ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރުހާން މިހާރު އުޅުއްވަނީ އީރާނަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރެއްގައި ތެހެރާންގަ އެވެ.
ސައޫދީއާ އީރާންއާ ދެމެދު ގުޅުން ބަދަހިކޮށް އެމްބަސީތައް ހުޅުވުމުގެ މަރުހަލާގައި ފައިސަލް ބިން ފަރުހާން ގެންދަވަނީ އީރާން ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ސަރަހައްދުގެ ރައްކާތެރިކަމާ މެދު މަޝްވަރާ ކުރައްވަމުންނެވެ.
އީރާނަށް ވަޑައިގެން ފައިސަލް ބިން ފަރުހާން އެ ގައުމުގެ ރައީސް، އިބްރާހީމް ރައީސީއާ ވެސް ބައްދަލުކުރެއްވި އެވެ. މި ބައްދަލު ކުރެއްވުމުގައި ރައީސީ އެންމެ ބޮޑަށް ފާޑުވިދާޅުވީ އިޒްރޭލަށެވެ.
ރައީސީ ވިދާޅުވި ގޮތުގައި ސައޫދީ އާއި އީރާންއާ ދެމެދު ގާތް ގުޅުމެއް އުފައްދާތީ ހީކަރުވަނީ ޔަހޫދީ ޒައިނިސްޓުންނެވެ. އިޒްރޭލުގެ ޔަހޫދީންނަކީ އެއްވެސް ބަޔަކަށް ހެވަކަށް އެދޭނެ ބައިގަނޑެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސައޫދީ އާއި އީރާން އަކީ ދޭތެރެ ދޭތެރެއިން ކުނިޖެހޭ ދެ ގައުމެވެ. އީރާންގެ ސިޔާސަތުގެ ސަބަބުން ސަރަހްދުގެ މަސްލަހަތު ގެއްލިދާނެ ކަމަށް މުޅި ގަލްފު އެއްބަސްވެ އެވެ.
މިހެން ކަން އޮތުމުން އީރާންއާ އެކު ސިޔާސީ ގޮތުން ގާތް ގުޅުމެއް ބޭއްވުމަކީ -- މިފަދަ ގުޅުމެއް ނުބޭއްވުމަށް ވުރެ ހެޔޮ ގޮތެއްކަން އަރަބިން މިހާރު ދަނެ އެވެ.
ސައޫދީ އާއި އީރާންއާ ދެމެދު 2016 ގައި ގުޅުން ކަނޑައިގެން ދިޔަ ފަހުން -- ފާއިދުވެ ދިޔަ ހަތް އަހަރު ދެ ގައުމުގެ ދެމެދުގައި އޮތީ ވާދަވެރިކަމުގެ ރޫހެކެވެ. މިކަމުގެ ފައިދާ އެންމެ ބޮޑަށް ނަގާ ބަޔަކި ވެސް ޔަހޫދީންނެވެ.
ފައިސަލް ބިން ފަރުހާން އީރާނަށް ވަޑައިގެން މިހާރު އެ އުޅުއްވަނީ -- ސައޫދީ އާއި އީރާން ސުލްހަވުމަށް ދުވަސްތަކެއް ވަންދެން ކުރެވުނު މަޝްވަރާގެ ސަބަބުންނެވެ.
އީރާންގައި ފެށި މަޝްވަރާތައް ޗައިނާއާ ހަމައިން ހައްލުވެ، ދެ ގައުމުގެ ދެމެދުގައި މިހާރު ހިންގަމުންދަނީ އިތުބާރު ހޯދުމުގެ މަސައްކަތްތަކެވެ.
ފައިސަލް ބިން ފަރުހާން އަށް އިބްރާހީމް ރައީސީ ދެންނެވި ވާހަކަތަކުގެ ތެރޭގައި، ސައޫދީ އާއި އިޒްރޭލާ ގުޅުން ބަދަހިކުރުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށް ދެންނެވި އެވެ.
އިޒްރޭލަކީ ހަމައެކަނި ފަލަސްތީނަށް ޖެހިފައި އޮތް ވަބާއެއް ނޫން ކަމަށް ވެސް ރައީސީ ދެންނެވި އެވެ. އެއީ މުޅި އިސްލާމީ އުންމަތަށް އަދި ދުނިޔޭގެ ސުލްހައަށް ނުރައްކާކުރާ ޖަރާސީމުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސައޫދީގެ ޚާރިޖީ ވުޒާރާ އިން ބުނި ގޮތުން ފައިސަލް ބިން ފަރުހާންގެ މި ދަތުރުގައި، އިބްރާހީމް ރައީސީ ސައޫދީ އަށް ވަޑައިގަތުމަށް -- ސަލްމާން ރަސްގެފާނާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ފަރާތުން ދައުވަތު އަރުވާނެ އެވެ.
ސައޫދީއަށް ވަޑައިގަތުމަށް ޝައުގުވެރިވާކަން ރައީސީ ވަނީ މީގެ ކުރިންވެސް ހާމަކުރައްވާފަ އެވެ.