ބޮލީވުޑް

ބާންސާލީ، ރަންބީރު ކޮވިޑަށް ޕޮޒިޓިވްވެ، އާލިއާ ކަރަންޓީނަށް

މަޝްހޫރު ފިލްމު ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ އަށާއި އެކްޓަރު ރަންބީރު ކަޕޫރަށް ކޯވިޑް-19 ޖެހިއްޖެ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފި އެވެ. ރަންބީރަށް ކޯވިޑް ޖެހިއްޖެ ކަމަށް އިއްޔެ އިންޑިޔާގެ ބައެއް ނޫސްތަކުން ބުނި ނަމަވެސް އާއިލާއިން އެކަން ޔަގީން ކޮށްދީފައިވަނީ މާ ފަހުންނެވެ. ކުރިން ރަންބީރުގެ ބޮޑުބޭބެ ރަންދީރު ކަޕޫރު ބުނެފައިވަނީ ރަންބީރު ވަރަށް ބަލިވެ އުޅޭ ކަމަށާއި ކޯވިޑްކަން ޔަގީން ނުވާ ކަމަށެވެ.

ނަމަވެސް ރަންބީރުގެ މަންމަ ނީތޫ ކަޕޫރު އިއްޔެ ސޯޝަލް މީޑިއާގައި ޝެއާކުރި މެސެޖެއްގައި ރަންބީރަށް ކޮވިޑް ޖެހިފައިވާ ކަމަށް ބުނެފައި ވެއެވެ.

އިންޑިއާގެ ނޫހަކުން ބުނި ގޮތުގައި ބާންސާލީ ޕޮޒިޓިވްވީކަން އެނގުނީ އާލިއާ ބަޓް ލީޑް ރޯލަށް ލައިގެން އޭނާ އުފެއްދުމަށް މަސައްކަތްކުރާ "ގަންގުބައި ކަތިއާވަޅީ"ގެ ޝޫޓިންގްގައި މުމްބައިގެ ގޮރެގައޮން ފިލްމު ސިޓީގައި ހުއްޓަ އެވެ.

ވަގުތުން އޭނާ އެހެން މީހުންނާ އެކަހެރިވެ އަދި ގޭގައި ކަރަންޓީނު ވާން ދިޔައީ ކަމަށާއި ކޯވިޑްގެ އަލާމާތްތައް އަދި އޭނާގެ ކިބައިން ނުފެންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އާލިއާ ވެސް މި ވަގުތު ހުރީ ކަރަންޓީނުގަ އެވެ. އެއީ ރަންބީރު އާއި ބާންސާލީ އާއެކު އޭނާ ވަރަށް ގާތްކޮށް ފާއިތުވީ ދުވަސްތަކުގައި މަސައްކަތް ކޮށްފައިވާތީ އެވެ. ރަންބީރު އާއެކު "ބްރަހްމަޝްތުރާ"ގެ ޝޫޓިންގައި ދާދި ފަހަކާ ޖެހެންދެން އާލިއާ އުޅެފައި ވެއެވެ. އަދި ބާންސާލީ އާއެކު "ގަންގޫބާއީ"ގެ ޝޫޓިންގައި ވެސް އޭނާ ދިޔައީ ބައިވެރި ވަމުންނެވެ. ނަމަވެސް އާލިއާގެ ޓެސްޓްގެ ނަތީޖާ ދެއްކީ ނެގެޓިވްކޮށް ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުން ވަނީ ބުނެފަ އެވެ. އަނެއްބައި ނޫސްތަކުން ބުނަނީ އާލިއާގެ ޓެސްޓުގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ.

ބާންސާލީ ޕޮޒިޓިވް ވުމުން އޭނާއާއެކު ފިލްމުގެ ޝޫޓިންގްގައި މަސައްކަތްކުރި އެންމެން ޓެސްޓްކޮށް މިހާރު ވަނީ ކަރަންޓީނަށް ފޮނުވާފަ އެވެ. އަދި ބާންސާލީގެ މަންމަ ވެސް ޓެސްޓްކޮށް ގޭގައި ވަކިން ކަރަންޓީނު ކޮށްފައި ވެއެވެ.
ރަންބީރުގެ މަންމަ ނީތޫ ބުނީ ރަންބީރު ކޮވިޑަށް ފަރުވާ ހޯދަމުންދާ ކަމަށާއި ބޭސް ކައިގެން ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

ބޮލީވުޑްގެ ގިނަ އަދަދެއްގެ ފަންނާނުންނަށް މިހާތަނަށް ކޯވިޑް ޖެހިފައި ވެއެވެ. އޭގެ ތެރޭގައި އަމީތާބު ބައްޗަން އާއި އަބީޝެކް ބައްޗަން އަދި އައިޝްވަރިޔާ ރާއީ ހިމެނެ އެވެ. އަދި ވަރުން ދަވަން އާއި ކްރީތީ ސެނޯން އަށް ވެސް ކޯވިޑް ޖެހި މިހާރު ވަނީ ފަސޭހަ ވެފަ އެވެ.