ލައިފްސްޓައިލް

ދަރިން ވިޔާނުދާކޮށް އުޅޭނަމަ މައިންބަފައިންނަށް އަދަބު!

ދަރިން ވިޔާނުދާކޮށް އުޅޭނަމަ އެ ކުދިންގެ މައިންބަފައިންނަށް އަދަބު ދެވޭ ގޮތަށް ގާނޫނެއް ފާސްކުރަން ޗައިނާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ޗައިނާގެ ރަބާ-ސްޓޭމްޕް ޕާލަމެންޓް، ދަ ނެޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ)ގެ ސްޓޭންޑިން ކޮމެޓީން މިހާރު ގެންދަނީ ޑްރާފްޓްކޮށްފައިވާ މި ބިލް ރިވިއު ކުރަމުން ކަމަށް ރޮއިޓާސް ނިއުސް އެޖެންސީން ބުނެފައި ވެއެވެ.

މި ގާނޫނު ބުނާ ގޮތުން ދަރިން ވިޔާނުދާކޮށް ކުށްތަކަށް އަރައިގަންނަ ނަމަ މައިންބަފައިން ކުށްވެރިވާނެ އެވެ. އަދި އެމީހުންނަށް އެކަންކަމުން ދަރިން ސަލާމަތްކުރާނެ ގޮތުގެ ތަމްރީނުތައް ދޭނެ އެވެ. ނުވަތަ އެމީހުންކުރީ ކުށެއް ކަމަށް ބަލައި ހައްގު އަދަބު ދޭނެ އެވެ.

"ފުރާވަރު ކުދިން ބަސްނާހާ ވިޔާނުދާކޮށް އުޅުމުގައި މައިންބަފައިންގެ އިހުމާލު ވަރަށް ބޮޑު. އާއިލާއިން އެކުދިންނަށް ރަނގަޅު ތައުލީމާއި ތަރުބިއްޔަތު ނުދޭތީ މިހެން ދިމާވަނީ،" ނެޝަނަލް ޕީޕަލްސް ކޮންގްރެސްގެ ތަރުޖަމާނު ލެންގް ޓައިވީ ވިދާޅުވި އެވެ.
މިހާރު މި ބިލް ޑްރާފްޓްކޮށްފައިވާ ގޮތުން ދަރިން ކުރާ ކުށްތަކުގެ ޒިންމާއިން ބައެއް މައިންބަފައިން ނަގަން ޖެހެ އެވެ. އަދި ސްކޫލުން ހަދާފައިވާ ގަވާއިދުތަކާ ޚިލާފަށް ކުދިން ކުރާ ކުށްތަކުގެ ޒިންމާގެ ބައެއް ވެސް މައިންބަފައިންގެ ބޮލުގައި އެޅެ އެވެ. އަދި ވިޔާނުދާކޮށް އުޅޭ ކުދިންގެ މައިންބަފައިންނަށް ވެސް ފެމެލީ އެޑިއުކޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވާން މަޖްބޫރުވާނެ އެވެ.

މި ގާނޫނު ބުނާ ގޮތުން އުމުރުން 16 އަހަރަށް ވުރެ ދަށުގެ ކުދިން (ޗައިނާގައި ކުޑަކުދިން ކަމަށް ބަލާ އުމުރު) ކުރާ ބޮޑެތި ގިނަ ކުށްތަކަކަށް އެކުދިންގެ މައިންބަފައިންނަށް އަދަބު ދެވިދާނެ އެވެ. އެހެންކަމުން މައިންބަފައިން އަބަދުވެސް އެމީހުންގެ ދަރިންނަށް އެމީހުންގެ ގައުމަށާއި މީހުންނަށް އަދި ޕާޓީ އަށާއި ސޯޝަލިޒަމް އަށް ލޯބިކުރަން ދަސްކޮށްދޭން ޖެހޭނެ ކަމަށް ވެސް މި ބިލުގައި ބުނެފައި ވެއެވެ.

މިއީ ފާއިތުވީ އަހަރު އެ ގައުމުގައި ކުށްކުރާ ކުޑަކުދިންގެ އަދަދު މާ ބޮޑަށް ގިނަވެފައިވާތީ ތައްޔާރުކޮށްފައިވާ ބިލެކެވެ.
ދަރިވަރުން އޮންލައިންކޮށް ގޭމްތައް ކުޅޭ މިންވަރު މަދުކުރަން އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ފާއިތުވީ މަސްތަކުގައި ސްކޫލް ކުދިންނަށް އަންގާފައި ވެއެވެ. މި އެންގުމުގައި ބުނެފައިވާ ގޮތުގައި ދަރިވަރުންނަށް ގޭމް ކުޅުން ހުއްދައީ ހުކުރު، ހޮނިހިރު އަދި އާދިއްތަ ދުވަހު އެވެ. އެ ދުވަސްތަކުގައި ވެސް ގޭމް ކުޅެވޭނީ ހަމައެކަނި ދުވާލަކު އެއް ގަޑިއިރު އެވެ.