދު ކަމަށް ގަބޫލުކުރާ ދަރިވަރުން ކަމަށެވެ. އޭރުން އަބަދުވެސް އާ ކަންކަން ހޯދައި ދަސްކުރުމަށް އެ ދަރިވަރަކު ޝައުގުވެރިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ދަރިވަރުންނަކީ ކިޔެވުމުގެ އިތުރަށް ދިރިއުޅުމަށް ތައްޔާރުވެފައިވާ ބަޔަކަށް ހަދައިދިނުމަށް ވެސް މިނިސްޓަރު ވަނީ މައިންބަފައިންނަށް އިލްތިމާސް ކުރައްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ ކޮންމެ ކުއްޖަކީ ވެސް ކޮންމެ ވެސް ދުވަހަކުން މައިންބަފައިންނާއި ވަކިން އެ ކުދިންގެ އަމިއްލަ ދިރިއުޅުމެއް ކުރިއަށް ގެންދާނެ ކުދިން ކަމަށެވެ. އެހެންކަމުން ދަރިވަރުންނަށް މާއްދާތަކުން ލިބޭ ގްރޭޑަށް ވުރެ މުހިއްމީ ލިބުނު އިލްމުގެ ބޭނުން ހިފައިގެން ދިރިއުޅުމުގެ މައްސަލަތައް ހައްލުކުރުމުގެ ހުނަރާއި ފުންކޮށް ވިސްނުމުގެ ހުނަރާއި ގޮތްނިންމުމުގެ ހުނަރު ދަސްވުން ކަމަށެވެ.
"ދަރިން ދެކެ ލޯބިވާތީ ނުވަތަ އެ ކުދިންގެ ކިޔެވުމަށް ބުރޫއަރާފާނެތީ އެ ކުދިން ލައްވާ އެއްވެސް މަސައްކަތެއް ނުކުރުވުމަކީ ރަނގަޅު ކަމެއް ނޫން،" ޑރ. އައިޝަތު އަލީ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެންމެ ކާމިޔާބު ކުދިންނަކީ ހޯދާ އިލްމާއި ހުނަރު މުޅި ގައުމަށް ފޯރުކޮށްދީގެން ގިނަ ބަޔަކަށް އެކުދިންގެ ހެޔޮ އަސަރުތައް ލިއްބައިދޭ ކުދިން ކަމަށެވެ. އުނގަންނައިދިނުމަކީ އޭގެ އަސަރުތައް ޖީލުތަކަކަށް ފެތުރިގެންދާ އަދި ދެ ދުނިޔޭގައި ވެސް ހެޔޮ ޖަޒާ ލިބޭ އަބުރުވެރި މަސައްކަތަކަށް ވާތީ ކިޔެވުމުގައި އެންމެ ހުނަރުވެރި ދަރިވަރުން މުދައްރިސުންނަށް ވުމަކީ އެންމެ ބޮޑު އެދިވަޑައިގަތުން ކަމުގައިވެސް ވިދާޅުވި އެވެ.
"އެއީ ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް އެ ކުދިންނަށް ކޮށްދެވޭނޭ އެންމެ ބޮޑު އެއް ހިދުމަތް،" މިނިސްޓަރު ވިދާޅުވި އެވެ.
ޑރ. އައިޝަތު އަލީ ވިދާޅުވީ ތައުލީމީ ހަޔާތުގައި މޮޅު ކުދިން މުދައްރިސުންގެ ގޮތުގައި ތައުލީމީ ދާއިރާ އަށް ވަނުމަކީ މޮޅެތި ދަރިވަރުން ތަރުބިއްޔަތު ކުރުމަށް އެންމެ މުޖައްރިބު އެއްގޮތް ކަމަށެވެ. ކޮންމެ ދަރިވަރަކު ޝައުގުވެރިވާ ދާއިރާއެއް ދެނެގަނެ އެ ދާއިރާއަކުން އެކުދިން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.
"މިރޭ މި މަހެފިލުން އަޅުގަނޑުމެންނަށް މި ފެންނަނީ ވެސްކިޔެވުމުގެ ރޮގުގައި ވިދާ ބަބުޅާ އަލިގަދަ ތަރިތަކެއް. އަޅުގަނޑުމެންގެ ސްކޫލުތަކުގައި އެކި ރޮނގު ރޮނގުން ވިދާ ބަބުޅާ އެތައް ތަރިތަކެއް،" މަތީ ސާނަވީ އިމްތިހާނުތަކުގެ މަތީ ވަނަތައް ހޯދި ދަރިވަރުންނަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވި އެވެ.
މޮޅެތި ދަރިވަރުން ބިނާކުރުމަށްޓަކައި މައިންބަފައިން ކުރައްވާ ބުރަ މަސައްކަތާއި ވަމުންދާ ގުރުބާނީ ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.
"އެތައް ރެއެއްގެ ނިދި ނަގާލައި އެތައް މަސައްކަތްތަކެއްކޮށް އެތައް ގުރުބާނީތަކެއް [މައިންބަފައިން] ވެއްޖެ. ބެލެނިވެރިންގެ ލޮލުގެ ކޮއިފަދަ ދަރިން ކޮންމެ އިމްތިހާނަކު ރަނގަޅު ނަތީޖާ ހޯދާތޯ ކޮށްދެވޭނެ ހުރިހާ މަސައްކަތްތަކެއް ތިޔަ ދަނީ ކޮށްދެއްވަމުން،" މިނިސްޓަރު ވިދާޅުވި އެވެ.