އއ. މަތިވެރި ބިން ހިއްކުމުގެ މަޝްރޫއު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އއ. މަތިވެރިއަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންގެ ޝަކުވާތައް އަޑުއެއްސެވުމަށްފަހު އެވެ.
މަތިވެރީގެ ބިން ހިއްކުމާއި ބޯހިޔާވަހިކަމުގެ ވާހަކަ ބައެއް ރައްޔިތުން ފާހަގަކުރުމުން ރައީސް ވިދާޅުވީ އެ މައްސަލަ ރަށުގެ ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި ކައުންސިލަރުން ވެސް ފާހަގަކުރެއްވި ކަމަށެވެ.
އޭގެފަހުގައި އެމަނިކުފާނު ވިދާޅުވީ މަތިވެރީގެ ބިން ހިއްކުމުގެ މަޝްރޫއު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށެވެ. އެކަމަކު އެކަމާ ގުޅޭ ތަފްސީލްތަކެއް ރައީސް ހިއްސާކުރައްވާފައެއް ނުވެ އެވެ. ނަމަވެސް އެމްޓީސީސީއާ ވާހަކަދައްކައިގެން މަސައްކަތް ފަށާނެ ތާރީހެއް ބައްލަވައިދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ދެއްވި ޖަވާބާ ގުޅިގެން ބައްދަލުވުމުގައި ތިބި ގިނަ މީހުން ވަނީ އަތްތިލަބަޑި ޖަހައި، ރައީސަށް ޝުކުރު އަދާކޮށްފަ އެވެ.
ރައްޔިތުން ދެވަނަ ކަމެއްގެ ގޮތުގައި އެންމެ ބޮޑަށް ފާހަގަކުރެއްވީ މަތިވެރި ސިއްހީ މަރުކަޒު ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި ތަނުގެ ޖާގަ އިތުރުކުރުމުގެ ވާހަކަ އެވެ. ރައީސް ވިދާޅުވީ ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހުންނާނެ ކަމަށެވެ. ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރެވޭނީ އެކަން ކުރެވޭ ވަރަށް މުވައްޒަފުން ތިބި ކަމަށްވާނަމަ ކަމުގައިވެސް ވިދާޅުވި އެވެ. އެކަމުގައި ހެލްތު މިނިސްޓްރީއާ ވާހަކަދެއްކުމަށްފަހު އެއީ މިވަގުތު ކުރެވެން އޮތް ކަމެއް ކަމަށްވާނަމަ އެކަން ކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.