ފީވަށް

ފީވަކު ބަނދަރަށް ދޯންޏެއް ބަންޑުން ޖަހާލައިފި

Oct 18, 2021

ފީވަކު ބަނދަރަށް ދޯންޏެއް ބަންޑުން ޖަހާލައިފި އެވެ.

ފުލުހުންގެ ހިދުމަތުން ބުނީ ހދ. ކުޅުދުއްފުށި ސިޓީން ފުރައިގެން ށ. ފީވަކަށް ދަތުރުކުރި ކުޑަ ދޯންޏެއް ބަންޑުން ޖަހާލާފައިވާ ކަމަށެވެ. އެ ދޯނި ބަންޑުން ޖަހާލީ ފީވަކު ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައެވެ. ދޯނީގައި އެވަގުތު ތިން މީހަކު ތިބި ކަމަށްވެސް ބުންޏެވެ.

ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ވަނީ ހިނގާފައެވެ. ކަނޑުމަތީގެ ހާދިސާއެއްގައި ހަތަރު އަހަރުގެ ކުއްޖަކު ވަނީ ގެއްލިފައެވެ. ކުއްޖާގެ މަންމަ ވަނީ ކަނޑުވެ މަރުވެފައެވެ. މިއަދު ކާށިދޫ ކަނޑަށްވެސް 22 އަހަރުގެ ޒުވާނަކު ވެއްޓުނެވެ. އަދި މާލޭގެ ވައިޓަރު މަތީ މަސް ބާނަން ހުރި މީހަކު މޫދަށް ވެއްޓި މަރުވެފައިވެއެވެ. ބޯވަ ނަގަން ގޮސް އުޅުނު މީހަކު އޮޔާދަނިކޮށްވެސް ސަލާމަތް ކޮށްފައިވެއެވެ.