އިނގިރޭސި ވިލާތުގެ ކެލްސީ ސަމާސްއަށް އަދި 26 އަހަރެވެ. އެއީ މިދިޔަ އަހަރެވެ. އޭނާ ހެދުން އަޅަނިކޮށް އުރަމަތީގައި ގަނޑެއް އިންކަމުގެ އިހްސާސް ކުރެވުނެވެ. އެހާ ޅަ އުމުރުގައި ބްރެސްޓް ކެންސާ ޖެހިދާނެ ކަމުގެ ޝައްކެއް ވެސް އޭރު އޭނާގެ ހިތަކު ނެތެވެ. ނަމަވެސް އޭނާގެ މަންމައަށް ބްރެސްޓް ކެންސާ ޖެހުނީ 28 އަހަރުގަ އެވެ. އެހެންވެ މެމޯގްރާމެއް ހަދަން ސަމާސް ގަސްތުކުރި ނަމަވެސް އޭނާ އެހާ ހާހެއް ނުވެ އެވެ. އަދި އޭނާއަށް ކެންސަރު ޖެހިފައި ހުރެދާނެ ކަމަކަށް އޭނާ އެއްގޮތަކަށް ވެސް ހިތަކަށް ނާރަ އެވެ.
"އަހަރެންގެ ޕީރިއަޑް ދުވަސްވަރު ކައިރިވީމަ އަބަދުވެސް އުރަމަތީގެ ގަނޑުލާފަ ޕީރިއަޑް ރަނގަޅުވާއިރު ގަނޑު ވެސް ދާނެ. އެހެންވެ އަހަރެން ހިތަށް އެރީ މިފަހަރު ވެސް އެއީ ހަމަ އެފަދަ ގަނޑެކޭ،" އިނގިރޭސި ވިލާތުގެ ޓުޑޭ އާ ވާހަކަ ދައްކަމުން ސަމާސް ބުންޏެވެ.
ސަމާސް ބުނި ގޮތުގައި ގަނޑު އިން ކަމުގެ އިހްސާސް ވިޔަސް އޭނާއަކަށް އެގަނޑު އިން ތަނަކަށް އެއްވެސް ވަރަކަށް ތަދެއް ނުވެ އެވެ. އުމުރު ހަގު ކަމުން އެއްވެސް ނުރައްކާތެރި ބައްޔެއް ޖެހިދާނެ ކަމަކަށް ސަމާސްގެ ހިތަކަށް ނާރަ އެވެ.
ނަމަވެސް ސަމާސްގެ އެކުވެރިޔެއް ކައިރީ މި ވާހަކަ ބުނުމުން ޓެސްޓް ހަދާލުން ރަނގަޅު ކަމަށް މަޝްވަރާ ދިނެވެ. ސަމާސް ޑޮކްޓަރަކަށް ދެއްކީ އެހެންވެ އެވެ. ޑޮކްޓަރަށް ދައްކައިގެން ހެދި ބައޮޕްސީ އިން ސަމާސްގެ ބްރެސްޓް ކެންސާ ހުރިކަން ޔަގީންވި އެވެ. ނަމަވެސް އަދި ކެންސަރު ހުރީ ފުރަތަމަ ސްޓޭޖުގަ އެވެ.
އެއީ އޮކްޓޯބަރު 2020 އެވެ. ކޮވިޑް-19 އިގެ ވެކްސިން ވެސް އަދި ވުޖޫދަށް ނާދެ އެވެ. ޕެންޑެމިކްގެ މެދުތެރޭގައި ކަމުން ސަމާސް އަށް ބްރެސްޓް ކެންސާގެ ފަރުވާ ހޯދަން ވެސް ދަތިތަކާ ކުރިމަތިވި އެވެ. ނަމަވެސް ސާޖަރީ ހަދައި ކީމޯތެރަޕީގެ ފަރުވާ ހޯދައިގެން މިހާރު އޭނާގެ ހަށިގަނޑުން ކެންސަރުގެ ހުރިހާ އަސަރެއް ވަނީ ނައްތާލެވިފަ އެވެ.
ސަމާސް ބުނި ގޮތުގައި ކެންސަރު ހުރިކަން އެނގުނު ވަގުތަކީ އޭނާގެ ހަޔާތުގައި މިހާތަނަށް ކުރެވުނު އެންމެ ބިރުވެރި ތަޖުރިބާ އެވެ. ނަމަވެސް ވަގުތުން ފަރުވާ ފެށޭގޮތްވެ މުޅިން ބަލި ފަސޭހަ ކުރެވެން މެދުވެރިވީތީ މިއަދު އޭނާ އުފާ ކުރެ އެވެ.
އާއްމުކޮށް ބްރެސްޓް ކެންސާ ޖެހެނީ 50 އަހަރުން މަތީގެ މީހުންނަށް ބަލި ޖެހޭ މީހުންގެ ނުވަ ޕަސެންޓަކީ 45 އަހަރުން ދަށުގެ މީހުންނެވެ. އުމުރުން ހަގު މީހުންގެ ތެރެއިން ބްރެސްޓް ކެންސަރު ޖެހުމުގެ ނުރައްކާ އެންމެ ބޮޑީ އާއިލާގެ ގާތް މީހަކަށް އުމުރުން 45 އަހަރު ނުވަނީސް މި ބަލި ޖެހިފައިވާނަމަ އެވެ.
ބްރެސްޓް ކެންސާ ހުރި ކަމުގެ އަލާމާތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފެންނަ އެއް އަލާމާތަކީ އުރަމަތީގައި ގަނޑެއް ނުވަތަ ލަމްޕެއް އިނުމެވެ. ނަމަވެސް ސަމާލުވާން ޖެހޭ އެހެން ބައެއް އަލާމާތްތައް ވެސް ހުރެ އެވެ. އޭގެ ތެރޭގައި ބައެއް މީހުންގެ ކޮލުގައި އިންނަ ވަޅުކޮޅު (ޑިމްޕަލް) ގޮތަށް އުރަމަތީގައި ވަޅުކޮޅެއް ނުވަތަ ވަޅުކޮޅުތަކެއް ހުރުމެވެ. ރަތް ކުލައިގެ ބިހިތަކެއް ނެގުމާއި ދުޅަވުން އަދި ޑިސްޗާޖް އައުން ފަދަ ކަންކަމީ ވެސް ބަލީގެ އަލާމާތްތަކެވެ.
ދުނިޔޭގައި ބްރެސްޓް ކެންސާ ޖެހޭ މީހުންގެ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ސަމާސްގެ އިލްތިމާސް އަކީ އަމިއްލަ ހަށިގަނޑުން ދޭ މެސެޖުތައް އަޑު އަހައި އެއަށް ސަމާލުވުމެވެ. އަދި ސިއްހަތާ މެދު ފަރުވާ ކުޑަ ނުކުރުމެވެ.