ކުލަގަދަކޮށް އީދު ފާހަގަކުރަމުންދާ ތިން ރަށް ކަމަށްވާ ކ. ހިންމަފުށްޓާއި، ކ. މާފުށި އަދި ގއ. ވިލިނގިލީގައި ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެންފި އެވެ.
ހިންމަފުށީގައި ރޭ ދަންވަރު ހިންގި އޮޕަރޭޝަނުގައި އެ ރަށުގެ ކެފޭއެއް ކައިރީގައި ހުރި ގަސްތަކެއް ކައިރި ބަލައި ފާސްކޮށް 71 ފުޅި ބަނގުރާ އަތުލައިގެންފައިވެ އެވެ.
ގއ. ވިލިނގިލީގައި މިމަހުގެ އައްވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އޮޕރޭޝަނުގައި އެ ރަށު ހިއްކި ސަރަހައްދުގައި ހުރި ފަޅު ގެއެއް ބަލައި ފާސްކޮށް ހަ ދަޅު ބިޔަރު އަތުލައިގެންފައިވެ އެވެ.
ހިންމަފުށްޓާއި ވިލިނގިލިން ބަނގުރާ އަތުލައިގެން ނަމަވެސް މި ދެ މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
މީގެއިތުރުން ކ. މާފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މި މަހުގެ ހަތްވަނަ ދުވަހު 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެ އެވެ. މާފުށީގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 58 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެ އެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެ އެވެ.
ފުލުހުން ދަނީ މިމައްސަލަތައް އިތުރަށް ތަހުގީގުކޮށް މިކަމުގައި ޒިންމާވާ މީހުން ހޯދަމުންނެވެ.