ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޝާހީން: މުސްލިމް ދުނިޔޭގެ "މޭން އޮފް ދި އިއާ"

ޖަރުމަނުގައި ދިރިއުޅުއްވާ ތުރުކީ ނަސްލުގެ ސައިންސްވެރިޔާ އަދި ބަޔޮންޓެކްގެ އެއްބާނީ އޫރް ޝާހީނަކީ މުސްލިމް ދުނިޔޭގެ "މޭން އޮފް ދި އިއާ" ކަމަށް ކަނޑައަޅައިފި އެވެ. އޭނާއަށް މި ޝަރަފު ދެއްވީ އުރުދުންގައި ހުންނަ ރޯޔަލް އިސްލާމިކް ސްޓްރެޓީޖިކް ސްޓަޑީޒް ސެންޓަރު (އާރްއައިއެސްއެސްސީ) އިން އަހަރަކު އެއްފަހަރު ޝާއިއުކުރާ ހޮވުމަކުންނެވެ.

"މުސްލިމް 500" 2022 އަދަދުން ޝާހީނަށް "މޭން އޮފް ދި އިއާ" ގެ ޝަރަފު ދެއްވި ސަބަބަކީ ކޮވިޑުން ރައްކާތެރިވުމަށް ވެކްސިނެއް، އެކަމަށް އެންމެ ބޭނުންޖެހިފައި އޮތް ދަނޑިވަޅުގައި އުފައްދައި ދުނިޔެއަށް ކުރެއްވި ހިދުމަތަށްޓަކަ އެވެ.

ބަޔޮންޓެކްގެ ނަމުގައި ޝާހީން އާއި އޭނާގެ އަނބި ކަނބަލުން އަޒްލީމް އުފައްދާފައިވާ ބޭސް ކުންފުނިން އުފެއްދި ކޮވިޑް ވެކްސިނަކީ ކޮރޯނާ ވައިރަހާ ދެކޮޅަށް 95 ޕަސެންޓް ކާމިޔާބު ވެކްސިނެކެވެ. އަދި އެއީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިންސާނުން ބޭނުން ކުރުމަށް ހުއްދަ ދިން ފުރަތަމަ އެމްއާރުއެންއޭ ވެކްސިނެވެ.

މި ވެކްސިންގެ ބިންގަލަކީ އެމްއާރުއެންއޭ ޓެކްނޮލޮޖީ އެވެ. ބަޔޮންޓެކްގެ އެންމެ ބޮޑު ކާމިޔާބީއަކީ ވެސް މި ޓެކްނޮލޮޖީ އެވެ. ބަޔޮންޓެކުން މިހާރު މަސައްކަތް ކުރަނީ މި ޓެކްނޮލޮޖީ ބޭނުން ކޮށްގެން އިންސާނުންނަށް ބުރަ ބޮޑުކުރާ ބަލިތަކަށް ފަރުވާއެއް އުފެއްދޭތޯ އެވެ.

ބަޔޮންޓެކް އާއި އެމެރިކާގެ ފައިޒާ ބޭސް ކުންފުނިން ގުޅިގެން އުފައްދާފައިވާ ކޮވިޑް ވެކްސިނަކީ ބައްރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުންދާ ކޮވިޑް ވެކްސިނެވެ.

ޝާހީންއަށް މޭން އޮފް ދި އިއާގެ ޝަރަފު ދިން ޖަމާއަތުން "ވުމަން އޮފް ދި އިއާ" ގެ ޝަރަފު ދެއްވާފައި ވަނީ ޓެންޒޭނިއާގެ ރައީސް ސާމިއާ ސުލޫހޫ ހަސަންއަށެވެ. އޭނާއަކީ އިރުމަތީ އެފްރިކާގެ ގައުމެއްގެ ފުރަތަމަ އަންހެން ރައީސެވެ. އޭނާއަށް ރައީސްކަން ލިބިވަޑައިގަތީ ރައީސްކަމުގައި ހުންނަވަނިކޮށް ޖޯން މަގުފުލީ އަވަހާރަވުމުންނެވެ. ސާމިއާ އެއިރު ހުންނެވީ ނައިބު ރައީސްގެ މަގާމުގަ އެވެ.

ރޯޔަލް އިސްލާމިކް ސްޓްރެޓީޖިކް ސްޓަޑީޒް ސެންޓަރުން ބުނީ ސާމިއާ ގެންދަވަނީ ގައުމު ހަރުދަނާ ކުރައްވަމުން ކަމަށާއި ޓެންޒޭނިއާ ދުނިޔެއަށް ހުޅުވެމުން އަންނަތަން ފެންނަމުންދާ ކަމަށެވެ.

އެންމެ މަގުބޫލް މުސްލިމް ލީޑަރެއް ގޮތުގައި އެސެންޓަރުން އިޚިތިޔާރު ކޮށްފައި ވަނީ ގަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އަލް ސާނީ އެވެ. އެއަށް ފަހު ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އާއި އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނައީ އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއި އުރުދުންގެ އަބްދުﷲ ރަސްގެފާނެވެ.