ދުނިޔެ

ހެއިޓީގައި ރަހީނުކުރި 17 މީހުންގެ ބަދަލުގައި 17 މިލިއަން ޑޮލަރު

ހެއިޓީގައި ގޭންގަކުން ވަގަށް ނަގައި ރަހީނުކުރި 17 މީހުންގެ ބަދަލުގައި 17 މިލިއަން ޑޮލަރު ދައްކަން އެ ގޭންގުން އަންގައިފި އެވެ. އެނޫން ގޮތަކަށް ރަހީނުން ދޫކުރެވެން ނެތް ކަމަށް ވަގުން ބުނާ ކަމަށް ވޯލް ސްޓްރީޓް ޖާނަލުން ބުނެ އެވެ.

ހެއިޓީގެ ޖަސްޓިސް މިނިސްޓަރު ލިސްޓް ކުއެޓެލްއާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލްއިން ހޯމަ ދުވަހު ރިޕޯޓު ކޮށްފައިވާ ގޮތުގައި ރަހީނުންގެ ކޮންމެ މީހަކަށް އެއް މިލިއަން ޑޮލަރު ހޯދަން ވަގުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މި ހަފްތާގެ ކުރީކޮޅު ބުނި ގޮތުގައި ހެެއިޓީގައި އެމެރިކާގެ 16 ރައްޔިތަކާއި ކެނެޑާގެ މީހަކު ވަގަށް ނަގާފައިވާކަން އެޑިޕާޓްމަންޓަށް އޮތީ އެނގިފަ އެވެ.

ސަލާމަތީ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި 17 މީހުން ވަގަށް ނަގާފައި ވަނީ އެ މީހުން ގޮވައިގެން ހެއިޓީގެ ވެރިރަށް ޕޯޓް އޮ ޕްރިންސް އެއާޕޯޓަށް ދަތުރު ކުރަމުން ދަނިކޮށެވެ. އެ މީހުންގެ ތެރެއިން ބައެއް މީހުން އެއާޕޯޓަށް ބަލާފައި ބާކީ ތިބި މީހުން އެހެން މަންޒިލަކަށް ދާ ގޮތަށް އޮތީ ނިންމާފައި ކަމަށް އޮފިޝަލުން ބުނެ އެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުން 17 މީހުން ރަހީނުކުރި ގުރޫޕަކީ ވެރިރަށް ޕޯޓް އޯ ޕްރިންސްގައި ހަރަކާތްތެރިވާ "400 މަވޯޒޯ" ގޭންގްކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

ވައިޓް ހައުސްއިން ހޯމަ ދުވަހު ބުނި ގޮތުގައި ރަހީނުން ސަލާމަތް ކުރުމަށް އެފްބީއައި އިން ދަނީ އަމަލީ ގޮތުން މަސައްކަތް ކުރަމުންނެވެ. އެއީ ހެއިޓީއަށް ސިފައިން ފޮނުވަން ޖޯ ބައިޑަން ބޭނުންފުޅު ނުވާތީ އެވެ.

ހެއިޓީގެ ޖަސްޓިސް މިނިސްޓަރު ކުއެޓެލް ވިދާޅުވި ގޮތުގައި ފައިސާއިން ގޭންގަށް ބަދަލުދީފި ނަމަ ހޭދަ ކުރާނީ ބަޑި އާއި އިތުރު ހަތިޔާރު ހޯދާށެވެ. އޭނާ ވިދާޅުވީ މަސައްކަތް ކުރައްވަނީ އެއްވެސް ފައިސާއެއް ނުދީ ރަހީނުން ސަލާމަތް ކުރެވޭތޯ އެވެ. އެނޫން ގޮތެއްގައި ދައްކަން ޖެހޭ އަދަދު މަދުކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.