މޯލްޑިވްސް ޕޮލިސް ސާވިސް

ޖަލަށް ވައްދަން އުޅުނު ފޯންތަކެއް އަތުލައިގެންފި

މާފުށީގައި ހުންނަ މައި ޖަލަށާއި ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް ވައްދަން އުޅުނު ގިނަ އަދަދެއްގެ ފޯނާއި މަސްތުވާތަކެތި ހޯދައި ފުލުހުން އަތުލައިފި އެވެ.

މާފުށިން ފުލުހުން ފޯނުތަކާއި މަސްތުވާތަކެތި ހޯދާފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާފުށީ ފުލުހާއި މާފުށި ޖަލު ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. މި އޮޕަރޭޝަނުގައި 34 އަހަރުގެ ފިރިހެނަކު ރޭ ފަތިހު ވަނީ ހައްޔަރުކޮށްފަ އެވެ.

އެމީހާ ހައްޔަރުކޮށް އެ ސަރަހައްދު ބަލައި ފާސްކުރި އިރު 44 ފޯނާއި، ފޯން ކަވަރަކާއި، 13 ޔޫއެސްބީ ކޭބަލް އާއި، ދެ ހެޑްސެޓާއި، މޮޑިފައިޑް 46 ފޯނު ޗާޖަރުގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓް ފެނިފައިވެ އެވެ.

ހިންމަފުށީގައި ހިންގި އޮޕަރޭޝަނަކީ ހިންމަފުށި ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ ތިން ވަނަ ދުވަހު ފުލުހުންނާއި ޕްރިޒަން އޮފިސަރުން ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގައި އައްސޭރި ޖަލު ހިމެނޭ ސަރަހައްދު ބަލައި ފާސްކޮށް ދެ ފޯނާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އަށް ދަޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވެ އެވެ. މި އެއްޗެތި ހުރީ ޖަލުގެ ބައުންޑަރީ ވޯލް ތެރޭ ހޮޅިދަނޑިއެއްގެ އަޑީގައި ޕޮޓްކޮށްފަ އެވެ. މި މައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރުކޮށްފަ އެއް ނުވެ އެވެ.

މިމައްސަލަތައް މާފުށި އަދި ހިންމަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.