އަހުމަދު މޫސާ މުހައްމަދު

ކޯޓުން އަންމަޓީ ދޫކޮށްލައިފި

ދެ މީހުން ޖާމިނު ކުރުމަށް ފަހު، ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) ކަފާލާތުގެ ދަށުން ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

އަންމަޓީގެ ބަންދާމެދު ގޮތެއް ނިންމަން މީގެ ކުރިން ބޭއްވި މަޖިލިސްތަކުގައި ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އަންމަޓީގެ ފަރާތުން ވަނީ ޝަރީއަތުގެ އަޑުއެހުމުގައި އެދިފަ އެވެ. އެހެންކަމުން މި މަހުގެ 13 ވަނަ ދުވަހު ގާޒީ ހަސަން ސައީދު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދި ވަކި ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅުމަށް އެދިވަޑައިގެންފަ އެވެ. އެ ދުވަހުގެ އަޑުއެހުމުގައި މިކަމާ ގުޅޭ ގޮތުން ދެ ފަރާތުން ވަނީ ވާހަކަ ވެސް ދައްކައިފަ އެވެ.

ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބުނެފައި ވަނީ އަންމަޓީއަކީ ފިލައިގެން ދިއުމުގެ ރެކޯޑް އޮތް މީހެއް ކަމަށެވެ. ގާނޫނުގައި ކަފާލާތުގެ ދަށުން ދޫކޮށްލުން އޮތް ނަމަވެސް މި މައްސަލައިގެ ބާވަތުންނާއި ކުރިން ކަން ހިނގާފައި އޮތް ގޮތުން އޭނާއަކީ އަދިވެސް ފިލައިފާނެ ކަމުގެ އިހުތިމާލް އޮތް މީހެއް ކަމަށެވެ.

އަންމަޓީގެ ފަރާތުން ޖާމިނުކޮށްފައި ވަނީ އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ މަރިޔަމް ނައީމާ އަދި ކޮއްކޮ އަފީފާ މޫސާ އެވެ. އެމީހުން މިއަދު ކޯޓަށް ހާޒިރު ކުރުމަށް ފަހު ޝަރީއަތުން ސާފު ކުރަން ބޭނުންވާ ކަންކަން ވަނީ ސާފު ކޮށްފަ އެވެ. ދެ މީހުން ވެސް ވަނީ އަންމަޓީ ފިލައިގެން ނުދާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

ގާޒީ ހަސަން ސައީދު، އަންމަޓީ ކަފާލާތުގެ ދަށުން ދޫކޮށްލައިފައި ވަނީ ޝަރުތުތަކެއް ކުރުމަށްފަހުގަ އެވެ. އެގޮތުން ރަސްމީ ކޮންމެ ދުވަހަކު 9:00 އަށް ފުލުހަށް ހާޒިރުވެ ސޮއި ކުރަން ޖެހެ އެވެ. މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ އެއްވެސް ހެއްކަކާ އެއްވެސް ގޮތަކުން މުއާމަލާތް ނުކުރެވޭނެ އެވެ. ކޯޓުގެ ހުއްދަ ނެތި މާލެއިން ބޭރަށް ދިއުން ވެސް މަނަލެވެ.

އަދި މި ނިންމުމާމެދު ދައުލަތުން ހިތްހަމަ ނުޖެހޭނަމަ ކުރިން ވެސް ކަން ކުރިގޮތަށް އިސްތިއުނާފް ކުރުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށް ވެސް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

މީގެ ކުރިން ވެސް ކްރިމިނަލް ކޯޓުން އަންމަޓީ ވަނީ ޝަރުތުތަކަކާ އެކީ ދޫކޮށްލައިފަ އެވެ. ނަމަވެސް އެފަހަރު ދައުލަތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުން، އެ ކޯޓުން ވަނީ އޭނާ ބަންދު ކުރުމަށް އަމުރު ކޮށްފަ އެވެ. އަންމަޓީގެ މައްޗަށް ދައުލަތުން އުފުލައިފައިވާ ހިޔާނާތުގެ 42 ދައުވާއަށް އެނާ ވަނީ އިންކާރު ކޮށްފަ އެވެ.