ކުރީގެ ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް

ރައީސްގެ ދެކަނބަލުން އެކަނިވެރި މައިންނަން 1000 ރުފިޔާ ދެއްވަނީ

  • ފައިސާ ދެއްވަނީ ރައީސްގެ އަމިއްލަފުޅު ހަރަދުގައި
  • އިނާޔަތް ދޫކުރަނީ މުލިއާގެއިން 
  • 1،000 ވުރެ ގިނަ މީހުންނަށް އެލަވަންސް ލިބޭ

އެކަނިވެރިމައިންނަން ރައީސް އަބްދުﷲ ޔާމީނާއި އަނބިކަނބަކުން ފާތުމަތު އިބްރާހިމްގެ ދެކަނބަލުން 1000ރ. އިނާޔަތެއް ދެއްވަން ފައްޓަވައިފި އެވެ. ރައީސްގެ ދެކަނބަލުންގެ ފަރާތުން ހާއްސަ އިނާޔަތެއްގެ ގޮތުގައި ދެއްވާ 1000ރ. ދެނީ އާސަންދަ އޮފީހުގައި އެކަނިވެރި މައިންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ކޮންމެ ފަރާތަކަށެވެ.

ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުގައި އިސްކޮށް ހަރަކާތެރިވާ ފާތުމަތު ޒޭނާ ވިދާޅުވީ، ރައީސްގެ ދެކަނބަލުންގެ ފަރާތްޕުޅުން އެކަނިވެރި މައިންނަށް އިނާޔަތެއް ދޭން ނިންމަވައި، އިނާޔަތް ދޭން ފެއްޓެވީ މިއަދު ހެނދުނު 10:30 ގައި މުލީއާ ގޭގައި ކަމަށެވެ.

ޒޭނާ ވިދާޅުވި ގޮތުގައި އާސަންދަ އޮފީހުގައި އެކަނިވެރި މައިންގެ ގޮތުގައި މިހާރު ރަޖިސްޓްރީވެފައިވާ 3000 މީހުންގެ ތެރެއިން 18 އަހަރުން ދަށުގެ ކުދިން ބަލާ ހުރިހާ މައިންނަށް އެޕާޓީ އިން އަންނަނީ ގުޅަމުންނެވެ. ރައީސް އާއި މެޑަމް ފާތުމަތު އިބްރާހިމްގެ ފަރާތްޕުޅުން މިއަދު ދެއްވާ އިނާޔަތަކީ، ކުރިއަށް އޮތް ދިރާސީ އަހަރާ ދިމާކޮށް ކުދިންގެ ސްކޫލަށް ބޭނުންވާ ހަރަދަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ދެއްވާ އިނާޔަތެއް ކަމަށް ވެސް ޒޭނާ ވިދާޅުވި އެވެ. އެގޮތުން، ވިލިމާލެ އާއި ހުޅުމާލެއާއި އެކު މާލޭގެ ފަސް އަވަށަކުން ޖުމުލަ 125 ފަރާތަކަށް މިއަދު އެއެލަވެންސް ދޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"އަށާރަ އަހަރު ނުފުރޭ ކުދިން ބަލަމުން އަންނަ އެކަނިވެރި މައިންނަށް އެލަވަންސް ދެމުން މި އަންނަނީ. އަޅުގަނޑުމެން މި ދަނީ އާސަންދައިގެ ހުރިި ލިސްޓް އަޕްޑޭޓް ކޮށް އެލިސްޓްގައި ތިބި ޕޭރަންޓުންނަން ގުޅައިގެން އެމީހުންގެ 18 އަހަރު ނުފުރޭ ކުދިން ތިބި އަދަދު ބަލާ ކޮންމެ ކުއްޖަކަށް 1000 ރުފިޔާގެ އިނާޔަތް ދެމުން،" ޒޭނާ ވިދާޅުވި އެވެ.

ޒޭނާ ވިދާޅުވީ، ރަށްރަށުގައި ތިބި އެކަނިވެރި މައިން ވެސް ކެމްޕޭން އޮފީހަށް ގުޅައި، ހަމަޖައްސައި އިންތިޒާމްތަކެއްގެ ތެރެއިން އެ ފައިސާ ރަށްރަށުގައި ތިބި ފަރާތްތަކަށް ވެސް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ. އެކަމުގައި އިނާޔަތް ދޫކުރުން ކުރިއަށްދާނީ މިއަދާ މާދަމާ ހެނދުނު 10:30 އިން ހަވީރު 3:00 އަށެވެ. ޒޭނާ ވިދާޅުވި ގޮތުގަައި އެ އިނާޔަތް ދެއްވަނީ ރައީސް އާއި މެޑަމް ފާތުންގެ އަމިއްލަ ފުޅު ހަރަދުގަ އެވެ. އަދި މިއީ ދައުލަތުގެ ބަޖެޓާ އެއްވެސް ގޮތަކަށް ގުޅުން އޮތް ކަމެއް ނޫން ކަމަށް ވެސް ޒޭނާ ވިދާޅުވި އެވެ.