މަސްތުވާ ތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ދޮށީ ދަރިފުޅު އާރްޔަން ޚާން ބޮމްބޭގެ އާތާ ރޯޑު ޖަލުގައި ހައްޔަރުކުރި ފަހުން ފުރަތަމަ ފަހަރަށް ޝާހް ރުކް ޚާން ދަރިފުޅާ ބައްދަލު ކުރަން ޖަލަށް ހިނގައްޖެ އެވެ.
ޝާހް ރުކް އޭނާގެ ދަރިފުޅާ ބައްދަލު ކުރަން ދިޔައީ ކަފާލާތުގެ ދަށުން ދަރިފުޅު މިނިވަން ކުރަން ތިން ފަހަރެއްގެ މަތިން ކުރި މަސައްކަތް ނާކާމިޔާބު ވުމުންނެވެ. މިއަދު ވެސް މި މައްސަލައިގެ އަޑުއެހުމެއް ކޯޓުގައި އޮންނާނެ އެވެ.
އާރްޔަން ހައްޔަރުކުރީ މި މަހުގެ ތިން ވަނަ ދުވަހު މުމްބައި އިން ގޯއާ އަށް ފުރަން ތައްޔާރުވެފައި އޮތް ކުރޫޒް ޝިޕް އަކުންނެވެ. އިންޑިޔާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ބުނެފައި ވަނީ މި ކްރޫޒް ޝިޕްގައި މަސްތުވާތަކެތީގެ ޕާޓީއެއް ހިނގަމުން ދިޔަ ކަމަށެވެ. އަދި އާރްޔަން ހައްޔަރުކުރީ އޭނާ އާ މަސްތުވާ ތަކެއްޗާ ގުޅުން ހުރި ކަމުގެ ފުރިހަމަ ހެކި ލިބިގެން ކަމަށް އެންސީބީ އޮފިޝަލުން ބުނެފައި ވެއެވެ.
ދަރިފުޅާ ބައްދަލު ކުރަން ޝާހް ރުކް ޖަލަށް ގޮސް ވަންނަނިކޮށް ޕަޕަރާޒީން ފޮޓޯ ނަގާފައި ވެއެވެ. މިއީ ދަރިފުޅު ހައްޔަރު ކުރި ފަހުން ބޭރު ތެރޭން ޝާހް ރުކް ފެނުނު ފުރަތަމަ ފަހަރެވެ.
އިއްޔެ އޮތް އަޑު އެހުމުގައި ވެސް އާރްޔަން ކަފާލާތުގެ ދަށުން މިނިވަން ކުރަން ކޯޓުން ވަނީ ދެކޮޅު ހަދާފަ އެވެ. އެހެންވެ މިއަދު މުމްބައި ހައި ކޯޓަށް މި މައްސަލަ ވައްދަން އާރްޔަންގެ ލޯޔަރުން ވަނީ ނިންމާފަ އެވެ.
މި މައްސަލައިގައި ޝާހް ރުކް އާއި އާރްޔަންއަށް ތާއީދުކޮށް ފިލްމީ ދާއިރާގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފަންނާނުން ސޯޝަލް މީޑިއާގައި ދަނީ އަޑު އުފުލަމުންނެވެ. މި އެންމެން ވެސް ދެކޭ ގޮތުގައި އާރްޔަން އަށް ދައްކަން ޖެހިފައިވަނީ ބައްޕަގެ މަޝްހޫރުކަމުގެ އަގެވެ. އަދި ޝާހް ރުކް އަކީ މުސްލިމަކަށް ވާތީ އޭނާގެ ދަރިފުޅަށް އެއްވެސް ހެއްކެއް ނެތި އަނިޔާ ދެމުން ދަނީކަމަށް ވެސް ބައެއް ފަންނާނުން ބުނެފައި ވެއެވެ.
އޮކްޓޯބަރު އަށް ވަނަ ދުވަހާ ހަމައަށް އާރްޔަން ބަހައްޓާފައި ހުރީ އެންސީބީގެ ކަސްޓަޑީގަ އެވެ. ނަމަވެސް އެ ދުވަހުން ފެށިގެން އާރްޔަން ވަނީ އާތާ ރޯޑު ޖަލަށް ބަދަލު ކޮށްފަ އެވެ.