ރައީސް އޮފީސް

އެމެރިކާގައި ހުންނަވާ ސަފީރަކަށް ޣަފޫރު އައްޔަންކުރައްވައިފި

Sep 15, 2022
2

އެމެރިކާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމަށް މއ. އަތަމާވިލާ، އަބްދުލްޣަފޫރު މުހައްމަދު މިއަދު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ޣަފޫރަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

އެމެރިކާގައި ހުންނަވާ ސަފީރުގެ މަގާމަށް ޣަފޫރު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ ޖޫން މަހު އެވެ.

އެމެރިކާގައި ހުންނަވާ ސަފީރެއްގެ ގޮތުގައި އެންމެ ފަހުން ހުންނެވީ ހ. ނޫހިރި ތިލްމީޒާ ހުސައިން އެވެ. އޭނާ އަކީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންގެ ދައްތަ އެވެ.

ޣަފޫރު އެންމެފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގަ އެވެ. އޭގެ ކުރިން ފޮރިން މިނިސްޓްރީގެ ފޮރިން ސެކްރެޓެރީގެ މަގާމާއި އދ.ގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމާއި ޖެނީވާގައި ހުންނަ އދ.ގެ މަރުކަޒުތަކަށް، ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަގާމާއި އަދި ފޮރިން މިނިސްޓްރީގެ އިސްމަގާމުތަކެއް ވެސް ފުރުއްވާފައިވެ އެވެ.

އަބްދުލްޣަފޫރު މުހައްމަދު ވަނީ އެމެރިކާގެ ޓަފްޓްސް ޔުނިވަސިޓީގެ ފްލެޗާ ސްކޫލް އޮފް ލޯ އެންޑް ޑިޕްލޮމަސީން އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފަ އެވެ.