ބޮލީވުޑް

ވިޔާނުދާ އުޅުން ދޫކޮށްލަން އާރްޔަން ވައުދުވެއްޖެ

މިހާރު އުޅެމުންދާ ވިޔާނުދާ ދިރިއުޅުން ދޫކޮށްލާ މުޅިން އިސްލާހް ވާނެ ކަމަށް ޝާހް ރުކް ހާންގެ ދަރިފުޅު އާރްޔަން ހާން ވައުދު ވެއްޖެ އެވެ. މަސްތުވާ ތަކެތީގެ މައްސަލައެއްގައި މިހާރު ޖަލުގައި ބަންދު ކޮށްފައި ހުރި އާރްޔަން މިހެން ބުނެފައި ވަނީ މުމްބާއިގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ޖަލުގައި ކުރިޔަށް ގެންދާ ކައުންސެލިން ސެޝަންތަކެއްގައި ކަމަށް އެންސީބީގެ އޮފިޝަލަކާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފައި ވެއެވެ.

މި މައްސަލަގައި 23 އަހަރުގެ އާރްޔަންގެ އިތުރުން ދެން ވެސް ގިނައިން ހައްޔަރު ކޮށްފައި ވަނީ އެ އުމުރުގެ ޒުވާން ކުދިން ތަކެކެވެ. މި ކުދިންގެ މައްޗަށް މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމާއި އެ ތަކެތި ގެންގުޅުމާއި ބޭނުން ކުރުމުގެ ތުހުމަތު ކުރެވިފައިވީ ނަމަވެސް ސާބިތު ވަނީ ހަމައެކަނި މަސްތުވާ ތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތެވެ.

އާރްޔަން އަށް ކައުންސެލިން ދިނުމުގައި އިސްކޮށް މަސައްކަތް ކުރާ އެންސީބިގެ ޒޯނަލް ޑައިރެކްޓަރު ސަމީރް ވަންކެޑޭ އާއި ބައެއް ސޯޝަލް ވޯކަރުން ކައިރީގައި އާރްޔަން ބުނި ކަމަށް ވަނީ ޖަލުން ނުކުމެގެން ކުރީގެ ވިޔާނުދާ އުޅުން މުޅިން ދޫކޮށްލައި މުޖުތަމައަށް ފައިދާ ހުރި މީހަކަށް ވާން ގަސްތުކުރާ ކަމަށެވެ. އަދި އިޖްތިމާއީ މަސައްކަތްތަކެއް ކުރަން ފަށަނެ ކަމަށާއި ފަގީރުންނާއި ހާލުގައި ޖެހިފައިވާ އެހެނިހެން ވެސް މީހުންގެ ހާލަތު ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ވެސް އާރްޔަން ބުނި ކަމަށް ވެއެވެ. އަދި މިހާތަނަށް ކުރަމުން ދިޔަ ވިޔާނުދާ ހުރިހާ ކަމެއް ދޫކޮށްލައި އެންމެން ވެސް އޭނާ އާ މެދު ފަހުރުވެރިވާ ފަދަ ދަރިއަކަށް ވާނެ ކަމަށް ވެސް އާރްޔަން ވައުދުވީ ކަމަށް ވެއެވެ.

އޭނާ އާ ބެހޭ ގޮތުން މީގެ ފަހުން އެއްވެސް ގޯސް ވާހަކައެއް އަޑު އިވުނަ ނުދޭނެ ކަމަށް ވެސް އާރްޔަން ބުނި ކަމަށް ވެއެވެ.

ގޯއާ އަށް ފުރަން ތައްޔާރުވެފައި އޮތް ކްރޫޒް ޝިޕް އަކުން އޮކްޓޯބަރު ދެވަނަ ދުވަހު އާރްޔަން އާއެކު ހައްޔަރުކުރީ އޭނާގެ ހަތް އެކުވެރިއެކެވެ. މީގެ ތެރޭގައި ޒުވާން ދެ އަންހެނުން ވެސް ހިމެނެ އެވެ.

ކަފާލާތުގެ ދަށުން އާރްޔަން މިނިވަން ކުރަން މިހާތަނަށް ދެ ފަހަރެއްގެ މަތިން ކޯޓުގައި މައްސަލަ ބަލާފައި ވިޔަސް މި ދެ ފަހަރު ވެސް އާރްޔަން އަށް ކަފާލާތު ލިބިފައެއް ނުވެ އެވެ. ދެން އެންމެ އަވަހަށް މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އޮކްޓޯބަރު 20 ވަނަ ދުވަހު އެވެ.