ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ގާއިމް ކޮށްފައިވާ ކުޑަކުދިންގެ ޖަލަކީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ކަމަށް އެޗްއާރްސީއެމުން ކަނޑައަޅައިފި އެވެ.
އައްސޭރި ޖަލުގައި ގާއިމް ކޮށްފައިވާ ކުޑަކުދިންގެ ޖަލަކީ އެ ކުދިންނަށް ރައްކާތެރި އަދި ބަންދުގައި މީހުން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށް އެޗްއާރްސީއެމް އިން ތަހުގީގު ކުރަމުން ދިޔަ މައްސަލައެއްގައި ފާހަގަވެފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުންޏެވެ.
އެތަނަކީ ރާއްޖޭގެ ގާނޫނުތަކާއި އަދި ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް ކުޑަކުދިން ބައިތިއްބާ ތަނެއް ކަމަށް އެޗްއާރްސީއެމުން ވަނީ ބުނެފަ އެވެ.
އެ ކޮމިޝަނުން ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ ކޮމިޝަނުން އައްސޭރި ޖަލަށް ޒިޔާރަތް ކުރިއިރު ކުޑަކުދިން ބައިތިއްބަން އާ ޖަލެއް ބިނާ ކުރަމުން ދިޔަ ކަމަށެވެ. އެ ޖަލުގެ މަސައްކަތްތައް ތިން މަސް ތެރޭގައި ނިމޭނެ ކަމަށް އޭރު ކަރެކްޝަނުން ބުނެފައިވާ ކަމަށެވެ.
ނަމަވެސް އެ ކޮމިޝަނުން ބުނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ކޮމިޝަނުން ޖަލަށް ޒިޔާރަތް ކުރިއިރު ވެސް އަލަށް ބިނާކުރާ ކުޑަކުދިންގެ ޖަލުގެ މަސައްކަތް ނިމިފައި ނުވާ ކަމަށެވެ.
އެހެންކަމުން މި މަހުގެ 14 ވަނަ ދުވަހުން ފެށެހެން އެތަނުގައި ތިބި ކުދިން ރައްކާތެރި މާހައުލަކަށް ބަދަލު ކުރުމަށާއި އަދި އެ ތާރީހުން ފެށެގެން އެތަނުގައި އެއްވެސް ކުއްޖަކު ބަންދު ނުކުރަން ކަރެކްޝަނަށް އަންގާފައިވާނެ ކަމަށެވެ.
އަދި އެކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށް ކަރެކްޝަންސް އިން ކަނޑައަޅާ ޕްލޭން މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން އެ ކޮމިޝަނަށް ހުށަހެޅުމަށް އެދިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.