އުތުރުން އިހަވަންދިއްޕޮޅުގައި އާގުބޯޓު ފަހަރަށް ހިދުމަތްދޭން އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.
ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ގަރާރުގެ ފުރަތަަމަ ކިއުން މިއަދު ވަނީ އިއްވައިފަ އެވެ. ސަލީމް ވިދާޅުވީ ދުނިޔޭގެ ހުޅަނގާއި އިރުން މުދާ ހިފައިގެން ދަތުރުކުރާ އާގުބޯޓުފަހަރު ރާއްޖޭގެ ސަަރަހައްދުން ދަތުރުކުރާ ކަމަށެވެ. އަދި ހާއްސަކޮށް ރާއްޖޭގެ އުތުރުގައި އޮތް 8 ޑިގްރީ ޗެނަލަކީ، ކާގޯ ބޯޓުފަހަރު ރާއްޖެ ހުރަސްކޮށް ދަތުރު ކުރާ މަޝްހޫރު މަގަކަށް ވާތީ އެއިން ނަފާ ހޯދަން އަމާޒު ހިފިދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އީރާނާއި ޕާކިސްތާނު ފަދަ ގައުމުތަކުން އެ ނަފާ ހޯދަން ޓްރާންސްޝިޕްމަންޓް ބަނދަރުތައް ހަދަމުންދިޔަ ނަމަވެސް އެކަމަށް ބޭނުންވާ ފައިސާ ރާއްޖޭގެ ނެތް ކަމަށާއި ނަަމަވެސް މިހާރު ވެސް މި ހިނދުން މި ހިންދަށް ކުރެވޭނެ ކަންތައްތައް އެބަހުރި ކަމަށެވެ. އެގޮތުން ބައެއް ހިދުމަތްތައް އާގުބޯޓުތަކަށް ދީފި ނަމަ އެ ހިދުމަތް ގިނަ އަދަދެެއްގެ ބޯޓުތަކުން ލިބިގަންނާނެ ކަމަށެވެ.
"... ބޯޓުފަހަރު މަޑުކުރުވައި ކޮންޓޭނަރުތައް ބާލައި ގުދަން ކުރުމާއި ބޯޓުފަހަރު ޑޮކްކުރުމުގެ ހުރިހައި ކަމެއް، ނުކުރިޔަސް
އިހަވަންދިއްޕޮޅަކީ ފަޅުވެރިން ބަދަލުކުރެވޭ ޕޮއިންޓަކަށް ހެދިދާނެ އެވެ. ބޯޓުފަހަރަށް ތެލާއި އެފަދަ އެނޫން ވެސް ޕްރޮވިޝަން
ސަޕްލައިކޮށް ލޯޑު ކުރެވޭ ޕޮއިންޓަކަށް ހެދިދާނެ އެވެ. ރާއްޖޭގެ އިރުމަތީގައި ތިބެފައި އެރޭބިއަން ސީ އަށް ނުކުންނަ ބޯޓުފަހަރު އެ ނުކުންނަނީ ދިގު ދަތުރަކަށެވެ. އެ ދިގުދަތުރަށް ނުކުންނައިރު، އާގުބޯޓު ފަހަރަށް ސެކިއުރިޓީ ހިދުމަތް ބޭނުންވެއެވެ. މާ ބޮޑު އިންވެސްޓްމެންޓެއް ނުކޮށްވެސް މިލިއަނުން ފައިސާ ލިބިދާނެ ކަމެކެވެ،" ސަލީމް ހުށަހެޅުއްވި ގަރާރުގައި ވެއެވެ.
ސަލީމް ވިދާޅުވީ ވަޒީފާގެ ބާޒާރު ތިޔާގިކޮށް، ދިރިއުޅުން ބޮޑުތަނުން ތަރައްގީކޮށް ރަނގަޅުކޮށް ކުރިއެރުވޭނެ މަގު މަގާއި ގޮތްތަކަށް ވިސްނައި އެކަންކަމަށް މަގުފަހިކޮށް ދޭން ޖެހޭ ކަމަށެވެ.