ލައިފްސްޓައިލް

މިސްރު އަންހެނަކު ކައިވެނީގެ ވަގުތުގައި މަރުވެއްޖެ

މިސުރުގެ އަވަށެއް ކަމަށްވާ ބަނީ ސޫފިގައި ދިރިއުޅޭ ގިނަ ބަޔަކަށް ވަރަށް ހިތާމަވެރި ހާދިސާއެއް ކުރިމަތިވެއްޖެ އެވެ. އެ އަވަށުގައި އޮތް ކައިވެނީގެ ރަސްމިއްޔާތެއް ފެށެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ކައިވެނި ކުރަން ހަމަޖެހިފައިވާ ޒުވާން އަންހެނަކު މަރުވުމާ ގުޅިގެންނެވެ.

މިސްރުގެ ނޫހަކުން ބުނި ގޮތުގައި 28 އަހަރުގެ އަލާ އަހުމަދު މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އަލާގެ ކައިވެނީގެ ހަފުލާއަށް ދިޔަ އޭނާގެ އެކުވެރިންނާއި ގާތް ތިމާގެ މީހުންނަށް ލިބުނު ހިތާމަ ބޮޑުވީ އޭނާގެ ކައިވެނީގެ ބަދަލުގައި ޖަނާޒާގައި ބައިވެރިވާން ޖެހުނީމަ އެވެ.

އަލާ ކައިވެނީގެ ރަސްމިއްޔާތަށް ދާން ތައްޔާރުވާން ކޮޓަރިއަށް ވަން ގޮތަށް ނުނުކުމެގެން މާ ލަސް ވާތީ އޭނާގެ އާއިލާގެ މީހުން ދޮރުގައި ޓަކި ޖަހައި ވަރަށް ގިނަ އިރު ވަންދެން އޭނާއަށް ގޮވި އެވެ. ނަމަވެސް އަލާގެ ޚަބަރެއް ނުވެގެން އެންމެ ފަހުން ދޮރު ހަލާކު ކޮށްލައިގެން ވަދެ ބެލިއިރު އަލާ އޮތީ ކޮޓަރީގެ ތަޅުންގަނޑު މައްޗަށް ވެއްޓިފަ އެވެ.

އާއިލާގެ މީހުން ވަގުތުން ޑޮކްޓަރަކަށް ގުޅައިގެން ގެނެސް ޑޮކްޓަރު ޗެކް ކުރިއިރު ވެސް އަލާ އޮތީ މަރުވެފައި ކަމަށް އާއިލާ އާ ހަވާލާ ދީ މިސުރުގެ ނޫހުން ބުނެފައި ވެއެވެ.

އެއްވެސް ސިއްހީ މައްސަލައެއް އަލާގެ ހުރި ކަމެއް އާއިލާއަށް ފާހަގަ ކުރެވިފައި ނުވާ ކަމަށް އާއިލާއިން ބުނެފައި ވެއެވެ. އަލާ ބެލި ޑޮކްޓަރު ބުނެފައިވަނީ އޭނާ މަރުވީ ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.

މިސުރުގައި މިގޮތަށް އަލަތު ކައިވެންޏަށް ތައްޔާރުވެފައިވާ އަންހެން ކުދިން މީގެ ކުރިން ވެސް މަރުވެފައި ވެއެވެ. އެގޮތުން 2017 ވަނަ އަހަރު ވެސް 22 އަހަރުގެ ޒުވާން އަންހެނަކު ކައިވެނި ކުރަމުން ދަނިކޮށް މަރުވެގެން ވެއްޓިފައި ވެއެވެ.