ސްޓާ ޕްލަސްގެ ދުވަސްވީ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" އަނެއްކާވެސް އާ ފެށުމަކުން ފަށައިފި އެވެ. މިއީ މި ސިލްސިލާ މިގޮތަށް އާ ފެށުމަކުން މުޅިން އާ ވާހަކައަކާއި އާ ތަރިންނާއެކު ފެށި ތިން ވަނަ ފަހަރެވެ.
މި ސިލްސިލާ ފުރަތަމަ ފެށިއިރު ލީޑް ރޯލު ކުޅުނީ ހީނާ ޚާން އާއި ކަރަން މެހެރާ އެވެ. މި ދެ ތަރިން ގާތްގަނޑަކަށް ހަތް އަހަރު މި ސިލްސިލާގެ ލީޑް ރޯލު އަދާ ކުރި އެވެ. ދެން ފެނުނީ މި ދެ ތަރިން ވަކިވެ އަނެއްކާ ވެސް އާ ތަރިން ތަކަކާއެކު ސިލްސިލާ ފެށި ތަނެވެ. އެގޮތުން ކަރަން އާއި ހީނާގެ ކެރެކްޓާގެ ދަރިން ގޮތުގައި ދެން ފެނުނީ ޝިވާންގީ ޖޯޝީ އާއި މޮހްސިން ޚާން އެވެ. މިހާރު މި ދެ ތަރިން ވެސް ސިލްސިލާއިން ވަކި މި މީހުން ކުޅުނު ކެރެކްޓާތަކުގެ ދަރިންގެ ގޮތުގައި އާ އެކްޓަރުންތަކެއް މުޅިން އާ ވާހަކަ އަކާއެކު ފަށަން ވަނީ ތައްޔާރުވެފަ އެވެ.
މިފަހަރު ގެނެސްދޭނީ އަކްޝަރާ އާއި ކައިރަވް އަދި އާރޯހީގެ ވާހަކަ އެވެ. ކައިރަވްގެ ރޯލު ކުޅޭނީ މަޝްހޫރު ޓީވީ އެކްޓަރު ހަރްޝަދު ޗޯޕްޅާ އެވެ. އާރޯހީގެ ރޯލު ކުޅޭނީ ކަރިޝްމާ ސާވަންތެވެ. އަކްޝަރާގެ ރޯލު ޕްރަނާލީ ރާތޯޑެވެ. މިފަހަރުގެ ވާހަކައިގައި މި ތިން ތަރިންގެ ލަވް ޓްރައިންގަލް އެއް ދައްކާނެ ކަމަށް ވެއެވެ.
އުދައިޕޫރު ކިޔާ ރަށެއްގައި ސިލްސިލާގެ މި އާ ވާހަކައިގެ ޝޫޓިންގް ހަރްޝަދު އާއި ޕްރަނާލީ މިހާރު ވަނީ ފަށާފަ އެވެ. އަދި ސިލްސިލާގައި ބައިވެރިވާ އާ ތަރިންގެ ޕްރޮމޯތައް ވެސް މިހާރު ސްޓާ ޕްލަސް އިން ވަނީ ދައްކަން ފަށާފަ އެވެ.
މިހާރު މި ޝޯގައި ދައްކަނީ ޝިވާންގީ އާއި މޮހްސިން ކުޅުނު ދެ ކެރެކްޓާ ކަމަށްވާ ސައިރަތު އާއި ކަރްތިކްގެ ލޯބީގެ ވާހަކައަށް ނިމުން އަންނަ ގޮތެވެ.
ސައިރަތު އާއި ކާރްތިކްގެ ކެރެކްޓާއަކީ ފޭނުން އިންތިހާއަށް ލޯބިވާ ދެ ކެރެކްޓާއަށް ވާތީ މި ދެ ކެރެކްޓާގެ ވާހަކައަށް ނިމުން އަންނާތީ ސިލްސިލާގެ ފޭނުން މިހާރު ތިބީ ވަރަށް ދެރަ ވެފަ އެވެ. ނަމަވެސް ބޮޑެތި ވެފައިވާ ދަރިންގެ މައިންބަފައިންގެ ރޯލު ކުޅެން ވަރަށް ޒުވާން ދެ އެކްޓަރުން ކަމަށްވާ ޝިވާންގީ އާއި މޮހްސިން ތައްޔާރެއް ނޫނެވެ. އެހެންވެ މި ދެ އެކްޓަރުން ޝޯއަށް އަލްވަދާއު ކިޔަން ނިންމީ އެވެ.