މޯލްޑިވްސް ޕޮލިސް ސާވިސް

215 ކިލޯގެ ޑުރަގް: ދެ މީހުންގެ ވަނަވަރު ހާމަކޮށްފި

Oct 19, 2021
1

ފުލުހުން މިދިޔަ ހުކުރު ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގެ ތެރެއިން 215 ކިލޯ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި ދެ މީހުންގެ މައުލޫމާތު ފުލުހުން ހާމަކޮށްފި އެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރީ ފިނިފަރު، އަލީ ޝާކިރު 42، އާއި ރ. މަޑުއްވަރީ ފެހިއަލި، ނިމާލް އަބްދުލްހާރިސް 33، އެވެ. މި މީހުންގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ޖަހައިފަ އެވެ.

މި އޮޕަރޭޝަނުގައި ފުލުހުން އަތުލައިގެންފައި ވަނީ 215 ކިލޯގެ ހެރޮއިން އެވެ. އެތަކެތި އަތުލައިގެންފައި ވަނީ ރ. އަތޮޅުގެ ފަޅު ރަށަކުން ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ. ނަމަވެސް އެރަށާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.

ދުއިސައްތަ ފަނަރަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އިތުރު 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ ތުހުމަތުކުރެވޭ 10 މީހަކު ފުލުހުން ހައްޔަރުކުރި އެވެ. ނަމަވެސް އެ މައްސަލައިގައި ހައްޔަރުކުރި މަސްތުވާތަކެތީގެ ބޮޑުން ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު މިހާރު ވަނީ ދޫކޮށްލާފަ އެވެ. އެ ދެ މީހުން ދޫކޮށްލުމުން އެމީހުން ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.