ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

100 ކިލޯގެ ޑުރަގް: ބޮޑުން ދޫވި މައްސަލަ އިސްތިއުނާފު ނުކުރާނެ

Oct 19, 2021
2

ފުލުހުން މިދިޔަ ބުދަ ދުވަހު ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން 100 ކިލޯ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އެންމެ އިސް ދެ މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ނުކުރަން ނިންމައިފި އެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ އެ ދެ މީހުންގެ މައްސަލަ އިސްތިއުނާފު ނުކުރަން ނިންމީ ހައިކޯޓު މަރުހަލާގައި އިތުރު ހެކި ހުށަހެޅުމުގެ ފުރުސަތު ނޯންނާތީ އާއި، ދަށު ކޯޓަށް ހުށަހެޅުނު ހެއްކާއި ގަރީނާގެ މައްޗަށް ބަލައި ބަންދުން ދޫކޮށްލި އަމުރު އިސްތިއުނާފު ކޮށްގެން ވަކި ތަފާތު ނަތީޖާއެއް ނެރެވިދާނެ ކަމަށް ނުފެންނާތީ ކަމަށެވެ.

ދޫކޮށްލި ދެ މީހުންގެ މައްޗަށް އިތުރު ހެއްކާއި ގަރީނާ ހޯދިއްޖެނަމަ ހައްޔަރުކުރުމުގެ އާ އަމުރަކަށް އެދި ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮތުމަކީ ވެސް މައްސަލަ އިސްތިއުނާފް ނުކުރަން ނިންމި ސަބަބެއް ކަމަށްވެސް ވިދާޅުވި އެވެ.

ސަތޭކަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ފުލުހުންގެ ބަންދުގައި މިވަގުތު ތިބި އަށް މީހުންގެ ވަނަވަރު މިދިޔަ އާދިއްތަ ދުވަހު ފުލުހުން ހާމަކޮށްފައިވެ އެވެ.

ވަނަވަރު ހާމަކުރި އަށް މީހުން

  • ނ. ވެލިދޫ، ބީޗްހެވެން، ޖުމާން މުސްޠަފާ
  • ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒައިދު ހަބީބު
  • ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހްމަދު
  • ހދ. ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާނު
  • ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސައިން
  • ގއ. ދެއްވަދޫ، ދޭލިޔާގެ މިދުހަތު އިބްރާހީމް
  • ބަނގްލަދޭޝް، އެމްޑީ ރަފީގުލް އިސްލާމް
  • ބަނގްލަދޭޝް، ޑީއެމް މޮބިން

ޑްރަގް އޮޕަރޭޝަންގައި ހައްޔަރުކުރި 10 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރު ކުރުމުން ދެ މީހުން ދޫކޮށްލީ ކޯޓުންނެވެ. އެހެންވެ އެ ދެ މީހުންގެ މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ފުލުހުން ބުނީ ކޯޓުން ދޫކޮށްލި ދެ މީހުންނަކީ 100 ކިލޯ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް އުޅުނު ދެ މީހުން ކަމަށެވެ.

ކޯޓުން މުއްދަތު ޖެހި މީހުންގެ ތެރެއިން ޖުމާންއާއި، ޒައިދާއި، މުހައްމަދު އަހްމަދުގެ ބަންދަށް ކޯޓުން ދިނީ 10 ދުވަހެވެ. ސިނާނާއި، މުހައްމަދު ހުސައިނާއި، ރަފީގުލް އިސްލާމާއި، ޑީއެމް މޮބިންގެ ބަންދަށް ކޯޓުން ދިނީ 15 ދުވަހެވެ. އަދި މިދުހަތުގެ ބަންދަށް ދީފައިވަނީ ފަސް ދުވަހެވެ.

މި މީހުން ހައްޔަރުކުރީ ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކުރުމަށްފަހު އެވެ.

ފުލުހުން ބުނީ 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓާ ކަމަށެވެ.

މި އޮޕަރޭޝަނާ ދާދި އެކު އެކީގަހެން ހިންގުނު އިތުރު އޮޕަރޭޝަނެއްގައި ވެސް ފުލުހުން ވަނީ 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ ދެ މީހަކު ހައްޔަރުކޮށްފަ އެވެ.