ދުނިޔެ

ސައޫދީ ރަސްގެފާނަށް އޮމާން ސުލްތާންގެ ސިޓީފުޅެއް

ސައޫދީ އަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒްއަށް އޮމާންގެ ސުލްތާން ހައިސަމް ބިން ތޯރިގްގެ ސިޓީފުޅެއް ލިބިވަޑައިގެންފި އެވެ. ސިޓީފުޅު ހިއްޕަވައިގެން ސައޫދީއަށް ވައިގަތީ އޮމާންގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމޫދު އަލްބުސައީދީ އެވެ.

ސައްޔިދު ބަދުރު ބިން ހަމަދުއާ އޭނާ އާއެކު ސައޫދީއަށް ވަޑައިގެންނެވި ވަފުދަށް މަރުހަބާ ދެންނެވީ ސައޫދީގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރުހާން އެވެ.

އޮމާންއާ ސައޫދީއާ ދެމެދު މިފަހަކަށް އައިސް ގުޅުން އޮތީ ވަރަށް ރަނގަޅުވެފަ އެވެ. އޮމާން ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުން ވަރަށް ގިނައިން ސައޫދީއަށް ވަޑައިގަންނަވާކަން އޮތީ އެނިގިފަ އެވެ.

އޮމާންގެ ސުލްތާން ފޮނުއްވި ސީޓީފުޅާ ހަވާލުވެ ވަޑައިގެން ފައިސަލް ބިން ފަރުހާން ދެއްކެވި ވާހަކަތަކުގައި ސިޓީފުޅެއް ހިއްޕަވައިގެން ދަތުރުފުޅެއް ކުރެއްވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތްކަން ދައްކުވައިދޭ މިސާލެކެވެ.

ސުލްތާން ހައިސަމް ބިން ތޯރިގުގެ ފަރާތްޕުޅުން ސައްޔިދު ބަރުދު ވިދާޅުވި ގޮތުގައި ސައޫދީން އޮމާން އާއެކު އޮންނަނީ އެކުވެރި ކަމަށް ވުރެ ގާތްކަމެކެވެ. އޮމާނަށް ބޭނުން ޖެހިއްޖެ ކޮންމެ ހިނދެއްގައި ސައޫދީ އެކުގައި އޮންނަކަން އެއީ ލިބިވަޑައިގަންނަވާ ފަހުރެކެވެ.

ދެ ގައުމުގެ ފޮރިން މިނިސްޓަރުން މަޝްވަރާގައި މެދުއިރުމައްޗަށް ބައްލަވާލެއްވި އެވެ. މިއަދުގެ ހާލަތަށް ބަލާއިރު މެދުއިރުމަތި ނުތަނަވަސް ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވި އެވެ. ޔަމަނުގައި ހިނގާ ދާހިލީ ހަނގުރާމަ އާއި ސީރިއާ ހަނގުރާމަ އަދި އީރާންގެ ނިއުކްލިއާ މައްސަލަ އަކީ ވެސް ސަރައްދީ ގައުމުތަކުން މަޝްވަރާ ކޮށްގެން ހައްލުކުރަން ޖެހޭ ކަމަށް ވަޒީރުން އެއްބަސްވެ ވަޑައިގެންނެވި އެވެ.