ރިތިކް ރޯޝަން

ރިތިކްގެ ބަތަލާއަކީ ކަރީނާއެއް ނޫން!

Dec 3, 2015

ޑައިރެކްޓަރު ސަންޖޭ ގުޕްތާ އިއްޔެ ވަނީ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ރާކޭޝާ ރޯޝަން ޕްރޮޑިއުސްކޮށް ރިތިކް ރޯޝަން ބަތަލެއްގެ ރޯލުން ފެނިގެންދާ ފިލްމެއް އުފެއްދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

އިއްޔެ ސަންޖޭ ކުރި ޓްވީޓެއްގައި ވަނީ ރާކޭޝް އާއެކު އޭނާ ފިލްމެއް އުފައްދަން އުޅޭ ކަމާ ގުޅިގެން ދެކެވެމުން އަންނަނީ ތެދު ވާހަކައެއް ކަމަށާއި އުފައްދާ ފިލްމެއްގެ ލީޑްތަރިއަކީ ރިތިކް ކަމަށެވެ. އަދި ބަތަލާއަކު ހަމަނުޖެހޭއިރު ވަރަށް އަވަހަށް ބަތަލާއަކު ހަމަޖެހޭނެ ކަމަށްވެސް ސަންޖޭ ވަނީ ބުނެފަ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ރިތިކް އާއި އޭނާގެ ބައްޕަ ރާކޭޝް އާއެކު ސަންޖޭ ފިލްމެއް އުފައްދަން މަސައްކަތް ކުރަމުން އަންނަ ކަމުގެ އަޑުތަކެއް އަރާފައިވަނީ ވޭތިވެދިޔަ ހަފްތާއިން ފެށިގެންނެވެ.

މިފިލްމުގައި ރިތިކް އާއެކު ފެނިގެންދާނެ ބަތަލާއަކީ ކަރީނާ ކަޕޫރުގެ ވާހަކަތަކެއްވެސް ވަނީ ދެކެވިގެން ގޮސްފަ އެވެ.

ނަމަވެސް މިވާހަކަތަކަށް ރައްދެއް ދެމުން ސަންޖޭ އިތުރަށް ކުރި ޓްވީޓެއްގައި ރިތިކް އާއި ކަރީނާ ފިލްމެއްގައި ހިމެނުމަކީ ކޮންމެ ޑައިރެކްޓަރެއްވެސް ދެކޭ ވަރަށް ބޮޑު ހުވަފެނެއް ކަމަށާއި ނަމަވެސް އަދި މިފިލްމުގެ ބަތަލާ ހަމަޖެހިފައިނުވާ ކަމަށެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޝޫޓިން ފެށުމަަށް ހަމަޖެހިފައިވާ މިފިލްމަކީ ވަރަށް އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ.

މީގެކުރިން ރާކޭޝް އުފެއްދި ދެފިލްމެއް ކަމަށްވާ "ކަހޯނާ ޕިޔާރް ހޭ" އާއި "ކޮއި މިލް ގަޔާ" ގައި ރިތިކް އާއެކު ލީޑްރޯލު ކުޅުމަށް ކަރީނާ އަށް ހުށަހެޅި ނަމަވެސް ވަނީ އެންމެފަހު ވަގުތުގައި ދެފުރުސަތުވެސް ދޫކޮށްލާފަ އެވެ. މިކަމާ ހުރެ ރާކޭޝް ކޮންމެވެސް ވަރަށް ކަރީނާ ދެކެ ހިތްހަމަނުޖެހުނު އިރު އޭނާ އަލަށް ޕްރޮޑިއުސްކުރާ ފިލްމުގެ ބަތަލާ ރޯލު ކަރީނާ އަށް ދިނުމާއި މެދު ޝައްކެވެ.

މިދެތަރިން މިފިލްމުގެ ލީޑްރޯލުން ފެނިގެން ގޮސްފިނަމަ، މިއީ ދިހަ އަހަރުގެ މެދުކެނޑުމަކަށްފަހު ދެތަރިން އެކުގައި ފެނިގެންދާނެ ފިލްމެކެވެ.

ކަރީނާ އާއި ރިތިކް ވަނީ މީގެކުރިން "ޔާދޭން" އާއި "މެއި ޕްރޭމްކީ ދީވާނީ ހޫން" އާއި "ކަބީ ހުޝީ ކަބީ ޢަމް"ގެ އިތުރުން "މުޖްސެ ދޯސްތީ ކަރޯގީ" ހިމެނެ އެވެ.

ޑައިރެކްޓަރު ކަރަން ޖޯހަރު އުފައްދަން ހަމަޖައްސާފައިވާ ފިލްމު "ޝުއްދީ"ގެ ލީޑްރޯލު ކުޅުމަށް މިދެތަރިން ހަމަޖައްސާފައި ވަނިކޮށް އެންމެ ފަހު ވަގުތު ރިތިކް އެފިލްމު ވަކިވުމުން ކަރީނާ ވެސް ވަނީ ފިލްމު ދޫކޮށްލާފަ އެވެ.

ކަރީނާ އެންމެފަހުން ކުޅުނު "ކީ އެންޑް ކާ"ގެ ޝޫޓިން މިފަހުން ނިމިފައިވާއިރު ރިތިކް އަންނަނީ ޑައިރެކްޓަރު އާޝުތޯޝް ގޮވަރިކާގެ "މޮހެންޖޯ ޑަރޯ"ގެ މަންޒަރުތައް ނަގަމުންނެވެ.