ސައުދީ އަަރަބިއްޔާ

އިޒްރޭލުން އީރާނަަށް ދިން ހަމަލާ ސައުދީން ކުށްވެރިކޮށްފި

އިޒްރޭލުން ވައިގެ މަގުން އީރާނުގެ ވެރިރަށް ތެހެރާން ހިމެނޭހެން އެ ގައުމުގެ ސަރަހައްދުތަކަށް ދިން ހަމަލާ ސައުދީ އަރަބިއާން ކުށްވެރިކޮށްފި އެވެ.

ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލްސައުދު ވަނީ އިޒްރޭލް އިން އީރާނަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ.

ސައުދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އީރާންގެ ސިޔާދަތަށް އަރައިގަތުމާއި، ބައިނަލްއަގްވާމީ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ދިން މި ހަމަލާއާއި ގުޅިގެން ކަންބޮޑުވާ ކަމަށެވެ.

މީގެއިތުރުން ސަރަޙައްދުގެ ހަމަޖެހުމާއި އިސްތިގުލާލަށް ނުރައްކާވާ ފަދަ ގޮތަކަށް ހިނގަމުންދާ ހަނގުރާމަވެރި އަމަލުތައް ހުއްޓާލުމަށްވެސް ގޮވާލާފައިވެ އެވެ. މެދުއިރުމަތީގެ ގައުމުތަކާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ކޮންމެ ކަމަކަށް ސައުދީ ސަރުކާރުން ދެކޮޅު ހަދާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ސައުދީ އަރަބިއާ އަދި އިރާނާ ދެމެދުގައި އޮތް ގުޅުން ހީނަރުވެފައި އޮތުމަށްފަހު މިހާރު އެ ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިކޮށްފަ އެވެ.