ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އއ އަތޮޅު ކައުންސިލުން އެދުނީ ތަރައްގީގައި ރަށްރަށް ހަމަހަމަ ކުރުމަށް

Oct 20, 2021

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގައި އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފި އެވެ.

މިއަދު ހަވީރު ރަސްދޫގައި ހުންނަ އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި ކައުންސިލުން ވަނީ އަތޮޅުގެ ކުރިއެރުމަށާއި އަތޮޅު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ބޭނުންވާ ކަންކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި އަތޮޅު ކައުންސިލް ހިންގުމުގައި ދިމާވާ މާލީދަތިއް ވަރަށް ބޮޑަށް ފާހަގަކުރިއެވެ. އަދި އަތޮޅު ކައުންސިލްއަށް އިތުރު އާމްދަނީ ލިބޭނެ ގޮތްތަކެއް ސަރުކާރުން ފަހިކޮށްދިނުމަށް ވަނީ ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ދަންނަވާފައެވެ.

މީގެ އިތުރުން އަތޮޅު ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް އަވަސް ކޮށް ދިނުމަށާއި ސޯލާ ޕަވާ ޕްރޮޖެކްޓް ނުފެށޭތީ ހުރި ކަންބޮޑުވުންތައް ހިއްސާކުރި އެވެ. އަދި އަތޮޅު ފިހާރައިން ލިބޭ އާމްދަނީ ލިބެނީ ކޮން އުސޫލަކުން ކިހިނެއްކަން އޮޅުންނުފިލުމުގެ ސަބަބުން ދިމާވާ ދަތިތަކާ އެތަނުގެ އާމްދަނީ ލިބޭނެ ގޮތް ހަދަައިދިނުމަށް ވަނީ އަތޮޅު ކައުންސިލުން އެމަނިކުފާނުގެ އަރިހުގައި ދަންނަވާފައެވެ.

އަތޮޅު ކައުންސިލްގެ އިދާރީ މުވައްޒަފުން މަދުވުމުގެ ސަބަބުން ދޭންޖެހޭ ހިދުމަތްތައް ދިނުމުގައި ދިމާވާ ދަތިތަކާއި އަތޮޅުގައި ސީ އެމްބިއުލާންސް އެއް ނެތުމުން ދިމާވާ ގޮންޖެހުންތައްވެސް ކައުންސިލަރުން ފާހަގަ ކުރިއެވެ. މީގެ އިތުރުންވެސް އަތޮޅުކައުންސިލުން ވަނީ އަތޮޅުގެ ހުރިހާ ރަށެއް ހަމަހަމަކޮށް ތަރައްގީކޮށްދެއްވުމަށާއި މަޑިވަރު ފިނޮޅުގެ މައްސަލައިގައި ހުރި ކަންބޮޑުވުންތަކާއި ރަށްރަށުގެ ދަފްތަރެއް އޮތުމުގެ މުހިންމު ކަމާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކުވެއިތު ފަންޑުގެ އެހީގައި އަތޮޅު ހޮސްޕިޓަލް ތަރައްގީކުރުމުގެ މަޝްރޫއު ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ސީ އެމްބިއުލާސް އަންނަ އަހަރު ލިބޭނެ ކަމަށާ އަދި ރާއްޖޭގެ ހުރިހާ ރަށެއްގެ މައުލޫމާތު އެއްތަނަކުން އެނގޭނެގޮތަށް ދަފްތަރެއް ތައްޔާރުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންގެންދަވާ ކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރަސްދޫއަށް މިކުރައްވާ ދަތުރުފުޅަކީ އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް މިއަދު ފެއްޓެވި ދެދުވަހުގެ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ.