ބައެއް މީހުންގެ އުމުރާއި ހާލަތު ހުންނަ ގޮތުން އެހެން މީހުންގެ އެހީ އާއި މަދަދާ ނުލާ ދިރިއުޅެން ދަތިވެ އެވެ. އިންޑިއާގެ ޕޫނޭގައި ދިރިއުޅޭ ރަތަން ނަމަކަށް ކިޔާ ދުވަސްވީ މި މާމަ އަކީ ވެސް އެފަދަ މީހެކެވެ.
ކިތަންމެ ދަތިހާލުގައި ރަތަން އަށް އުޅެން ޖެހުނަސް ސަލާން ޖެހުމަކީ އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އެހެންވެ އެކި ތަންތަނުން ގަލަން ހޯދައިގެން މަގުމަތީގައި އިނދެ އެ ގަލަންތައް ވިއްކުމުގެ މަސައްކަތް ރަތަން ކޮންމެ ދުވަހަކު ވެސް ކުރެ އެވެ.
ވިއްކަން ގެންގުޅޭ ގަލަންތައް ރަތަން އަޅައިގެން އުޅެނީ ބޯކަރުދާސް ފޮށިގަނޑަކަށެވެ. އެ ފޮށިގަނޑުގެ މަތިގަނޑުގައި ވަރަށް ރަނގަޅު މެސެޖެއް އޭނާ ލިޔެފައި ވެއެވެ: "ސަލާން ޖަހާކަށް ބޭނުމެއް ނޫނެވެ. މިތަނުން ނޫ ގަލަމެއް ގަނެބަލާށެވެ. ރަހުމަތް ލައްވާނެ އެވެ!"
ރަތަންގެ ވާހަކަ ސޯޝަލް މީޑިއާގައި ޝެއާ ކުރީ ސްޓޫޑިއޯއެއް ހިންގާ ޝިކާރަތީ ނަމަކަށް ކިޔާ މީހެކެވެ. އޭނާ ބުނެފައި ވަނީ އެއް ދުވަހަކު އެކުވެރިޔަކާއެކު އެމްޖީ ރޯޑުގައި އުޅެނިކޮށް ރަތަން ފެނިގެން އޭނާ ކައިރިއަށް ދިޔައީ ކަމަށެވެ. އަދި ރަތަން ގަލަން ވިއްކާތަން ފެނިގެން އޭނާ އަތުން ގަލަން ގަނެ އެ ހިސާބުގައި އުޅޭ އެހެން މީހުން ވެސް ރަތަން އަށް އެހީތެރިވެ ދިނުމަށް އެދި މި ޕޯސްޓް ޝެއާ ކުރީ ކަމަށެވެ.
"އަހަރެންނަށް މިއަދު ހަގީގީ ހީރޯ އެއް އަދި ޗެމްޕިއަންއަކާ ބައްދަލުވި. އެއީ ރަތަން. އެކުވެރިއަކާއެކު ބޭރުގައި އުޅެނިކޮށް އަހަންނަށް ރަތަން އާ ދިމާވީ. ރަތަން ގަލަން ވިއްކަން އިން އިރު އަހަރެންގެ ލޮލުގައި އަޅައިގަތީ އޭނާ ގަލަން އަޅައިގެން އުޅޭ ފޮށީގެ މަތިގަނޑުގައިވާ ލިޔުން. އެ ކިޔާފައި އަހަންނާއި އަހަރެންގެ އެކުވެރިޔާ ރަތަން އަތުން ގަލަން ގަތިން. ރަތަން އުފަލުން ގޮސް ފޮޅުނު. އޭނާއަށް ލިބުނު އުފާވެރިކަމާއި އަހަރެމެންނަށް ޝުކުރު އަދާކުރާ މިންވަރު ރަތަންގެ ލޮލުން އެ ވަގުތު ފެނުނު،" ޝިކާ ޝެއާ ކުރި ޕޯސްޓުގައި ވެއެވެ.
ޝިކާގެ ޕޯސްޓު ސޯޝަލް މިޑިއާގައި ދައުރުވެ ގިނަ ބަޔެއްގެ ސަމާލުކަން މިއަށް ލިބުނެވެ. އަދި ރަތަން ގަލަން ވިއްކަން އިންނަ ހިސާބަށް ދާނަމަ އޭނާ އަތުން ގަލަން ގަންނާނެ ކަމަށް ގިނަ ބަޔަކު ބުނެފައި ވެއެވެ.
ވަރަށް ކުޑަކުޑަ މިފަދަ ކަމަކުން ވެސް މީހެއްގެ ނުވަތަ ބައެއްގެ ދިރިއުޅުމަށް ކޮންމެވެސް ވަރެއްގެ އެދެވޭ ބަދަލެއް ގެނެވިދާނެ ކަމަށާއި މިއީ ރަތަން ނޫނަސް އެހެން މީހުންނަށް އެހީތެރިކަން ފޯރުވުމުގައި ވެސް ވިސްނާލަން ޖެހޭ ކަމެއް ކަމަށް މި ޕޯސްޓަށް ކޮމެންޓުކުރި މީހުން ބުނެފައި ވެއެވެ.