އިންޑިއާގެ ގުޖްރާތުގެ އަންހެނަކު އުމުރުން 70 އަހަރުގައި ވިހައިފި އެވެ. ކުޗް ޑިސްޓްރިކްޓްގައި ދިރިއުޅޭ މި މީހާ ވިހޭތާ މަހެއްހާ ދުވަސް ވެފައިވާއިރު އޭނާގެ ދަރިފުޅުގެ ސިއްހަތު ވެސް މުޅިން ރަނގަޅެވެ.
ޖިވޫބެން ރަބަރީ އާއި އޭނާގެ ފިރިމީހާ ވަލްޖީބާއީ ރަބަރީ، 75، އަށް ލިބުނު ފުރަތަމަ ދަރިފުޅަށް އެމީހުން ކިޔާފައި ވަނީ ލާލޯ އެވެ. މި ކުއްޖާ ވިއްސީ ސިޒޭރިއަން ހަދައިގެންނެވެ.
މި އަންހެންމީހާއަށް ދަރިއަކު ހޯދުމުގެ މަރުހަލާ ދިޔައީ އެހާ ފަސޭހަ ކޮށެއް ނޫނެވެ. އަންހެންމީހާއަށް ދަރިއަކު ލިބޭތޯ ފަރުވާ ކޮށްދިނުމަކީ ބޫޖް އަވަށުގައި ހުންނަ ދަރިން ނުލިބޭ މީހުންނަށް ފަރުވާ ދޭ ހޮސްޕިޓަލެއްގެ ޑޮކްޓަރުން ވަރަށް ބޮޑު ގޮންޖެހުމަކަށް ވިއެވެ. ނަމަވެސް ދެމަފިރިންގެ ހިތްވަރާއި އަޒުމުން ޑޮކްޓަރުންނަށް ވެސް މިކަމުގައި ހިތްވަރު އެލުވާނުލައި ކުރިޔަށް ދެވުނީ އެވެ.
ޓައިމްސް އޮފް އިންޑިއާގައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޖިވޫބެން އާއި ފިރިމީހާ އަށް ދަރިއަކު ލިބޭތޯ ޑޮކްޓަރުން ދިން ފަރުވާ އަކީ އެކްސްޕެރިމެންޓެއް (އަޖުމަބަލަން) ގޮތަށް ކުރި ކަމެކެވެ.
ޖީވޫބެން އާއި ވަލްޖީބާއީގެ ކައިވެންޏަށް 45 އަހަރުވެފައިވާއިރު މި ކައިވެންޏަށް ވީހާ ދުވަހެއް ދެމަފިރިން ދަރިއަކު ހޯދަން ހިތްވަރާއެކު މަސައްކަތް ކުރަމުން އައިސްފައި ވެއެވެ. ނަމަވެސް އިން-ވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ގެ އެހީގައި ޖީވޫބެން ބަލިވެ އިނުމާ ހަމައަށް މި ދެމަފިރިން ކުރި ހުރިހާ މަސައްކަތެއް ވީ ނާކާމިޔާބެވެ.
ޖީވޫބެންގެ އަތުގައި އޭނާގެ އުމުރު އެނގޭނެ އެއްވެސް ލިޔެކިޔުމެއް ނެތެވެ. ނަމަވެސް ޑޮކްޓަރުން ބުނެފައި ވަނީ އޭނާގެ އުމުރު 65 އަހަރަށް ވުރެ ދަށް ނުވާނެ ކަމަށެވެ. އަދި ބޮޑަށް ލަފާ ކުރެވޭނީ 70 ވަރަކަށް އަހަރު އޭނާއަށް ވެފައި ހުންނާނެ ކަމަށެވެ. މި އުމުރުގައި ވެސް ޖީވޫބެން ދަރިއަކު ބޭނުން ވެގެން ވަރަށް ބޮޑަށް އެދެން ފެށުމުން ޑޮކްޓަރުން ވެސް އައިވީއެފް ހަދައިދޭން އެއްބަސްވީ އެވެ. ނަސީބު ދިމާކުރި ގޮތުން މިކަން ކާމިޔާބުވެ ޖީވޫބެންގެ ދެމަފިރިންގެ 40 އަހަރަށް ވުރެ ގިނަ ދުވަހުގެ ހުވަފެންތައް ކާމިޔާބުވީ އެވެ.
އެ އުމުރުގައި ބަލިވެ އިނުމަކީ ރައްކާތެރިކަމެއް ނޫންކަން ޖީވުބެން އަށް ވިސްނައި ދެވޭތޯ ފުރަތަމައިނުން ޑޮކްޓަރުން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާ ރޮއިރޮއިފައި އެކަމަށް އެދުނު ވަރުން ޑޮކްޓަރުންނަށް އެކަން ކޮށްދޭން މަޖްބޫރުވީ ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.
އަންހެނުންގެ ޚާއްސަ ޑޮކްޓަރު ނަރޭޝް ބާނޫޝާލީ ވިދާޅުވީ ފުރަތަމައިނުން ޖެހުނީ ބޭސް ކާންދީގެން ޖީވޫބެންގެ މެންސްޗުރަލް ސައިކަލް ބަރާބަރު ކުރާށެވެ. ދެން އޭނާގެ ރަހިމު ފުޅާކުރީ އެވެ. އެއީ އުމުރުން ދުވަސްވުމުގެ ސަބަބުން ރަހިމަށް ރޫޖެހި ކުރުގެޅިފައިވާތީ އެވެ. ދެން އޭނާގެ ބިސް ފާޓިލައިޒްކުރުމަށް ފަހު ބްލާސްޓޯސިސްޓެއް ކްރިއޭޓްކޮށް ރަހިމަށް އެ ޓްރާންސްފާ ކުރީ އެވެ.
އޭގެ ދެ ހަފުތާ ފަހުން ޑޮކްޓަރުން ސޮނޯގްރަފީ ހަދާފައި ބެލިއިރު ކުއްޖާ ރަނގަޅަށް ތަރައްގީވަމުން އަންނަތަން މޮނިޓާ އިން ފެނުމުން ހައިރާންވި ކަމަށް ޑރ. ބާނޫޝާލީ ވިދާޅުވި އެވެ. ފަހުން ޗެކް ކުރިއިރު ހާޓްބީޓް ވެސް އަޑު އިވުނު ކަމަށާއި ކުއްޖާގެ އުފެދުމުގައި އެއްވެސް އައިބެއް އުނިކަމެއް ނެތްކަން ޔަގީންވުމުން އެ ކުއްޖާ ސަލާމަތުން ދިރިހުއްޓާ އުފަން ކުރެވިދާނެކަމުގެ ޔަގީންކަން ލިބި، ހިތްހަމަޖެހުނު ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.