ލައިފްސްޓައިލް

ޓީޗަރަކު ދަރިވަރަކަށް އަނިޔާކުރާ މަންޒަރުން ރަތަށް

އިންޑިޔާގެ ޓެމިލް ނާޑޫގެ ކުޑްލޯ ޑިސްޓްރިކްޓްގައި ހުންނަ ފިރިހެންކުދިންގެ ހަޔާ ސެކަންޑަރީ ސްކޫލެއްގެ ކްލާސް ރޫމެއްގެ ތެރޭގައި ޓީޗަރަކު ކުއްޖަކަށް އަނިޔާކުރާ މަންޒަރުގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެ އެވެ. އަދި މި ވީޑިއޯ ބަލާފައި ކުއްޖާގެ ބައްޕަ އާއި ސްކޫލްގެ ދަރިވަރުންގެ މައިންބަފައިން ވަނީ ރުޅިގަދަ ވެފަ އެވެ.

ސުބްރަމާނިއަމް ނަމަކަށް ކިޔާ މި ޓީޗަރަކީ ގްރޭޑް 12 އަށް ފިޒިކްސް ކިޔަވައިދޭ މީހެކެވެ. އޭނާ ކުއްޖާގެ އިސްތަށިގަނޑުގައި އެއް އަތުން ހިފައިގެން ހުރެ ބޮޑު ދަނޑިބުރިއަކުން ކުއްޖާއަށް އަނިޔާކުރާތަން ވީޑިއޯގައި ފެނެ އެވެ.

މިހިނގާ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ހިނގި މި ހާދިސާގައި ކުއްޖާއަށް އަނިޔާކޮށްފައިވަނީ އޭގެ ކުރިން އޮތް ކްލާހަށް ހާޒިރު ނުވާތީ އެވެ. ކުއްޖާއަށް ޓީޗަރަކު އަނިޔާކުރަން ފެށުމުން އެ ކުއްޖާ އާއި ކްލާހުގައި ތިބި އެހެން ކުދިން ވެސް ރޮމުން ދެން އެ ކުއްޖާ އެފަދަ ކަމެއް ނުކުރާނެކަމަށް ބުނެ ޓީޗަރަށް އާދޭސްކުރި ނަމަވެސް ކުދިންގެ ރުއިމާއި އާދޭސް ޓީޗަރަށް އިވުނު ކަމަކަށް ނުވި އެވެ.

ކްލާހުގައި ތިބި ދެ ކުއްޖަކު މި މަންޒަރު ވީޑިއޯކޮށްފައި ސޯޝަލް މީޑިއާގައި ޝެއާ ކުރުމުން ސްކޫލްގެ ވެރިންނަށާއި ކުދިންގެ މައިންބަފައިންނަށް ވެސް މިކަން އެނގުނީ އެވެ. އަދި މި ކަން ހިނގި ގޮތް ބަލަން ކުޑަލޯގެ ކަލެކްޓާ މިހާރުވަނީ އަމުރުކޮށްފަ އެވެ.

އިންޑިޔާގެ ނޫހަކާ ވާހަކަ ދައްކަމުން ޓެމިލް ނާޑޫ ސަރުކާރުން ހިންގާ މި ސްކޫލްގެ ހެޑްމާސްޓަރު ބުނި ގޮތުގައި އެ ހާދިސާ ހިނގި ދުވަހު އަށް ކުއްޖަކު ސްކޫލަށް އައިސް ފުރަތަމަ އޮތް ކްލާހުގައި ބައިވެރިވި ކަމަށެވެ. ދެ ވަނަ އަށް އެ ދުވަހު އޮތީ ފިޒިކްސް ކްލާސް ކަމަށް ވެފައި ސުބްރަމާނިއަމް ޓީޗަރު ކޮންމެ ދުވަހަކުވެސް ކްލާސް ޓެސްޓް ދޭތީ މި އަށް ކުދިން ދެ ވަނަ ގަޑި ކަޓުވާލާފައި ކްލާހުން ނުކުމެގެން ދިޔައީ ކަމަށެވެ.

"މި ކުދިން ދެ ވަނަ ބުރީގައި ތިއްބާ އަހަންނަށް ފެނިގެން އަނބުރާ ކްލާހަށް ގެނައީ. އަދި އަހަރެން ސުބްރަމާނިއަމް ޓީޗަރުގެ ކައިރީ އެދުނިން މި ކުދިން ވެސް ކްލާހުގެ ކިޔެވުމުގައި ބައިވެރިކޮށްދޭން. ދެން ސުބްރަމާނިއަމް ޓީޗަރު މި ކުދިންނާ ސުވާލުކޮށްފައި އެކުދިންގެ ގައިގައި ތަޅައި އަނިޔާކުރީ. އޭނާ ކުދިންނަށް އަނިޔާކުރާ މަންޒަރު ވީޑިއޯ ކުރީ ކްލާހުގައި ތިބި އެހެން ދެ ކުއްޖެއް،" ހެޑްމާސްޓަރު ބުންޏެވެ.

މި ކަން ހިނގި ގޮތް ބެލުމަށްފަހު ޓީޗަރު މިހާރު ވަނީ ހައްޔަރުކޮށް ކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް ދައުވާ ކުރަން ވަނީ ހަމަޖެހިފަ އެވެ.
މި ހާދިސާއަށްފަހު، އަނިޔާ ލިބުނު ކުއްޖާގެ ބައްޕަ ވަނީ ހުރިހާ ޓީޗަރުންނަށް އިލްތިމާސެއް ކޮށްފަ އެވެ. އެއްވެސް ހާލެއްގައި އެއްވެސް ކުއްޖަކަށް އަނިޔާ ނުކުރުމަށެވެ. އަދި މުސްތަގްބަލުގައި މިފަދަ ކަމެއް ހިނގިޔަ ނުދިނުމަށެވެ.

"އަހަރެންގެ ދަރިފުޅާ މެދު ކަންތައްވީ ގޮތާއި އޭނާއަށް ލިބުނު އަނިޔާތަކާ މެދު އަހަރެން ވަރަށް ކަންބޮޑުވޭ. އެކަމުގެ ސަބަބުން ދަރިފުޅަށް ކޮށްފާނެ ނޭދެވޭ އަސަރުތަކާ މެދު ވެސް އަހަރެން ވަރަށް ހާސްވޭ. ދަރިފުޅަށް ލިބުނު އަނިޔާތަކަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން މި ގެންދަނީ. އެއްވެސް ހާލެއްގައި ކުދިންނަށް އަނިޔާ ނުކުރުމަކީ ހުރިހާ ޓީޗަރުންނަށް އަހަރެން ކުރާ އިލްތިމާސެއް،" ކުއްޖާގެ ބައްޕަ ޗަންދުރަޝޭކަރް ބުންޏެވެ.