ލައިފްސްޓައިލް

ހިލައިގެ ބަދަލުގައި ކިޑްނީ ނެގުމުން މަރުވި މީހަކަށް ބަދަލު!

އިންޑިއާގެ ގުޖްރާތުގެ މާހީސާގަރް ޑިސްޓްރިކްޓްގައި އޮންނަ އަވަށެއްގެ މީހެއްގެ ކިޑްނީގައި ހިލަ ހުރެގެން އެ ހިލަ ނަގަން ހެދި ސާޖަރީއެއްގައި ޑޮކްޓަރު ހިލައިގެ ބަދަލުގައި އެމީހާގެ ވާތު ކިޑްނީ ނެގުމުގެ ސަބަބުން ބަލިމީހާ މަރުވުމުން ހޮސްޕިޓަލަށް އޭގެ ބަދަލު ދޭން ޖެހިއްޖެ އެވެ. މިއީ 2011ގައި ހިނގި ހާދިސާއެކެވެ. ނަމަވެސް މައްސަލައިގައި ހޮސްޕިޓަލުގެ އިހުމާލު އޮތްކަން ސާބިތުވެ މަރުވި މީހުންގެ އާއިލާއަށް 11.23 ލައްކަ ރުޕީސްގެ ބަދަލެއް ދޭން ގުޖްރާތު ސްޓޭޓް ކޮންސިއުމާ ޑިސްޕިއުޓް ރެޑްރެސެލް އިން ހޮސްޕިޓަލަށް އެންގީ މިދިޔަ ހަފުތާގަ އެވެ.

މި ކޮންޒިއުމާ ރައިޓްސް ޕެނަލުން މި ގޮތަށް ނިންމީ އެ ޕެނަލުން ކުރި ތަހުގީގުން މިކަމުގައި ހޮސްޕިޓަލުގެ މުވައްޒަފެއްގެ ފަރުވާ ކުޑަކަން އޮތްކަން ސާބިތުވީމަ އެވެ.

މަރުވި ދެވެންދުރަބާއީ ރާވަލް 2011 ވަނަ އަހަރު ބަލަސީނޯ ކިޔާ ރަށުގައި ހުންނަ ކޭއެމްޖީ ޖެނެރަލް ހޮސްޕިޓަލްގައި އެޑްމިޓްކުރި އެވެ. އޭނާގެ ކިޑްނީގައި ހިލަ ހުރުމުގެ ސަބަބުން އެ ހިލަތައް ނަގަން ސާޖަރީ ހަދާށެވެ.

ދެވެންދުރަބާއީ 2011 ގެ މޭ މަހު ޑޮކްޓަރަށް ދިޔައީ ބުރަކަށީގައި ވަރަށް ގަދަޔަށް ރިއްސާފައި ކުޑަކަމުދާން ދަތިވެގެންނެވެ. ކޭއެމްޖީ ހޮސްޕިޓަލުގެ ޑޮކްޓަރަކަށް ދެއްކުމުން އޭނާގެ ކިޑްނީގައި 11 ސެންޓިމީޓަރުގެ ހިލަކޮޅެއް އިން ކަން އެނގުނެވެ. އަދި މި މީހާގެ ސާޖަރީ ހަދަން ޖެހޭކަމަށް ޑޮކްޓަރުން ބުންޏެވެ.

ހިލަ ނަގަން ދެވެންދުރަބާއީގެ ކިޑްނީގެ ސާޖަރީ ހެދީ ސެޕްޓެމްބަރު 3، 2011 ގައެވެ. އޮޕަރޭޝަނަށް ފަހު ދެވެންދުރަބާއީގެ އާއިލާގެ މީހުން ކައިރީ ޑޮކްޓަރު ބުނީ ހިލަކޮޅުގެ ބަދަލުގައި ކިޑްނީ ނަގަން މަޖްބޫރުވެގެން ކިޑްނީ ނަގާފައިވާ ކަމަށެވެ. އަދި ޑޮކްޓަރު ބުނެފައިވަނީ އެކަން ކުރީ ބަލިމީހާއަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ޑޮކްޓަރަށް ފެނިގެން އެކަން ކުރީ ކަމަށެވެ.

މި އޮޕަރޭޝަންގެ ފަހުން ބަލިމީހާއަށް އިތުރު މައްސަލަތައް ދިމާވެ ކުޑަކަމު ދިއުމަށް އިތުރަށް ދަތިވެ އެންމެ ފަހުން އެހެން ރަށެއްގައި ހުންނަ ކިޑްނީ އަށް ޚާއްސަ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށި އެވެ. އަދި އެ ހޮސްޕިޓަލުން އެދިގެން އަހުމަދުއާބާދުގައި ހުންނަ ކިޑްނީ ޑިޒީޒް އެންޑް ރިސާޗް ސެންޓާ (އައިކޭޑީއާރްސީ)ގައި ދެވެންދުރަބާއީ އެޑްމިޓް ކުރި އެވެ. ޖެނުއަރީ 8، 2012ގައި ބަލިމީހާ މަރުވީ މި ތަނުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ކޮންޒިއުމާ ރައިޓްސް ޕެނަލުން ދެވެންދުރަބާއީގެ މަރުގެ ތަހުގީގުކުރުމަށްފަހު އޭނާގެ ކިޑްނީ ނެގި ސާޖަރީ ހެދި ހޮސްޕިޓަލަށް އަންގާފައިވަނީ ކިޑްނީ ނެގި ޑޮކްޓަރު މިކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ. ސަބަބަކީ ހިލައިގެ ބަދަލުގައި ކިޑްނީ ނަގާފައިވަނީ ޑޮކްޓަރުގެ ފަރުވާ ކުޑަކަމުން ކަން ސާބިތުވެފައިވާތީ އެވެ. އަދި ދެވެންދުރަގެ އާއިލާއަށް ބަދަލުގެ ގޮތުގައި 11.23 ލައްކަ ރުޕީސް ދޭން އެ ޕެނަލުން ވަނީ ހޮސްޕިޓަލުގެ މައްޗަށް އަމުރުކޮށްފަ އެވެ.