ބޮލީވުޑް

އާލިއާއަށް ނެޝަނަލް އެވޯޑު ލިބޭނެކަން ރަންބީރަށް ޔަގީންވާ ފިލްމެއް

ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓް ކޮށްފައިވާ އަދި އާލިއާ ބަޓް ލީޑް ރޯލު ކުޅެފައިވާ "ގަންގުބާއީ ކަތިއާވަޅީ" އިން އާލިއާއަށް ނެޝަނަލް އެވޯޑު ހައްގު ކަމަށް ރަންބީރު ކަޕޫރު ގަބޫލު ކުރެ އެވެ.

މި ފިލްމު އަދި ރިލީޒް ނުކުރިޔަސް ފިލްމުގެ ބައެއް ބައިތައް ބާންސާލީ މިހާރު ރަންބީރަށް ދައްކާފައިވާ ކަމަށް ވެއެވެ. އަދި މި މަންޒަރުތައް ބަލާފައި އާލިއާގެ މޮޅު ކަމުން ރަންބީރު ހުރީ ބަސް ހުއްޓިފައި ކަމަށް ވެސް ފިލްމުފެއާގައިވާ ހަބަރެއްގައި ބުނެފައި ވެއެވެ.

ރަންބީރުގެ ގާތް އެކުވެރިއަކު ބުނެފައި ވަނީ ދުވަހަކު ވެސް އާލިއާއަށް ނެޝަނަލް އެވޯޑެއް ލިބެންޏާ މި ފިލްމުން ލިބޭނެ ކަމަށް ރަންބީރު ގަބޫލު ކުރާ ކަމަށެވެ.

މިއަހަރު ނިމުމުގެ ކުރިން އާލިއާ އާއި ރަންބީރު ކައިވެނި ކުރަން ތައްޔާރުވަމުން އަންނަ ކަމުގެ ހަބަރުތަކުގެ އަޑުވެސް މި ދުވަސްވަރު ވަނީ ވަރަށް ގަދަވެފަ އެވެ.

"ގަންގޫބާއީ ކަތިއާވަޅީ" ގެ ޝޫޓިން ފެށިތާ ދެ ތިން އަހަރު ވަނީ ފާއިތުވެފަ އެވެ. ބާންސާލީ އުފައްދާ ފިލްމުތައް އާއްމު ގޮތެއްގައި ވެސް ނިންމަނީ ވަރަށް ގިނަ ދުވަހުން ނަމަވެސް މި ފިލްމު މިހާބޮޑަށް ލަސްވީ ކޮވިޑް-19 ޕެންޑެމިކް އާ ހެދި އެވެ.

މިހާރު އިއުލާން ކޮށްފައިވާ ގޮތުން "ގަންގޫބާއީ ކަތިއާވަޅީ" ރިލީޒް ކުރާނީ 2022 ގެ ޖެނުއަރީ ހަވަނަ ދުވަހު އެވެ. މި ދުވަސް ވާނީ އާލިއާގެ ކެރިއަރުގައި ވަރަށް ބޮޑު އިމްތިހާތަނަކާ ކުރިމަތިލާން ޖެހޭ ދުވަހަކާ އެވެ. ސަބަބަކީ އޭނާގެ މަލްޓިލިންގުއަލް ފިލްމު "އާރްއަރްއާރް" ރިލީޒްކުރާނެ ކަމަށް އިއުލާން ކޮށްފައިވަނީ ވެސް ހަމަ މި ތާރީހުގައި ކަމަށް ވާތީ އެވެ. އާލިއާގެ މި ދެ ފިލްމުގައިވެސް އޭނާއާއެކު އަޖޭ ދޭވްގަން ބައިވެރިވެ އެވެ.