ލައިފްސްޓައިލް

ކައިވެނި ކުރަން ތެއްޔެއްގައި ދަތުރު ކޮށްފި

އިންޑިއާގެ ކެރެލާއަށް މިދިޔަ ހުކުރު ދުވަހު ވަރަށް ގަދަޔަށް ވިއްސާރަ ކުރި އެވެ. ވިއްސާރައިގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމާއި ކޯރުތައް ފުރިގެން ބަންޑުން ދިއުން ފަދަ ކަންކަން ދިމާވި އެވެ. އަދި ފެންބޮޑުވެ ޗަކަ ހެދިފައިވާ މަގުތަކުގައި ވެހިކަލް ދުއްވުމަށް ދަތިތަކާ ކުރިމަތިވި އެވެ.

ހޯމަ ދުވަހާ ހަމައަށް ވިއްސާރަ ދިގުލައިގެން ދިޔައިރު މަގުތަކުގައި އެއްގޮތަކަށް ވެސް މީހުންނަށް ވެހިކަލް ދުއްވައި އަދި ހިނގާ ބިނގާވެ އުޅެވޭ ވަރެއް ނޫނެވެ. އެއަށް ވުރެ މަގުތަކުގެ ހާލަތު އޮތީ ގޯސް ވެފަ އެވެ. މިފަދަ ވަގުތެއްގައި ވެސް ކެރެލާގައި އަލަށް ކައިވެނި ކުރަން އުޅޭ ދެ ޒުވާނުން ކަމަށްވާ ރާހޫލް އާއި އައިޝްވަރިޔާގެ ރޫހު ހުރީ ކޮންމެ ހާލެއްގައި ވެސް ކައިވެނި ކުރާ ގޮތަށެވެ.

ހޯމަ ދުވަހުކުރަން އޮތް މި ކައިވެންޏަށް އަލައްޕުއްޒާގެ ތަލަވަޑީ ކިޔާ އަވަށުގައި ހުރި ހޯލެއްގައި މި މީހުންގެ ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމުގެ ކަންތައްތައް ފުރިހަމަ ކޮށްފައި ވެއެވެ.

ތެލީގައި ދެ މީހުން ދަތުރުކުރާ މަންޒަރު

އާންމުގޮތެއްގައި ކެރެލާގައި ކުރާ ކައިވެނި ތަކުގައި ކައިވެނިކުރާ ދެ މީހުން ކައިވެނިކުރާ ތަނަށް އަންނަނީ ކާރުގަ އެވެ. ނަމަވެސް އެ އަވަށުގެ މަގުތަކުގައި ފެންބޮޑުވެ، ކާރު ފަދަ ވެހިކަލްތަކަށް ވެސް ދަތުރު ކުރެވޭ ވަރެއް ނުވި އެވެ. ނަމަވެސް މިއީ މި ދެ މީހުންގެ ހިތް މަރުވާން ދިމާވި ކަމަކަށް ނުވި އެވެ. އާއިލާގެ އެހީތެރިކަމާ އެކު އެމީހުން ވަނީ ކައްކަން ބޭނުންކުރާ ކަހަލަ އެލްމިނިއަމް ބޮޑު ތެއްޔެއްގައި ތިބެގެން ކައިވެނިކުރާ ހޯލަށް ދަތުރުކޮށްފަ އެވެ.

މި މީހުން ތެއްޔެއްގެ ތެރެއަށް އެރި އިށީނުމުން އެ ތެލި ފެންގަނޑު ތެރޭން ގެންގޮސް ދިނުމުގައި އެހީތެރިވީ ދެ ފިރިހެނެކެވެ.

މި "ތެލި ދަތުރު" ރާވާދިނީ ރާހޫލްގެ އާއިލާގެ މީހެކެވެ. އޭނާ ބުނި ގޮތުގައި ފެންބޮޑުވުމުގެ ސަބަބުން އެ ސަރަހައްދުގެ ގިނަ މަގުތަކެއް ވަނީ ބަންދުވެފަ އެވެ. އަދި ވެހިކަލްތަކަށް ދަތުރު ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. ނަމަވެސް ކައިވެނިކުރަން ހަމަޖެހިފައިވާ ހެޔޮ ސާއަތުގައި އެކަން ކުރަން ބޭނުންވާތީ "ތެލި ދަތުރު" ގެ އިންތިޒާމް ހަމަޖެއްސީ އެވެ.

ތެލިގައި ދަތުރުކޮށް ކައިވެނީގެ ހޯލަށް ގޮސް މި ދެ މީހުން ވަނީ ކައިވެނީގެ ހުރިހާ ރަސްމިއްޔާތެއް ފުރިހަމަކޮށްފަ އެވެ. ނަމަވެސް ދެ މީހުންގެ އާއިލާގެ މީހުންނާއި ކައިވެނީގެ ރަސްމިއްޔާތަށް ދައުވަތު ދިން މީހުންގެ ތެރެއިން ކައިވެނި ކުރި ތަނަށް އާދެވުނީ މަދު ބަޔަކަށެވެ.

ކައިވެންޏަށްފަހު ރިޕޯޓަރުންނާ ވާހަކަ ދައްކަމުން ރާހޫލް ބުނި ގޮތުގައި ކައްކާ ތެއްޔެއްގައި ދަތުރު ކުރާކަށް އޭނާ އާއި އައިޝްވަރިޔާ އެއްގޮތަކަށް ވެސް ބިރެއް ނުގަނެ އެވެ. އަދި އެމީހުންނަށް ތެލީގައި ތިބެގެން ކައިވެނިކުރާ ހޯލަށް އާދެވި ހުރިހާ ކަމެއް ރާވާފައިވާ ގޮތަށް ފުރިހަމަ ކުރެވުނީތީ ވަރަށް އުފާވި ކަމަށް ވެސް ރާހޫލް ބުންޏެވެ.

ކައިރި އަވަށެއްގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ އައިޝްވަރިޔާ އާއި ރާހޫލް ބުނީ ކައިވެނި ކުރަން ހަމަޖެހިފައިވާ ހޯލު ބަލައި އެތަނުގައި ކައިވެނީގެ އިންތިޒާމްތައް ހަމަޖެއްސިއިރު ވިއްސާރައިގެ އަސަރެއް ވެސް އެ އަވަށަކަށް ނެތެވެ. ނަމަވެސް ހުކުރު ދުވަހުން ފެށިގެން ބޯކޮށް ވާރޭ ވެހި ކައިވެނިކުރާ ހޯލުގައި ވެސް ފެންބޮޑުވީ އެވެ.

އެ ދެ މީހުންނަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ މީހުންނަށް ވެފައި ކޮވިޑް-19ގެ ހާލަތުގައި ކައިވެނީގެ ކަންކަން ގިނަ ދުވަސް ތަކަކަށް ފަސް ކުރަން ޖެހިފައި ވުމުން އިތުރަށް ކައިވެނި ފަސް ކުރަން ބޭނުން ނުވާތީ ދަތި އުނދަގުލުގައި ވެސް ކައިވެނީގެ ރަސްމިއްޔާތުތައް ފުރިހަމަކުރީ ކަމަށް ވެސް ރާހޫލް ބުންޏެވެ.