ކްރިމިނަލް ކޯޓް

މާފުށްޓަށް ޑައިމޯފިން އެތެރެކުރަން އުޅުނު މީހަކު އުމުރަށް ޖަލަށް

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން އެތެރެ ކުރަން އުޅުނު މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މި ހުކުމް ކޮށްފައިވަނީ ކ. މާފުށި، ހަނދުވަރުދޭގޭ، މުހައްމަދު ނަސީމްގެ މައްޗަށެވެ.

ކޯޓުން މި ހުކުމް ކުރީ ދައުލަތުން އޭނާގެ މައްޗަށް 2019 ވަނަ އަހަރު ކުރި ދައުވާއާއި ގުޅިގެން މައްސަލަ ސާބިތުވާ ވަރަށް ފުލުހުން ހެކި ހޯދާފައިވާތީ ހެއްކަށް ބެލުމަށްފަހު އެވެ.

ދައުވާ އިން އެނގޭ ގޮތުގައި ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ވަނީ ފެބްރުއަރީ 26، 2019 ވަނަ ދުވަހު މެންދުރުފަހު 1:00 ހާއިރު މާލޭގެ ސިޓީ ގާޑަށް ރެސްޓޯރަންޓާ ދިމާލުން މާފުށްޓަށް ފުރުމަށް ފަޅުތެރޭގައި އޮތް ލޯންޗެއްގައި ނަސީމް އިންދާ އޭނާ ބަލައި ފާސްކޮށްފަ އެވެ.

ފާސް ކުރުމުގެ ތެރެއިން މަސްތުވާތަކެތި ފެނުނީ ނަސީމް ލާފައި ހުރި ޖިންސުގެ ޖީބު ތެރެއިންނެވެ. ޖީބުން ފެނުނު ޕެކެޓްގައި 26.6629 ގްރާމުގެ ޑައިމޯފިން ބަންދުކޮށްފައި ހުރި ކަމަށްވެސް ދައުވާގައިވެ އެވެ.

ގާޒީ އިސްމާއީލް ޝަފީއު ހުކުމްކޮށްފައިވަނީ ނަސީމު އުމުރަށް ޖަލަށްލުމަށާއި އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.