އެމެރިކާ

އެމެރިކާއިން ރާއްޖެއަށް އާ ސަފީރެއް

Oct 20, 2021

އެމެރިކާ އިން ދިވެހިރާއްޖެއާއި ސްރީލަންކާ އަށް ކަނޑައަޅުއްވާ އާ ސަފީރަކަށް ޖޫލީ ޗަންގް އައްޔަންކުރެއްވުމަށް ނިންމަވާ އެކަމަނާ އަށް ރުހުން ހޯއްދެވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އެމެރިކާގެ ސެނެޓަށް ހުށަހަޅުއްވައިފި އެވެ.

އެކަމަކު ޖޫލީގެ ނަމަށް ރުހުން ދިނުމާ މެދު ސެނެޓުން އަދި ވަކި ގޮތެއް ނިންމަވާފައެއް ނުވެ އެވެ.

އެމެރިކާ އިން ދިވެހިރާއްޖެއާއި ސްރީލަންކާ އަށް ކަނޑައަޅުއްވާ އާ ސަފީރަކީ ހާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އަދި އެ ދާއިރާ އިން ކިޔަވާ ވިދާޅުވެފައިވާ ބޭފުޅެކެވެ.

ޖޫލީ މީގެކުރިން ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގައި އެކްޓިން އެސިސްޓެންޓް ސެކްރެޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ. ގައުމުން ބޭރުގައި އެކަމަނާ އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ޗައިނާގެ ގުއަންޒޫގަ އެެވެ.

އޭގެފަހުގައި އެކަމަނާ ވަނީ ވަނީ އޭޝިއާގެ ގިނަ ގައުމުތަކެއްގައި ހުންނަ އެމެރިކާގެ އެމްބަސީތަކުގައި މަސައްކަތް ކުރައްވާފަ އެވެ. އެގޮތުން ޖަޕާން، ވިއެޓްނާމް، ތައިލެންޑް، ކެމްބޯޑިއާ އަދި އިރާގު ހިމެނެ އެވެ.

ޖޫލީ ޗަންގް އަކީ ދެކުނު ކޮރެއާ އަށް އުފަން އެކަމަކު އާއިލާ އާއި އެކު އުމުރުފުޅުން ފަސް އަހަރުގައި އެމެރިކާ އަށް ހިޖުރަކުރެއްވި ގޮތަށް އެ ގައުމުގައި ދިރިއުޅުއްވާ އެމެރިކާގެ ރައްޔިތެކެވެ.

އެމެރިކާ އިން ދިވެހިރާއްޖެއާއި ސްރީލަންކާ އަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ ގޮތުގައި މިވަގުތު ހުންނެވީ އެލެއިނާ ޓެޕްލިޓްޒް އެވެ. އެކަމަނާ އެ މަގާމާ ހަވާލުވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މަގާމުގެ ފަތްކޮޅު އެރުއްވީ ނޮވެމްބަރު 18، 2018 ގައެވެ. ރައީސް ސޯލިހް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވީ އޭގެ އެއް ދުވަސް ކުރިންނެވެ.

ސަފީރު އެލެއިނާގެ މަގާމުގެ ދައުރު ހަމަވާތީ އެކަމަނާ އިއްޔެ ވަނީ ރައީސް ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހަށް ވަދާއީ ޒިޔާރަތެއް ވެސް ކުރައްވާފަ އެވެ.

ސަފީރު އެލެއިނާގެ ދައުރުގައި ރާއްޖެއާއި އެމެރިކާގެ ގުޅުން އިތުރަށް ބަދަހިކޮށްފައިވެ އެވެ. އަދި ކޮވިޑް 19ގެ ދަތި އުދަނގޫ ދުވަސްތަކުގައި އެމެރިކާ އިން ވަނީ ރާއްޖެއަށް ތަފާތު އެހީތައް ވެސް ފޯރުކޮށްދީފަ އެވެ.