ލައިފްސްޓައިލް

އަގު ބޮޑު ހަދިޔާ ނުދީގެން ކުޑަދޮރުން ވައްޓާލައިފި

މިސުރު އަންހެނަކު އޭނާ ކައިވެނި ކުރަން ހަމަޖެހިފައިވާ މީހާ، ގެއެއްގެ ދެވަނަ ބުރީގެ ކުޑަ ދޮރަކުން ވައްޓާލައިފި އެވެ. މިސުރުގެ ނޫހަކުން ބުނި ގޮތުގައި އަންހެންމީހާ އޭނާ ކައިވެނި ކުރަން ހަމަޖެހިފައި އޮތް މީހާ ކުޑަދޮރުން ބޭރަށް ވައްޓާލީ އަގު ބޮޑު ހަދިޔާ ގަނެދޭން އަންހެންމީހާ ކުރަމުން ދިޔަ ޑިމާންޑްތައް ފިރިހެންމީހާ ގަބޫލު ނުކުރުމުން އައި ރުޅިންނެވެ.

މިސުރުގެ ދެ ވަނަ އެންމެ ބޮޑު ސިޓީ ކަމަށްވާ ގިޒާގެ ސެކިއުރިޓީ އެޖެންސީތަކުން ބުނި ގޮތުގައި ކުޑަދޮރުން ވައްޓާލުމުގެ ސަބަބުން ފިރިހެންމީހާގެ ހަށިގަނޑުގެ ދެ ކަށިގަނޑެއް ވަނީ ބިނދިފަ އެވެ.

ފިރިހެން މީހާ ބުނި ގޮތުގައި އޭނާ ކައިވެނި ކުރަން އުޅުނު އަންހެންމީހާ އާއި އަންހެންމީހާގެ އާއިލާގެ މީހުން އޭނާއަށް އަނިޔާ ކުރުމަށް ފަހު ކުޑަދޮރުން ބޭރަށް ވައްޓާލީ އެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ މިސުރުގެ ފުލުހުން ބުނީ އަންހެންމީހާ ވަނީ ވަރަށް އަގު ބޮޑު އެއްޗެތީގެ ދިގު ލިސްޓެއް ފިރިމީހާ އާ ގަންނަން ހަވާލު ކޮށްފަ އެވެ. އަދި ކައިވެނީގެ ކުރިން އެ ތަކެތި ލިބެން ޖެހޭނެ ކަމަށް އަންހެންމީހާ ބުނި ކަމަށް ވެއެވެ.

އެ ހުރިހާ އެއްޗެތި ނުގަނެވޭނެ ކަމަށް ފިރިހެން މީހާ ބުނުމުން އަންހެންމީހާ ރުޅި އައިސް އާއިލާގެ މީހުންނާ ގުޅިގެން ފިރިހެންމީހާ އަށް އަނިޔާކޮށް ދެ ވަނަ ބުރިން ވައްޓާލީ އެވެ.

އަންހެންމީހާ ކުށަށް އިއުތިރާފު ވުމުން ފުލުހުން ވަނީ އެމީހާ ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފަ އެވެ.