ބޮލީވުޑް

އިންޑިއާއިން އިންސްޓަގްރާމްގެ އެންމެ ކުރީގައި އުޅެނީ ބަތަލާއިން

Dec 3, 2015

ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރެއިން ގިނަތަރިންނަކީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވްކޮށް ހަރާކާތްތެރިވާ ތަރިންނެވެ.

އެމީހުންގެ ޒާތީ ދިރިއުޅުމުގެ ބައެއް ކަންތައްތަކާއި ފިލްމުތަކުގެ ކަންތައްތަކުގެ އިތުރުން ވެސް އެމީހުންގެ ވަށައިގެންވާ ފިލްމީ ދުނިޔޭގެ ގިނަ ކަންތައްތަކެއް މިފަދަ ތަރިން ކޮންމެ ދުވަހަކުވެސް އެމީހުންގެ ފިޔަވަޅުތަކަށް ފާރަވެ ތިބޭ ފޭނުންނާއި ހިއްސާކުރެ އެވެ.

މަޝްހޫރު ދެ ސޯޝަލް ނެޓްވޯކިން ސައިޓްކަމަށްވާ ފޭސްބުކާއި ޓްވިޓާގައި މިތަރިން ދުވާލަކު އެތަކެއް މީހުންނެއް އަންނަނީ ފޮލޯކުރަމުންނެވެ.

އެގޮތުން ގިނަބައެއް މެދުގައި މިހާރު އެންމެ މަޝްހޫރުވެފައިވާ ފޮޓޯ ޝެއަރިިން ނެޓްވޯކް ކަމަށްވާ އިންސްޓަގްރާމްގެ ހުން ބޮލީވުޑްގެ ތަރިންގެ މެދުގައިވެސް ވަނީ ވަރުގަދަ ރޯގާއަކަށްވެފަ އެވެ. އިންސްޓަގްރާމް މެދުވެރިކޮށް ވެސް ގިނަ ތަރިންނެއް އެމީހުންގެ ފޭނުންނާއި ވީހާވެސް ކައިރިން އެމީހުންގެ ދިރިއުޅުމާއި ސެލްފީތަކުގެ ފޮޓޯތައް އަބަދުހެން އަންނަނީ ޝެއާކުރަމުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މިފަދަ ތަރިންގެ އެތަކެއް މިލިއަން ފޭނުން އެމީހުން އިންސްޓަގްރާމްއިން ފޮލޯކުރަމުން އަންނައިރު، އިންޑިއާގެ މީހުންގެ ތެރެއިން އެންމެ ގިނަ މީހުން ފޮލޯކުރާ އެކައުންޓްތައް މިވަނީ އާންމުކޮށްފަ އެވެ.

އެގޮތުން ބޮލީވުޑްގެ ތަރިންގެ ތެރެއިން އިންސްޓަގްރާމްގައި އެންމެ ގިނަ މީހުން ފޮލޯކުރާ ފަސް އެކައުންޓް ނިސްބަތްވަނީ ކުރީ ސަފުން ގުނާލެވޭ ބަތަލާއިންނަށެވެ. އެއްވަނަގައި 4.5 މިލިއަން ފޮލޯވާސް އާއެކު ދިޕިކާ ޕަދުކޯން އޮތްއިރު ދެވަނަ ގައި 4.1 މިލިއަން ފޮލޯވާސް އާއެކު އުޅެނީ އާލިއާ ބަޓް އެވެ. އަދި ތިންވަނައި ގައި 4 މިލިއަން ފޮލޯވާސް އާއެކު ޕްރިޔަންކާ ޗޯޕްޅާ އޮތްއިރު ހަތަރުވަނައި ގައި 3.6 މިލިއަން އާއެކު އުޅެނީ ޝްރަދާ ކަޕޫރެވެ. މިލިސްޓްގެ ފަސްވަނަގައި 3.3 މިލިއަން ފޮލޯވާސްއާއެކު އުޅެނީ ސޯނަމް ކަޕޫރެވެ.

މީގެއިތުރުން ވެސް މިފަސް ބަތަލާއިން އިންސްޓްގްރާމް އަށް ލާފައިވާ ފޮޓޯތަކުގެ ތެރެއިން ކޮންމެ ބަތަލާއެއްގެ އެންމެ ގިނަ ލައިކްސް ލިބިފައިވާ ފޮޓޯވެސް ވަނީ އާންމުކޮށްފަ އެވެ. އެގޮތުން އެންމެ ގިނަ ލައިކްސް ވެސް ލިބިފައިވަނީ ދިޕިކާ "ޕީކޫ"ގެ ކާމީޔާބީ ފާހަގަކުރުމަށް ބޭއްވި ފާޓީގެ ކުރިން ނަގާފައިވާ އޭނާގެ ފޮޓޯއަކަށެވެ. މިފޮޓޯއަށް ވަނީ 226 މިލިއަން ލައިކްސް ލިބިފަ އެވެ.

މުޅި ދުނިޔެއިން މިއަހަރުގެ މިހާތަނަށް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވާ ފޮޓޯތަކުގެ ތެރެއިން އެންމެގިނަ ލައިކްސް އާއެކު އަދިވެސް އެންމެ ކުރީގައި އުޅެނީ ރިއަލިޓީ ޓީވީ ތަރި އަދި މޮޑެލް ކެންޑަލް ޖެނާގެ އިސްތަށިގަނޑުން ހިތްތަކެއް ހަދާފައިވާ ފޮޓޯ އެވެ. އެފޮޓޯއަށް 3.2 މިލިއަން ލައިކްސް ލިބިފައިވެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސްޓަގްރާމް ގަވާއިދުން ބޭނުންކުރާ 400 މިލިއަނަށް ވުރެން ގިނަ މީހުން ތިބިއިރު މީގެތެރެއިން 75 އިންސައްތަ އެކައުންޓްތައް ބޭނުންކުރަމުން އަންނަނީ އެމެރިކާއިން ބޭރުގައި، އެހެނިހެން ގައުމުތަކުގަ އެވެ.