ދުނިޔޭގެ އެންމެ މުއްސަނދި އެކަކު ކަމަށްވާ ބިލް ގޭޓްސް އާއި އަންހެނުން މިލިންޑާގެ ދަރިފުޅު ޖެނިފާ ގޭޓްސް މިސުރުގެ މުސްލިމެއް ކަމަށްވާ ނައިލް ނިސާރް އާ ކައިވެނި ކޮށްފި އެވެ. ކައިވެނި ކުރިއިރު ޖެނިފާ އާއި ނިސާރް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. މި ކައިވެނީގެ ރަސްމިއްޔާތު އޮތީ ނިއު ޔޯކްގެ ވެސްޓްޗެސްޓާގައި ހުންނަ ގޭޓްސް އާއިލާގެ ފާމެއްގަ އެވެ.
ހޮނިހިރު ދުވަހު ކުރި މި ކައިވެނީގެ ރަސްމިއްޔާތުގެ ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ކައިވެނީގެ ރަސްމިއްޔާތުގައި ޖެނިފާ ލައިގެން ހުރީ އެމެރިކާގެ މަޝްހޫރު ފެޝަން ޑިޒައިނާ ވެރާ ވެންގް ޖެނިފާ އަށް ޚާއްސަކޮށް ތައްޔާރު ކޮށްދިން ވަރަށް ރީތި ހުދުކުލައިގެ ހެދުމެކެވެ.
ނައިލް އަކީ ވާދަވެރި އަސް ރޭސްތަކުގައި އަސް ދުއްވާ ވަރަށް ކުޅަދާނަ ޕްރޮފެޝަނަލް އެކެވެ. ޖެނިފާ އަކީ ވެސް އަސް ދުއްވުމުގައި ވަރަށް ކުޅަދާނަ މީހެކެވެ. ދެ މީހުންގެ ވަނީ ވާދަވެރި އަސް މުބާރާތްތަކުގައި އެކަކު އަނެކަކާ ވާދަ ވެސް ކޮށްފަ އެވެ. އެމީހުން ބައްދަލުވެ އެކުވެރިކަން އުފެދުނީ އަސް މުބާރާތްތަކުގައި ބައިވެރިވެ އުޅުމުގެ ތެރޭގަ އެވެ. މީގެ އިތުރުން ދެ މީހުންނަކީ ވެސް ސްޓެންފޯޑް ގްރެޖުއޭޓުންނެވެ.
އަސް ދުއްވުމުގެ މުބާރާތްތަކުގައި ވާދަކުރުން ޖެނިފާ ހުއްޓާލީ 2019 ގައި މެޑިކަލް ސްކޫލުގައި ކިޔަވަން ފެށުމަށް ފަހުގަ އެވެ. އޭރު ދެ މީހުންގެ މެދުގައި އޮތް އެކުވެރިކަން ލޯތްބަށް ވަނީ ބަދަލުވެފަ އެވެ. އަދި 2020 ގެ ޖެނުއަރީގައި ނައިލް ވަނީ ޖެނިފާ އަށް ޕްރޮޕޯޒްކޮށް ދެ މީހުންގެ އެންގޭޖްމަންޓް އިއުލާން ކޮށްފަ އެވެ.
މި ދެ މީހުންގެ ކައިވެނި އޮތީ މުސްލިމުން ކައިވެނިކޮށް އުޅޭ ގޮތަށެވެ. އަދި ކައިވެނީގެ ރަސްމިއްޔާތުގައި ދެ ފަރާތުގެ އާއިލާގެ އެންމެ ގާތް މީހުން ބައިވެރި ވެފައި ކަމަށް ވޯގް މަޖައްލާގައިވާ ޚަބަރެއްގައި ބުނެފައި ވެއެވެ.
ނައިލް ވަނީ ޓޯކިޔޯ އޮލިމްޕިކްސްގައި އޮތް އަސް ދުއްވުމުގެ މުބާރާތެއްގައި ވެސް މިސުރުން ބައިވެރިވި ޓީމުގައި ބައިވެރިވެ އޭނާގެ ގައުމު ތަމްސީލު ކޮށްދީފަ އެވެ.
ނައިލްގެ މައިންބަފައިން ކަމަށްވާ އީމާން ހާބީ އާއި ފުއާދު ނަސާރް އަކީ މިސުރު އުފަން ދެ މީހުންނަށް ނައިލް އުފަންވީ ޝިކާގޯގެ އިލިނޮއިގަ އެވެ. އަދި ފަހުން މައިންބަފައިންނާއެކު ދިރިއުޅެފައި ވަނީ ކުވޭތުގަ އެވެ. ނައިލްގެ މައިންބަފައިންނަކީ މަޝްހޫރު ޑިވާން އިންޓީރިއާޒް އިންޓަނޭޝަނަލްގެ ބާނީންނެވެ.