ބޮލީވުޑް

އެތައް ހާސް އޮޑިޝަނުން ފެއިލްވި ވިކީ ތަރިއަކަށް!

ފިލްމީ ތަރިންގެ ދަރިންނާއި ވިކީ ކޯޝަލް ވަރަށް ތަފާތެވެ. އޭނާއަށް ފިލްމެއްގެ ސެޓެއްގައި ފައި ވެސް ޖައްސާ ލެވުނީ "ގޭންގް އޮފް ވާސޭޕޫރް" ގައި އަނުރާގް ކަޝޭޕް އަށް އެހީތެރިވުމުގެ ފުރުސަތު ލިބުނީމަ އެވެ. އެހިސާބުން ވެސް އޭނާގެ ބޮލީވުޑްގެ ހުވަފެންތައް ކާމިޔާބުވާ ގޮތެއް ނުވި އެވެ.

އޭނާއަށް ކުޅޭނެ އެންމެ ފިލްމެއް ވެސް ލިބުނީ އެތައް ހާސް އޮޑިޝަންއަކުން ފެއިލް ވުމަށް ފަހު އެވެ. ކޮންމެ ފަހަރަކު ނާކާމިޔާބީއާއެކު އެނބުރި ދާން ޖެހުނަސް ހިތްވަރު އެލުވާނުލައި އޭނާ ކުރި މަސައްކަތުންނެވެ.

އެހެން އެކްޓަރުން ފަދައިން ލިބުނު ކޮންމެ ރޯލެއް ގަބޫލު ކުރަން ވިކީ ޖެހިލުން ނުވަނީ އެހެންވެ އެވެ. ވިކީ އެންމެ ކުރިން ކުޅުނު ފިލްމުތަކުގައި ސަޕޯޓިން އެކްޓަރުގެ ރޯލު އަދާ ކުރަން އޭނާ ފަސް ނުޖެހުނީ ވެސް އޭނާގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވީމަ އެވެ. މިއީ ފިލްމުތަކުގެ ލީޑް ރޯލު ބޭނުންވާ މަދު އެކްޓަރަކަށް ނޫނީ ކުރަން ކެރޭނެ ކަމެއް ނޫނެވެ.

އެގޮތުން "ސަންޖޫ" އަކީ ވެސް ވިކީ ސަޕޯޓިން އެކްޓަރެއްގެ ގޮތުގައި ފެނުނު ފިލްމެކެވެ. އެ ފިލްމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރީ ރަންބީރު ކަޕޫރެވެ. ނަމަވެސް މި ފިލްމުން އޭނާއަށް ކުޅެން ލިބުނު ރޯލުން ވެސް ވިކީ ވަނީ އޭނާގެ ކުޅަދާނަކަން ދައްކާފަ އެވެ.

އޭގެ ފަހުން "އުރީ: ދަ ސާޖިކަލް ސްޓްރައިކްސް" ގައި ލީޑް ރޯލު ކުޅުމުގެ ފުރުސަތު ވިކީ އަށް ލިބުނެވެ.

ހަގީގަތުގައި ވިކީ އަކީ ވެސް ބޮލީވުޑް ފަންނާނެއްގެ ދަރިއެކެވެ. ނަމަވެސް އެކަން އެނގެނީ މަދު ބަޔަކަށެވެ. އޭނާއަކީ މަޝްހޫރު ސްޓަންޓް ޑައިރެކްޓަރެއް ކަމަށްވާ ޝާމް ކޯޝަލްގެ ދަރިއެކެވެ. ނަމަވެސް އޭނާގެ ބައްޕަގެ މަޝްހޫރު ކަމުގެ ފައިދާ ވިކީ އަކަށް ނުކުރި އެވެ. އޭނާއަށް ޖެހުނީ ހަމަ ބުރަ މަސައްކަތުން ބޮލީވުޑުން ޖާގަ ހޯދާށެވެ.

ވިކީ ބުނި ގޮތުގައި އެމީހެއްގެ ހަގީގީ ފެންވަރު ވަޒަން ކުރެވެނީ އޮޑިޝަންތައް ދޭން ފެށީމަ އެވެ. ކޮންމެ ފިލްމެއްގެ ކޮންމެ ރޯލަކަށް އެތައް ހާސް ބަޔަކު އޮޑިޝަން ދޭން ކިޔުގައި ތިބެ އެވެ. މިފަދަ އޮޑީޝަންތަކުން ކުރި ލިބެން ފެށުމުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވާ ކަމަށް ވެސް ވިކީ ބުންޏެވެ.

"އަހަރެން 10 ވަރަކަށް ފިލްމު ލިބުނީ އެތައް ހާސް އޮޑީޝަނަކުން ފޭލް ވެގެން. މީހުންނަށް ހީވެދާނެ އަހަންނަށް ވަރަށް ފަސޭހައިންނޭ ފިލްމުތައް ލިބިފައިވަނީ، އެހެނެއް ނޫން. މޫނު ވަތައް ވެއްޓޭ ކޮންމެ ފަހަރަކު އަހަރެން އެއަށް ވުރެ ބާރަށް ތެދުވަން. ސަބަބަކީ އަހަރެންގެ ޕްލޭން ބީ އެއް ނެތީމަ. އެކްޓަރަކަށް ނުވެވިއްޖެނަމަ ދެން ކުރާނެ އެހެން އެއްވެސް ކަމެއް ހިޔާލުގައި ނެތީމަ އާ ހިތްވަރަކާއެކު އަނެއްކާވެސް މަސައްކަތް ފަށަނީ،" ވިކީ ބުންޏެވެ.

ވިކީ މިހާތަނަށް ކުޅެފައިވާ ކޮންމެ ފިލްމަކީ ވެސް އޭނާގެ ހުނަރު އޭގެ އެންމެ ފުރިހަމައަށް ދައްކުވައިދީފައިވާ ފިލްމުތަކެވެ. "ސަންޖޫ"، "އުރީ: ދަ ސާޖިކަލް ސްޓްރައިކް"، "މަސާން"، "ބޮމްބޭ ވެލްވެޓް"، "ރާޒީ" ފަދަ ފިލްމުތަކުން އޭނާ ވަނީ ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދާފަ އެވެ. އަދި ދާދިފަހުން ރިލީޒް ކޮށްފައިވާ "އުދަމް ސިންގް" ބެލި ގިނަ މީހުން ވެސް ބުނަނީ ވިކީ އަށް ނެޝަނަލް އެވޯޑު ހައްގު މަސައްކަތްތަކެއް އޭނާ މި ފިލްމުގައި ކޮށްފައިވާ ކަމަށެވެ.

އެއްވެސް މީހެއްގެ އެހީތެރިކަމާ ނުލައި އަމިއްލަ ހުނަރުން ވިކީ ވަނީ އޭނާއަކީ ޒަމާންތަކަކަށް މި އިންޑަސްޓްރީގައި ފިޔަޖަހާނެ ތަރިއެއްކަން ސާބިތު ކޮށްދީފަ އެވެ.