އއ. ރަސްދޫ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ވަގުތީ ހައްލެއް ހޯއްދަވައިދެއްވުމާއި އެކު ދާއިމީ ހައްލަކަށް ވެސް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު ރަސްދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
މިބައްދަލުކުރެއްވުމުގައި ރަސްދޫ ކައުންސިލުން އެންމެ ބޮޑަށް ފާހަގަކުރީ ރަށުގެ ބިން ފުރިފައިވުމުން ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އެވެ.
އެކަމަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ރަސްދޫ ރައްޔިތުންނަށް ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ވަގުތީ ގޮތުން ނަމަވެސް ހޯއްދަވައިދެއްވާނެ ކަމަށެވެ. އެކަމަކު އެމަނިކުފާނުގެ އަމާޒަކީ ދިގު ރާސްތާއަށް ވިސްނައިގެން އެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދައިދެއްވުމަަށް މަސައްކަތްކުރެއްވުން ކަމަށެވެ.
ރަސްދޫ ކައުންސިލުން ވަނީ އެރަށުގެ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ބޭނުންވާކަމާއި، ރަސްދޫގައި ފަށާ މަޝްރޫއުތައް ނުނިމި ލަސްވާތީ ހުރި ކަންބޮޑުވުންތަކާއި، ރަށުގެ ޔުޓިލީޓީޒްގެ ހިދުމަތް ލިބުމުގައި ހުރި ގޮންޖެހުންތައް ވެސް ފާހަގަކުރައްވާފަ އެވެ. އަދި ރަސްދޫގެ ބޭރު ތޮށި ހަލާކުވެފައިވާތީ ދިމާވާ ދަތިތަކާއި، ކުޅިވަރު ކުޅޭނެ ވަސީލަތްތައް މަދުވުމުން ހުރި ކަންބޮޑުވުންތައް ވެސް ހިއްސާކުރެއްވި އެވެ. މީގެއިތުރުން ސަރުކާރުގެ މިނިސްޓްރީތަކާއި ކައުންސިލާ ދޭތެރޭ އޮންނަ އިދާރީ ގުޅުން ހީނަރުވުމުގެ ސަބަބުން ހުރި ކަންބޮޑުވުންތަކެއް ވެސް ހިއްސާކުރެއްވި އެވެ.
އެ މައްސަލަތަކާ ގުޅިގެން ރައީސް ސޯލިހް ވަނީ އެމަނިކުފާނުގެ ސަރުކާރުގެ ވައުދުތަކާ އެއްގޮތަށް ފަށާފައިވާ ހުރިހާ މަޝްރޫއެއް ކުރިއަށް އޮތް ދެ އަހަރު ތެރޭ ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މިބައްދަލުވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން މައިގަނޑު ގޮތެއްގައި ވިދާޅުވީ އަލަށް މިފަދަ ކޮމިޓީއެއްގެ މަސައްކަތް ކުރިއަށްދާއިރު ކަމާގުޅޭ ފަރާތްތަކުގެ ފަންނީ ލަފައާއި އިރުޝާދު ކޮމިޓީއަށް ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނަވާފަ އެވެ.
އެކަމާ ގުޅިގެން ރައީސް ސޯލިހް ވަނީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ބޭނުންވާ ފަންނީ ލަފާ ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މި ބައްދަލުކުރެއްްވުމަށްފަހު ރައީސް ސޯލިހް ވަނީ ރަސްދޫގައި ހިންގާ އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވާލައްވާފަ އެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ރަސްދޫގައި ގިރާ ސަރަހައްދަށް ވަޑައިގެން އެތަން ވެސް ބައްލަވާލައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އއ. އަތޮޅުގެ ހަ ރަށަކަށް ކުރައްވާ ދަތުރުފުޅެއް ފެއްޓެވީ މިއަދު އެވެ. އެމަނިކުފާނު މިހާތަނަށް ވަޑައިގެންނެވީ އއ. އުކުޅަހާއި ރަސްދޫގެ އިތުރުން ތޮއްޑޫ އަށެވެ.